އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނަވައި ވަކި މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ނުކުރާނެ ކަމުގެ ޔަގީންކަން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެ ޕާޓީގެ މެންބަރުންނަށް މިރޭ ދީފި އެވެ.
ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 31 ވަނަ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓާއެކު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ޣަފޫރު ވަނީ އިންތިހާބުކޮށްފަ އެވެ.
އެ މަގާމަށް އިންތިހާބުވުމާއެކު ޣަފޫރު ވަނީ އޭނާއަށް ތާއިދުކޮށް ވޯޓު ދެއްވި ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއީލް ކޮށްދެއްވި މަސައްކަތްތަކަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.
"އަޅުގަނޑަށް ވަކި މީހަކަށް ވަކި ގޮތެއް ހަދަން، ވަކި މީހެއްގެ ނުފޫޒަށް ތަބާވެގެންނެއް ކަންކުރާނެ މީހެއް ނޫން އަޅުގަނޑަކީ. އެހެންވެ އެ ޔަގީންކަން އަޅުގަނޑު ތި ބޭފުޅުންނަށް އަރުވަން،" ޣަފޫރު ވިދާޅުވި އެވެ.
އެ މަގާމުގައި ހުންނަވައި އަމަލުކުރައްވާނީ އެ ޕާޓީގެ އަސާސީ ގަވާއިދާއި އުސޫލާއި ހަމައިގެ ތެރެއިން ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.
ޣަފޫރު އަކީ މިވަގުތު އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ހުންނެވި އެންމެ ގިނަ ދުވަސްވީ މެންބަރެވެ. މިވަގުތު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެންމެ ދުވަސްވީ މެންބަރުންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަނުގެ މަގާމުގައި ޣަފޫރަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމެއް ކަމަށް ބެލެވެނީ ޕާޓީގެ ތެރޭގައި އޮތް ހިޔާލު ތަފާތުވުންތަކާއެކު، އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ކުރިމަތިލުމެވެ.
ޗެއާޕާސަންގެ މަގާމާ ހަވާލުވެ ޣަފޫރު ދިނީ ވަކި މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ނުކުރާނެ ކަމުގެ ޔަގީންކަން ޗެއާޕާސަންގެ މަގާމާ ހަވާލުވެ ޣަފޫރު ދިނީ ވަކި މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ނުކުރާނެ ކަމުގެ ޔަގީންކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ