ނަޒޫއަށް ގޮނޑި ގެއްލުނީ ފައިސަލްގެ އެންޓިކެމްޕެއިނުން ކަމަށް ތުހުމަތުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ގެއްލުނީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ސަބަބުން ކަމަށް އެ ދާއިރާއަށް ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓް ނަޒްރާ ނަސީމްގެ ފިރިކަލުން، ކުރީގެ ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ބޮޑު ތާއީދެއް އޮންނަ ފުވައްމުލަކު ދެކުނު ދާއިރާ އިން ނަޒޫ ވަނީ އާދަޔާ ހިލާފު ރަނގަޅު ނަތީޖާއެއް ހޯދާފައެވެ. ރިޔާސީ އިންތިހާބު ގައި އެމްޑީޕީއަށް ލިބުނު ތާއީދަށް ވުރެ އެތައް ވޯޓެއްް އިތުރަށް ހޯދި އެވެ.ނަޒޫގެ ކެމްޕެއިން ޓީމުން ބުނީ ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުވީ ސީދާ ފައިސަލް ކަމަށެވެ. އެ މައްސަލަ އެ ދާއިރާގެ ކެމްޕެއިން ޓީމުން އެމްޑީޕީގެ ކަމާގުޅޭ ގުނަންތަކަށް ހުށައަޅާނެ ކަމަށް ވެސް ބުންޏެވެ. ކެމްޕެއިން ޓީމުން ބުނީ ފައިސަލްގެ އާއިލާ އަދި ދާއިރާގެ ވަރަށް ގިނަ ބަޔަކަށް ގުޅާ ނަޒޫއާ ދެކޮޅަށް ތަކުރާރުކޮށް ފައިސަލް މަސައްކަތް ކޮށްފައިވާ ކަމަށެވެ."މިކަން ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާއި އަދި ނަޒޫގެ މައިންބަފައިންނާއި އާއިލާއަށް ވެސް އެނގޭ،" އެ ޓީމުން ބުންޏެވެ. މަހުލޫފް ވިދާޅުވީ މިކަން ފެށުނީ ރިޔާސީ އިންތިހާބުގައި މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް ރަނިންމޭޓަކަށް ހަމަޖެއްސި ހިސާބުން ކަމަށެވެ."އަދިވެސް އިތުރު ސަބަބެއް ހިމެނޭ، އެ މައްސަލަ މިހާރު އާއިލާގެ ފަރާތުން ވަނީ ޕޮލިސް އަށް ހުށަހަޅާފައި. ރައީސް ސޯލިހްގެ ވެރިކަން ނިންމަން އެތައް މަސައްކަތެއް ކުރި ގޮތަށް މިފަހަރު ގޮނޑި ވެސް މި ވަނީ ގެއްލުވާލާފައި،" އޭނާ ވިދާޅުވި އެވެ.ކުރިން ޖުމްހޫރީ ޕާޓީގައި ހުންނެވުމަށް ފަހު ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގެންނެވީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ.ފައިސަލް އެ ތުހުމަތު ދޮގުކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ