ފައްޔާޒުގެ ސުވާލެއް: އައްޑޫގެ ވޯޓުން މައްސަލަތައް ހައްލު ވޭތަ؟

އައްޑު އަތޮޅުގެ ފޭދޫ ހިމެނޭހެން ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމުން ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ތަކުލީފުތަކަށް ހައްލެއް ލިބޭނެތޯ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ސުވާލު އުފައްދަވައިފި އެވެ.
ވީ ކިހިނެއް؟ - އަންނަ ހޮނިހިރު ދުވަހު މި ފެންނަ ނުފެންނަ ވޯޓު ނަގަނީ އައްޑޫ ފޭދޫގެ އިތުރުން ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫގަ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، އައްޑޫގެ ހަ ރަށުގެ ތެރެއިން މި ތިން ރަށުގައި މި ވޯޓު ނަގަން ނިންމީ އެ ގޮތަށް ބަދަލުކޮށްދިނުމަށް އެދި އެ ރަށްރަށުގެ ބައެއް ފަރާތްތަކުން ސަރުކާރަށް ހުށަހަޅާފައިވާތީ އެވެ.
ބުނީ ކީކޭ؟ - އެ ވޯޓާ ދިމާކޮށް ފައްޔާޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ވޯޓާ ގުޅޭ ގޮތުން އައްޑޫގެ ވަރަށް ގިނަ އެމްޑީޕީ މެމްބަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރެވިއްޖެ ކަމަށެވެ.
އެ ބައްދަލުވުންތަކުން ސާފުވީ، ފައްޔާޒު ވިދާޅުވި ގޮތުގައި, އެ ވޯޓާ މެދު ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ސުވާލުތައް ހުރި ކަމެވެ.
"ރެފަރަންޑަމްގެ ނަތީޖާގެ ސަބަބުން އެ ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކަށް ހައްލު ލިބިގެންދާނެތޯ؟ ނުވަތަ އޭގެ ސަބަބުން އެ ތަކުލީފުތައް ވާނީ އިތުރުތޯ؟" ފައްޔާޒު ވިދާޅުވި އެވެ.
"ރެފަރަންޑަމްގައި ނިންމާ ގޮތްތަކުން ނުކުންނާނެ ނަތީޖާގެ ސާފު މައުލޫމާތު ސަރުކާރުން ޒިންމާދާރުކަމާ އެކު ރައްޔިތުންނަށް އޮޅުންފިލުވައި ދިނުން މުހިންމު."
ތަފްސީލު - ފައްޔާޒު ގޮވާލެއްވީ ވޯޓާ ގުޅޭ ކަންކަން ރައްޔިތުންނަށް އޮޅުންފިލުވައިނުދީ، އެހާ އަވަސް އަރުވާލައިގެން ރިފަރަންޑަމް ނުނެގުމަށެވެ.
އޭގެ ބަދަލުގައި، އައްޑޫ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ހައްލުކުރުމަށް ގާނޫނަށް ބަދަލު ގެނެސްގެން ހައްލު ހޯދައި ދެވެން އޮތްކަން ފާހަގަކުރައްވައި، ފައްޔާޒު ވިދާޅުވީ އެ ރިފަރަންޑަމްގައި ރަށްރަށަށް ދިމާވެފައިވާ މައްސަލަ ގާނޫނުން ހައްލުކޮށް، މިހާރު އޮތް ގޮތަށް ހުރިހާ ރަށެއް އެއްކޮށް ބޭއްވުމާ މެދު ރައްޔިތުން ދެކޭ ގޮތް ރިފަރަންޑަމަށް އިތުރުކުރަން ވެސް ރައްޔިތުން ބޭނުންވާ ކަމަށެވެ.
އެނގުން މުހިންމު - އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އާއި މީދޫން ވަރަށް ގިނައިން އެ ދެ ރަށުގައި ވަކިން ރަށު ކައުންސިލެއް އޮންނަން ބޭނުންވެގެން އެ ވާހަކަ ދޭތެރެއަކުން ދައްކަ އެވެ.
މިހާރު އައްޑޫގެ ލާމަރުކަޒީ ހިންގުން އޮންނަނީ އެ ދެ ރަށުގެ އިތުރަށް، ގުޅިފައިވާ ހަތަރު ރަށް ވެސް ހިމެނޭ ގޮތަށް މުޅި އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގާ ގޮތަށެވެ.
ވަކި ސަރަހައްދެއްގައި ވެސް ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ގޮތަށް ގާނޫނެއް އެކުލަވާލުމަށް ފަހު، މި މަހުގެ 25ގައި އައްޑޫގައި ނަގާ ވޯޓަކީ އެ ގާނޫނުގެ ދަށުން ރާއްޖޭގައި ނަގާ ފުރަތަމަ ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ