މިސްކިތްތަކުގެ ކަރަންޓުގެ ބިލްތަކުގެ އަގު ދެން ދައްކަން ޖެހޭނީ ޑޮމެސްޓިކް ރޭޓުން

ކައުންސިލްތަކުން ދައްކަމުން އަންނަ މިސްކިތްތަކުގެ ކަރަންޓްބިލްތައް އަންނަމުހުން ފެށިގެން ދައްކަން ޖެހޭނީ ޑޮމެސްޓިކް ރޭޓް ކިޔާ ކުޑަ ރޭޓަކުން ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައިސުލްޖުމްހުރިއްޔާ މިފަދައިން ވިދާޅުވީ އުތުރުގެ އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.
"ރައްޔިތުން މަޖިލީހުން ގާނޫން ހަދާފައި އޮތްއިރުގައި ކައުންސިލްތަކަށް ބުލޮކްގުރާޓުން މި ފައިސާ ލިބެނީ އެ ކަނޑައެޅިފައި އިންނަ ފޯމިއުލާތެރެއިން އެކި ރަށްރަށް އެކިވަރަށް، ވަރަށް ކުޑަ އެތިކޮޅެއް، އެ ލިބޭފައިސާއިން އެބަޖެހޭ ކަރަންޓް ބިލް ދައްކާ، މަގުބައްތި ދިއްލަން، ހަމަ އެއަށްވެސް ކަރަންޓް ބިލު ދައްކަން ޖެހޭ، މިސްކިތްތަކަށް ކަރަންޓް ބިލް ދައްކަން ޖެހޭ، މިހެން ގޮސް ޕަބްލިކް ހުރިހާތަނަކަށް. މި ހުރިހާ ތަނަކަށް ބިލް ދައްކާއިރު ރޭޓް މި އިންނަނީ ގަވަރމެންޓް ރޭޓް ކިޔާ އަގުބޮޑު ރޭޓެއްގައި" ރައީސް ވިދާޅުވި އެވެ.
ވަރަށް ގިނަ ކައުންސިލްތަކުގެ އެދުމުގެ މަތިން އެކަމަށް އެދެވޭ ހައްލެއްގެނެވޭތޯ، ސްޓެލްކޯއާއި ފެނަކައިގެ ވެރިންނާއި ވާހަކަ ދައްކައި ފުރަތަމަ މަރުހަލާއެއްގެ ގޮތުގައި މި އަންނަ މަހުން ފެށިގެން ކައުންސިލްތަކުން ކަރަންޓަށް ކުރަންޖެހޭ ހަރަދުގެ ތެރެއިން ހުރިހާ ރަށެއްގެ މިސްކިތްތަކުގެ ކަރަންޓު ހަރަދު ގަވަރުމަންޓް ރޭޓްގެ ބަދަލުގައި ޑޮމެސްޓިކް ރޭޓަށް ކުޑަކޮށްދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ޑޮމެސްޓިކް ރޭޓުން މިސްކިތްތަކުގެ ކަރަންޓްބިލް ދައްކަންޖެހުމުން ކައުންސިލްތަކުން ކަރަންޓަށް ކުރާ ހަރަދު ވަރަށް ބޮޑުތަނުން ކުޑަވެގެން ދާނެކަމަށެވެ.
ކަރަންޓް ބިލް ކުޑަކުރުމުން ފެންކައާއީ ކައުންސިލްތަކަށް އެތައް މިލިއަން ރިފިޔާއެއް ގެއްލޭނެކަމަށާއި ނަމަވެސް އެމީހުންނަށް އެހެން އުސޫލަކުން އާމްދަނީ ހޯދޭނެ އުސޫލެއް ހޯދައިދޭނެ ކަމަށެވެ.
އަދި ކުރިއަށްއޮތްތަނުގައި މަގުބައްތި ދިއްލުމަށް ކުރާ ހަރަދުވެސް އަދި ޕާކްތަކާއި އާންމު މައިދާންތަކުގެ ހަރަދުވެސް މި ރޭޓަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ