ބައިބައިވާންވީ ސަބަބެއް ނުވިސްނޭ، އުޅެންވީ ގުޅިގެން މައްސަލަތައް ހައްލުކުރަން: ހަސަން ސައީދު

އައްޑޫ އަތޮޅުގެ ރައްޔިތުން ބައިބައިވާންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށާއި، އޭހެ ބަދަލުގައި އަތޮޅުގެ ތަރައްގީއަށް މުހިންމު ކަންކަން ހާސިލްކުރަން މަސައްކަތްކުރުމަށް ފޭދޫއަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދު އިއްޔެ އެދިވަޑައިގެންފިއެވެ. އައްޑޫ ސިޓީ ކައުންސިލުން، ފޭދޫ އާއި، މީދޫއާއި ހުޅުދޫ ހިމެނޭހެން ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތައް އުފެއްދުމާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން އެންމެ ފަހުގެ ތައްޔަރީތައް މިހާރު އަންނަނީ ވަމުންނެވެ. ވޯޓާ ގާތްވަމުން އަންނަވަރަކަށް އައްޑޫ ރައްޔިތުންގެ މެދުގައި މިކަމުގެ ބަހުސްތައް އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި ރަށްތައް ސިޓީ ކައުންސިލުގެ އިދާރީ ހިންގުމުން ބައިބައިނުވުމަށް ގޮވައިލައި ބައެއް ރައްޔިތުން ވަކާލާތުކުރަމުން އަންނައިރު، އަނެއް ބަޔަކު ގޮވައިލަމުން ދަނީ ވަކި ކައުންސިލްތަކެއް ހަދައިގެން ކުރިއަށް ދިއުމުން މާ ފައިދާވާނެ ކަމަށެވެ. މި ދަނޑިވަޅުގައި، ފޭދޫ ރައްޔިތުންނަށް ރައްދުކުރައްވައި، ހަސަން ސައީދު ލިޔުއްވި ދިގު ސިޓީއެއްގައި ވަނީ، ރަށްރަށާއި، އަވަށްތަކުގެ މީހުން "ޖެހި، ޒުވާބުކޮށް މާރާމާރީ ހިންގާ" ހިސާބަށް ދާންވީ ކޮންކަމަކުތޯ ސުވާލު އުފައްދަވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި، މިވަގުތު ރާއްޖޭގައި އަމިއްލަ ފަރާތަކުން ހިންގާ އެންމެ ބޮޑު މަޝްރޫއުކަމަށްވާ، އައްޑޫގައި 1،000 ޓޫރިސްޓު އެނދު ތަރައްގީކުރުމުގެ މަސައްކަތް ކުރަނީ އައްޑޫ އަތޮޅުގައެވެ. މި މަޝްރޫއުގެ އެންމެ އިސްފަރާތެއްގެ ހައިސިއްޔަތުން، ކުރިއަށް އޮތް ވޯޓާ މެދު އޭނާގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އޭނާ ވިދާޅުވި ގޮތުގައި، އައްޑޫގައި ނަގަން މަސައްކަތްކުރާ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން އެ މަސައްކަތަށް ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން: 1000 ޓޫރިސްޓު އެނދު ތަރައްގީކުރުމަށް ބޭނުންވާ 200 މިލިއަން ރުފިޔާގެ ކޮންސެޝަން ލޯނު ހަމަޖައްސަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި ދިވެހި ސަރުކާރާއެކު އެއްބަސްވެ ސޮއިކުރި ނަމަވެސް އެ ލޯނުގެ ކަންކަން މަޑުޖެހުން ސަވާހިލި ސާވިސް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރުން ކުރިއަށް ނުދިއުން ސިޓީ ކައުންސިލާއެކު މަސައްކަތްކޮށްގެން އެއްބަސްވެފައިވާ، ފޭދޫ ޓޫރިޒަމް ޒޯނުގެ ފެނާއި ނަރުދަމާގެ މަސައްކަތް، އިދާރީ އޮނިގަނޑާއި، ފައިސާ ހަމަޖެހެންދެން މަޑުޖެހުން ފޭދޫ ޓޫރިޒަމް ޒޯނުގެ، 2200 ފޫޓުގެ ދިގު އިންފާރު ރޭނުން ވެސް އިދާރީ އޮނިގަނޑާއި، ފައިސާ ހަމަޖެހެންދެން މަޑުޖެހުން ޓޫރިޒަމް ޒޯނުތަކުގެ އެއްބަސްވުންތައް އަލުން ބަދަލުކުރަންޖެހުން އިންވެސްޓަރުންގެ އިތުބާރު ގެއްލުން ފޭދޫ ޓޫރިޒަމް ޒޯނާއި ސަވާހިލީގައި ބީޗު ހެދުން ހުއްޓުން އައްޑޫއާއި ފޭދޫގެ ތަރައްގީއަށް ހުރަސް އެޅުން ހަސަން ސައީދުވަނީ އޭނާ އިސްވެ ހުންނަވައިގެން އެ އަތޮޅުގެ 14 އިންވެސްޓަރަކާއެކު، މުޅި އަތޮޅުގެ އިގްތިޞާދު ކުރިއަރުވަން ބޮޑެތި ގުރުބާނީތަކެއްވަމުން އަންނައިރު، އެކަމަަށް ގުޅިގެން ހައްލު ހޯދަން މަސައްކަތްކުރަން އިލްތިމާސްކުރައްވައިފައެވެ. އަދި "ބައިބައިވާން" ހޭދަކުރާ ވަގުތާއި ފައިސާ ބިނާކުރަނިވި ކަންކަމަށް ހޭދަކޮށް، ރައްޔިތުން ގުޅިގެން މައްސަލަތައް ހައްލުކުރުމަށް ގޮވާލައްވައިފައެވެ. "އަޅުގަނޑުމެންގެ ހުރިހާ ސިޔާސީ، ވަތަނީ، ޒާތީ ތައައްސުބު އެއްކިބާކޮށް، މި މަހުގެ ފަހުކޮޅު ރައީސް މުހައްމަދު މުއިއްޒު އަތޮޅަށް ކުރައްވާ ޒިޔާރަތުގައި ބަންދުކޮށްފައި ހުރި ރިސޯޓުތައް ހުޅުވުމުގައި އެހީތެރިވެދިނުމަށާއި ގެސްޓުހައުސްތަކަށް އެއްބަސްވި ލޯނު އަވަސް ކޮށްދިނުމަށާއި ސާވިސް އައިލެންޑެއްގެ ގޮތުގައި ސަވާހިލި ހަމަޖެއްސުމުގެ ހުއްދަ ދެއްވުމަށާއި ބޭރުން ގަމަށް ފްލައިޓް ގެނައުމުގައި އެއާލައިންތަކަށް ބޭނުންވާ ލުއިތައް ދިނުން ފަދަ ކަންކަމަށް އެދެމާތޯ އެވެ؟" އައްޑޫ ސިޓީ ކައުންސިލް އޮންނާނެ ގޮތަކާ މެދު ނަގާ ޚިޔާލު ހޯދުމުގެ ވޯޓުގެ އިދާރީ ހުރިހާ ތައްޔާރީތަކެއް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، ދެ ދުވަހުގެތެރޭ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވެފައެވެ. ވޯޓަށް ދުވަސް ކައިރިވަމުން އަންނައިރު ރޭ ވަނީ އައްޑޫ ބަހުސްގެ ނަމުގައި "މިހާރު" ނޫހުން އިންތިޒާމުކޮށްގެން ބަހުސެއް ވެސް ބާއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ