ތާރީހީ ވަގުތުކޮޅެއް؛ ބައިނަލްއަގުވާމީ ފްލައިޓެއްގެ ކޮކްޕިޓްގައި ދިވެހި ދެ ޕައިލެޓުން! ތާރީހީ ވަގުތުކޮޅެއް؛ ބައިނަލްއަގުވާމީ ފްލައިޓެއްގެ ކޮކްޕިޓްގައި ދިވެހި ދެ ޕައިލެޓުން!

މިއަދު ހެނދުނު ދުބާއީން ފްރައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި، ފްލައި ދުބާއީގެ ކޮކްޕިޓްގައި ތިބެ، ކެޕްޓަން ޖިނާން އާއި ފަސްޓް އޮފިސަރު ޝިނާޒް ސާބިތުކޮށް ދިނީ ދިވެހިންނަށް ނުވާނެ ކަމެއް ނެތްކަމެވެ.
ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިވެހިން ހޯދި މި ތާރީހީ ކާމިޔާބީއަކީ "މުޅި ގައުމަށް ލިބުނު ޝަރަފެއް" ގެ ގޮތުގައި، ފްލައި ދުބާއީގެ ރާއްޖޭގެ އެޖެންޓު، އޭސް ޓްރެވަލްގެ މެނޭޖިން ޑިރެކްޓަ މުހައްމަދު ފިރާގު ސިފަ ކުރެއްވި އެވެ.
"މިއީ ބައިނަލްއަގުވާމީ ފްލައިޓެއްގެ ކޮކްޕިޓުގައި ދެ ދިވެހިން ތިބި ފުރަތަމަ ފަހަރު،" ފިރާގު އަދަދު ނޫހަށް ވިދާޅުވި އެވެ.
މިއަދުގެ ތާރީހީ ފްލައިޓާ ގުޅިގެން ޖިނާން އާއި ޝިނާޒު އަށް އޭސް ޓްރެވަލްއިން މަރުހަބާ ކިޔުމަށް ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: އޭސް ޓްރެވަލް
މި ތާރީހީ ވަގުތުކޮޅާ ގުޅޭ ގޮތުން އޭނާ ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްގައި ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ އެއާލައިނެއްގެ ކޮކްޕިޓްގައި ދިވެހި ދެ ދަރިން ތިބެ، ގައުމު ތަމްސީލުކޮށް ދިނުމަކީ ދިވެއްސެއްގެ ހައިސިއްޔަތުން ފަހުރުވެރިވާ ކަމެއް ކަމަށެވެ.
"މިއީ ހަމައެކަނި އެ ދެ ޒުވާނުންނަށް ލިބުނު ކާމިޔާބީއެއް ނޫން. މިއީ ދިވެހި އޭވިއޭޝަނަށް ލިބުނު ޝަރަފެއް. އެ މީހުން ބުރަ މަސައްކަތާއި، ހުނަރާއި، ޕްރޮފެޝަނަލިޒަމުން ދައްކުވައިދެނީ ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން އައިސްފައިވާ ދުރުމިން،" ފިރާގު ވިދާޅުވިއެވެ.
ފިރާގު ފާހަގަކުރެއްވި ގޮތުގައި، ކެޕްޓަން ޖިނާން އާއި ޝިނާޒްގެ މި ކާމިޔާބީއަކީ އަންނަން އޮތް ޖީލުތަކަށް ދެއްކި ވަރަށް ރީތި ނަމޫނާއެކެވެ. ދިވެހި ޒުވާނުންނަށް ހާސިލު ނުކުރެވޭނެ އުސްމިނެއް ނެތްކަން ހާމަވެގެން ގޮސްފައިވާ ކަމަށާއި، މިފަދަ ކާމިޔާބީތަކުން ޒުވާނުންނަށް އިތުރު ހިތްވަރެއް ލިބި، ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ފިރާގުގެ ވާހަކައާ ގުޅިގެން ކެޕްޓަން ޖިނާން ވިދާޅުވީ ފިރާގު ފަދަ ބޭފުޅުން ދެއްވާ ހިތްވަރަކީ ކުރިއަށް ދިއުމަށް ލިބޭ ބޮޑު ބާރެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ