ދިވެހި ޕްރިމިއާ ލީގު: ޓީސީ އަތުން ރަނގަޅު މޮޅަކާ އެކު އޮޑިން ފަރަގު ކުޑަކޮށްފި ދިވެހި ޕްރިމިއާ ލީގު: ޓީސީ އަތުން ރަނގަޅު މޮޅަކާ އެކު އޮޑިން ފަރަގު ކުޑަކޮށްފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން 3-0 އިން ރަނގަޅު މޮޅެއް ހޯދައި އޮޑި ސްޕޯޓްސް ކްލަބުން ލީގުގެ އެއް ވަަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެމެދުގައި އޮތް ޕޮއިންޓުގެ ފަރަގު ކުޑަކޮށްފި އެވެ.
މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އަތުން ފަހަތުން އަރައި މޮޅުވެ، މާޒިޔާ އިން ލީގުގެ ކުރީގައި އަށް ޕޮއިންޓަށް ލީޑުފުޅާކުރި ނަަމަވެސް އޮޑިން މިރޭ ހޯދި މޮޅާ އެކު، މާޒިޔާގެ ލީޑު ވަނީ ފަސް ޕޮއިންޓަށް ކުޑަވެފަ އެވެ. މާޒިޔާ އަށް 10 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އޮޑި އަށް ވަނީ 25 ޕޮއިންޓް ލިބިފަ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން 17 ވަނަ މިނިޓްގައި ލީޑުނެގީ މުޒްދާން ހަސަން ޖެހި ގޯލުންނެވެ. ހާފުގެ މެދެއްހާ ހިސާބުން މަތިމަތިން އޮޑީގެ އަހުޒަމް ރަޝީދު (އަހު) ދިން ބޯޅަ އޭރިއާތެރެއިން ލިބުމުން، މުޒްދާން ވަނީ ޓީސީގެ ކީޕަރު، ޑެނިއަލް އެމަނުއެލް ބޯމަތިން ގޯލަށް ފޮނުވާލައިފަ އެވެ.
އޮޑީގެ އިއްބެ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
ފުރަތަމަ ހާފު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް އޮޑީގެ ދެ ވަނަ ލަނޑު ޖެހީ މި މެޗުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔަ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. ކުރިން ޓީސީ އަށް ކުޅުނު އިއްބެ އަށް ލިބުނު ފުރުސަތުގައި އޭނާ ވެސް ގޯލަށް ބޯޅަ ވައްދާލީ ކީޕަރު އެމަނުއަލް ބޯމަތިންނެވެ.
ޓީސީގެ ޕްރިންސް ބޯޑު ފޮނުވާލި ހަމަލާއެއް އޮޑީގެ ކީޕަރު، މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ.
މެޗުގައި އޮޑިން ޖެހި ފަހު ލަނޑު ކާމިޔާބުކުރީ ވެސް މުޒްދާން އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މުޒްދާން، އިތުރު ވަގުތުގެ ތެރޭގައި މި ލަނޑު ޖެހީ ޓީސީގެ އޭރިއާތެރެއިން އެ ޓީމުގެ ޑިފެންޑަރެއް ކައިރިން ދެމިގަތުމަށް ފަހު، ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
ދެ ވަނަ ބުރުގެ ފުރަތަމަ ދެ މެޗުން ބަލިވެ، ގްރީން ސްޓްރީޓްސް އާއި ޓީސީ އޮތީ ތާވަލުގެ ފުލުގަ އެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅޭނީ ކްލަބް ވެލެންސިއާއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ