ވައިކަރަދޫއަށް ގެންދިޔަ އާ ޖަނަރޭޓަރު އިންސްޓޯލްކޮށް މުޅި ރަށަށް ކަރަންޓު ދޭން ފަށައިފި

ހދ. ވައިކަރަދޫއަށް ގެންދިޔަ އާ ޖަނަރޭޓަރު އިންސްޓޯލްކޮށް މުޅި ރަށަށް ކަރަންޓު ދޭން ފަށައިފިއެވެ.
ވައިކަރަދޫގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހޯދުމަށް އެ ރަށަށް ގެންދިޔަ 250 ކިލޯވޮޓްގެ ޖަނަރޭޓަރު ބަހައްޓައި މުޅި ރަށަށް ކަރަންޓު ދޭން ފެށިފައި ވަނީ މިއަދު ހެނދުނު ކަމަށް ފެނަކައިން ބުނެއެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން ވައިކަރަދޫގެ ކަރަންޓުގެ ހިދުމަތަށް ބުރޫ އަރައި އެ ރަށުން ކަރަންޓު ކެނޑެން ދިމާވި ސަބަބަކީ އެ ރަށަށް ކަރަންޓު ފޯރުކޮށްދޭ ޖަނަރޭޓަރުތަކުގެ ތެރެއިން ޖަނަރޭޓަރެއް ހަލާކުވުމެވެ. ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި ލަސްވުމާއެކު، ވައިކަރަދޫގެ ރައްޔިތުން ވަނީ މަގުތަކަށް ނުކުމެ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.
ވައިކަރަދޫގެ އިތުރުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެފައިވާ 5 ރަށެއްގައި އާ ޖަނަރޭޓަރުތަކެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
މި ޖަނަރޭޓަރުތައް ރަށްތަކަށް ގެންގޮސް ކުރިއަށް 4 ނުވަތަ 5 ދުވަހުގެ ތެރޭގައި ގުޅާލެވޭނެ ކަމަށް ފެނަކައިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ