ކުޅުދުއްފުއްޓާއި ހަނިމާދޫގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް ޖަނަރޭޓަރުތަކެއް ފޮނުވަނީ

ހދ.ކުޅުދުއްފުއްޓާއި ހދ.ހަނިމާދޫގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް އައު ޖަނަރޭޓަރުތަކެއް ފޮނުވަން ފެނަކަ ކޯޕަރޭޝަނުން ތައްޔާރުވެއްޖެއެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ، ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކޮށްދިނުމަށް 800 ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި 1200 ކިލޯ ވޮޓްގެ ޖަނެރޭޓަރެއް ފޮނުވުމަށް އެ ރަށަށް ތައްޔާރުވެފައިވާކަމަށެވެ. އަދި ހދ. ހަނިމާދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަަލަ ޙައްލުކުރުމަށް، 1200 ކިލޯ ވޮޓްގެ ޖެނެރޭޓަރެއް އެރަށަށްވެސް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން ބުނީ އެ ދެ ރަށަށް ފޮނުވުމަށް ހަމަޖެހިފައިވާ ޖަނަރޭޓަރުތައް ރާއްޖެ ގެނެސް، ކަސްޓަމުން ކްލިޔަރކޮށް އެރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.
ކުޅުދުއްފުށްޓާއި ހަނިމާދޫގެ އިތުރުން އެހެން ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ފެނަކަ ކޯޕަރޭޝަނުން ބުންޏެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ، އަލަށް އިންސްޓޯލް ކުރެވޭ ޖަނަރޭޓަރުތަކާއެކު، ރަށްރަށުގައި ދިމާވާ ކަރަންޓުގެ މައްސަލައަށް ދާޢިމީ ޙައްލެއް ލިބޭނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ