އެންމެ ޒުވާން މެމްބަރު ޕީއެންސީއަށް، ތިނަދޫން ރައީސް ޑރ މުޢިއްޒުގެ 100 ޕަސަންޓް އިތުބާރު އަލްސަން އަށް!

ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބުވެވަޑައިގެންނެވި މުހައްމަދު އަލްސަން، ރައްޔިތުންގެ މަސްލަޙަތާއި ދާއިރާގެ ތަރައްޤީ އިސްކޮށް، ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީ އަށް މިއަދު ސޮއިކުރައްވައިފިއެވެ.
ވިހި ވަނަ މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި އެންމެ ޒުވާން މެމްބަރު އަލްސަން ސޮއިކުރެއްވީ މުލިއާގޭގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އޭނާ ސޮއިކުރެއްވި ފޯމް ހަވާލު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެވެ. މި ރަސްމިއްޔާތުގައި ޕީޕީއެމް/ޕީއެންސީ ލީޑަޝިޕްގެ ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އަލްސަން ކާމިޔާބު ކުރެއްވީ 870 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަބްދުﷲ ޝަރީފެވެ. އޭނާ އަށް ލިބިވަޑައިގެންނެވީ 799 ވޯޓެވެ. ތިން ވަނަ އަށް ދިޔަ އެމްޑީޕީގެ ކެންޑިޑޭޓު ޒިފްލީނާ ހަސަނަށް ލިބިވަޑައިގަތީ 519 ވޯޓެވެ.
ސަރުކާރު ހިންގާ މައި ޕާޓީއާ ގުޅިވަޑައިގެންނެވުމަށްފަހު އަލްސަންގެ މެމްބަރޝިޕް ފޯމު ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އަތްޕުޅަށް އަރުވާފައިވާއިރު، ރައީސްގެ 100 ޕަސަންޓް އިތުބާރު ރައީސްއަށް އެބަ އޮތެވެ. އަދި ކުރިއަށް އޮތްތަނުގައި ޕާޓީގެ ހަރަކާތްތައް ތިނަދޫގައި ކުރިއަށް ގެންދިއުމުގައި ރައީސް ޑރ މުޢިއްޒުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރައްވާނެ ބޭފުޅަކީވެސް އަލްސަންއެވެ.
މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބު ކުރެއްވި 11 ބޭފުޅުންގެ ތެރެއިން އަލްސަން ހިމެނޭ ހެން ނުވަ މެމްބަރުން ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. މިއާއެކު، ހަމައެކަނި ޕީއެންސީގެ މެމްބަރުންގެ އަދަދު ވަނީ 75 އަށް އަރައިފައެވެ. އަދި ނާޒިމާއި ސިޔާމާއި ގާސިމާއި އައްބާސްގެ ގޮނޑިއާ އެކުގައި ޕީއެންސީ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ އަދަދު 79 އަށް އަރާނެއެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އަށް މި އިންތިހާބުގައި ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ