އުރީދޫ ފަން ރަން 2025 ހުޅުމާލެއަށް ރަޖިސްޓްރީ ވާން ހުޅުވާލައިފި

އުރީދޫ ފަން ރަން 2025- ހުޅުމާލެއަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި ސިފަކޮށްފައިވާ، އުރީދޫ ފަން ރަން ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު މަހުގެ 19ގައެވެ. ބައިވެރިންނަށް ދެ ކިޓް އޮޕްޝަނެއް އިޚްތިޔާރު ކުރެވޭނެ: ސްޓޭންޑާޑް ކިޓްސް - 110 ރުފިޔާ: ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެއް ހިމެނޭ ފަން ކިޓްސް - 210 ރުފިޔާ: ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި އައިގްލާސް އަދި މަލްޓިޕާޕަސް ބަންޑާނާ ހިމެނޭ ފަން ކިޓްގެ ބިބް ކަސްޓަމައިޒް ކުރުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް އޮންނާނެ ކަމަށް އުރީދޫން ބުންޏެވެ. އެކަމަށް އިތުރު އަގެއް ނުނަގާނެކަން އެ ކުންފުނިން ފާހަގަކުރެއެވެ. އުރީދޫ ފަން ރަންއަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި 6500 އަށްވުރެ ގިނަ ބައިވެރިން ހިމެނުނެވެ. އުރީދޫ ފަން ރަން 2025ގެ ރެޖިސްޓްރޭޝަނަށް ވަނީ ހުޅުވާލައިފައި -- ފޮޓޯ/ އުރީދޫ ހަ އަހަރުން މަތީގެ ކުޑަކުދިންއިން ފެށިގެން ހުރިހާ އުމުރެއްގެ ކުދިންނާއި މީހުންނަށް މި ދުވުމުގައި ބައިވެރިވެވޭނެއެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއްކަން އުރީދޫން ފާހަގަކުރެއެވެ. އުރީދޫން ބުނީ، ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. "މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ." އުރީދޫން ބުނެފައިވެއެވެ. އުރީދޫ ފަން ރަންއަށް ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ މަހުގެ 14 ވަނަ ދުވަހުގެ 23:59 ގެ ނިޔަލަށް އޮންނާނެއެވެ. އެ ދުވުމަށް ޖާގަ ފުރުމުގެ ކުރިން ކުރީބައިގައި މޫލީ މެދުވެރިކޮށް ރަޖިސްޓްރީ ވާން ހުރިހާ ފަރާތްތަކަށް ދައުވަތު ދޭ ކަމަށް އުރީދޫން ބުނެފައިވެއެވެ. .
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ