7 ވަނަ ކެރަމް ވޯލްޑް ކަޕް: ފޭން ޒޯން ހަރަކާތްތައް މިއަދު ހަވީރު މާލެއާއި ހުޅުމާލޭގައި!

އަންނަ މަހު 2 ގައި މާލޭގައި ފަށާ ދުނިޔޭގެ ކެރަމްގެ އެންމެ ޝަރަފުވެރި މުބާރާތް، ކެރަމް ވޯލްޑް ކަޕުގެ ފޭން ޒޯން ހަރަކާތްތައް މިއަދު ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މިއަހަރުގެ ކެރަމް މޯލްޑް ކަޕް އިންތިޒާމް ކޮމިޓީގެ ފަރާތުން މައުލޫމާތު ދޭގޮތުގައި ފޭން ޒޯންގެ ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައި އެވެ. އެގޮތުން މި ހަރަކާތްތައް އިރުއޮއްސި 18:00 އާއި ހަމައަށް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައި އެވެ.
ކެރަމް ވޯލްޑް ކަޕްގެ ފޭންޒޯންތައް ގާއިމްކޮށް ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ މާލޭގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި ހުންނަ ކެރަމް ހޯލްއާއި ހުޅުމާލޭ ފޭސް 1 ގައި ހުންނަ ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތުގައި ހުންނަ ހުޅުމާލެ ކެރަމް ހޯލްގައި އެވެ. މި ފޭން ޒޯންތަކުގައި ކެރަމްއާއި ގުޅޭ ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންދިޔުމަށް ނިންމާފައިވާއިރު މި ހަރަކާތްތަކުގައި ބައިވެރިވެގެން އިނާމުތައް ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ރަމް މޯލްޑް ކަޕް އިންތިޒާމް ކޮމިޓީން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މުބާރާތާއި ގުޅޭ އިތުރު މައުލޫމާތުތަކާއި މުބާރާތުގައި ސަޕޯޓާސް ޖާޒީތަކަށްވެސް ޕްރީއޯޑާ ކުރުމުގެ ފުރުސަތުވެސް މި ފޭން ޒޯންތަކުން ލިބިގެންދާނެ އެވެ.
މި ހަރަކާތްތަކުގައި ދިވެހި ގައުމީ ޓީމުގެ ކުޅުންތެރިންވެސް ބައިވެރިވުމަށް ވަނީ ނިންމާފައި އެވެ. މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑުގައި ހިމެނެނީ، ފިރިހެން ގައުމީ ސްކޮޑުގައި ، އިބްރާހިމް ހުޖާން އަލީ، ހަސަން ނާޒިމް، އިސްމާއިލް އަޒްމީން، މުހައްމަދު މުންތަސިރު އަދި އާދަމް އަދީލް އެވެ. އަންހެން ޓީމުގައި ހިމެނެނީ، އައިމިނަތު ވިޝާމާގެ އިތުރުން، އައިމިނަތު ވިދާދު، އައިޝަތު ފައިނާޒް، ފާތިމަތު ރަޔާނާ އަދި އައިޝަތު ނަހުފާ އެވެ.
މިއަހަރުގެ ވޯލްޑް ކަޕަކީ، ސަން އައިލެންޑް ރިސޯޓުގައި 2014 ވަނަ އަހަރު ކެރަމް ވޯލްޑް ކަޕް ހޯސްޓްކުރި ފަހުން، ރާއްޖޭގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. 11 އަހަރަށް ފަހު، ކެރަމް ވޯލްޑް ކަޕް ރާއްޖެ އަށް ގެނެވުނުއިރު މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 2-6 އަށް މާލޭގެ ބާސެލޯސް ނަަސަންދުރާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ