ދެ ރަށެއްގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލުތައް، އެހެން ރަށަކަށް ބަދަލުކުރި ކަމުގެ ތުހުމަތުގައި އޭސީސީއަށް
ސައުދީ ސަރުކާރުގެ 50 މިލިއަން ޑޮލަރުގެ ލޯނު އެހީގައި އަޅަން ހަމަޖެއްސި ދެ ހޮސްޕިޓަލެއް އެހެން ރަށަކަށް ބަދަލުކުރި ކަމަށް ބުނެ، މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މިއަދު މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ ހުށަހެޅީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް)އެވެ. އެ މައްސަލައިގައި މާޒް ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ސައުދީ ފަންޑުގެ ލޯނު އެހީގައި ރާއްޖޭގެ ތިން ރަށުގައި 50 އެނދުގެ ހޮސްޕިޓަލުތައް އަޅަން ނިންމައި އެކަމަށް ތިން ރަށެއް ވެސް ކަނޑައަޅާފައިވާނެ ކަމަށެވެ. އެ ހޮސްޕިޓަލުތައް އެޅުމަށް ބޭނުންވާ ކުރެހުންތަކާ އެކީގައި 2023ގައި ސައުދީ ސަރުކާރަށް ޕްރޮޕޯސަލްތައް ހުށަހަޅައި ޖުމުލަ 150 މިލިއަން ޑޮލަރުގެ ލޯނު ހަމަޖެހިފައިވާ ކަމަށް އެ މައްސަލައިގައިވެއެވެ. ލޯނު ހަމަޖެހުނު ނަމަވެސް އެ އެއްބަސްވުމުގައި ސޮއި ނުކުރަނީސް، ސަރުކާރު ބަދަލުވެ، ދެ ލޯނު އެއްބަސްވުމުގައި ސޮއިކުރީ މި ސަރުކާރުން މިދިޔަ އަހަރުގެ މެއި 16ގައި ފިނޭންސް މިނިސްޓްރީގައި ކަމަށް އޭނާ ވިދާޅުވިއެވެ. މާޒް ވިދާޅުވި ގޮތުގައި، ހޮސްޕިޓަލުތައް އެޅުމަށް ނިންމައި ޕްރޮޕޯސަލްގައި ހިމަނާފައި އޮތީ އއ. ރަސްދުއާއި ނ. މަނަދުއާއި ފުވައްމުލައް ސިޓީގައެވެ. ނަމަވެސް، އޭގެތެރެއިން ދެ ރަށެއްގައި އަޅަން ނިންމި ހޮސްޕިޓަލުތައް އެހެން ރަށަކަށް މި ސަރުކާރުން ބަދަލުކޮށްފައިވާ ކަމަށް މާޒް ވަނީ ތުހުމަތުކުރައްވާފައެވެ. އެގޮތުން، މަނަދޫގައި އަޅަން ނިންމި ހޮސްޕިޓަލް، ބަދަލުކޮށްފައި ވަނީ ފ. ނިލަންދުއަށް ކަމަށާއި އއ.ރަސްދޫގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލް މިހާރު އަޅާގޮތަށް އިއުލާން ކޮށްފައިވަނީ ލ. ފޮނަދޫގައި ކަމަށް މާޒް ވިދާޅުވިއެވެ. މި ސަރުކާރުން އެއްވެސް އުސޫލެއް، ހަމަޔެއް، ލަމަޔެއްނެތި ފ.އަތޮޅު އަދި ލ.އަތޮޅުގައި މިހޮސްޕިޓަލްތައް ބިނާކުރުމުން، ވާނެގޮތަކީ މެދުރާއްޖެތެރެޔާއި އަދި އުތުރުގެ ރައްޔިތުންގެ ޙައްޤުތައް ގެއްލިގެން ދިއުމެވެ. ފ. ލ. އަދި ފުވައްމުލަކުގައި މި ދެންނެވި ތިން ހޮސްޕިޓަލް ބިނާކުރުމުން މި ތިން ހޮސްޕިޓަލް ވެސް ބިނާކުރެވޭނީ މާލޭން ދެކުނުގައެވެ.މާޒް ހުށަހެޅި މައްސަލަ މާޒް ތުހުމަތުކުރެއްވި ގޮތުގައި، އެ ހޮސްޕިޓަލުތައް އެހެން ރަށެއްގައި އަޅަން ސަރުކާރުން ނިންމީ މަގާމުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން ވަކި ކަމެއް ހާސިލުކުރުމުގެ މަގުސަދުގައި ކަމަށެވެ. އެގޮތުން، ތުހުމަތު ކުރެވެނީ އޭރުގެ ހެލްތު މިނިސްޓަރަކަށް ހުންނެވި ޢަބްދުﷲ ޚަލީލާއި އޭރުގެ ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީޤުގެ މަގާމުގެ ނުފޫޒާއި ބާރު ފޯރުވައިގެން މިދިޔަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފޮނަދޫއާއި ނިލަންދޫގެ މަޖިލީހުގެ ގޮނޑި ހޯދުމަށް ކުރެއްވި ކަމެއްގެ ގޮތުގައި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ