ޤައުމީ ފެންވަރުގައި ބާއްވާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް މާދަމާ ކުޅުދުއްފުށީގައި ފަށަނީ https://thiladhun.com/169235

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ޤައުމީ ފެންވަރުގައި ބާއްވާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 މާދަމާ ކުޅުދުއްފުށި ސިޓީގައި ފެށުމަށް ހަމަޖެހިއްޖެއެވެ.
މި ޖޫން މަހު 21 އިން 26 އަށް ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި ބާއްވާ މި 6 ދުވަހުގެ މުބާރާތުގައި އުތުރުގެ ސަރަހައްދުގެ 19 ސްކޫލަކުން 18 އުމުރުފުރާއެއް 108 އިވެންޓުގައި ވާދަކުރާ ގޮތަށް 725 އެތުލީޓުން ވަނީ ބައިވެރިވެފައެވެ.
މި މުބާރާތުގައި އެންމެ ގިނައިން ބައިވެރިވެފައިވަނީ ހދ. އަތޮޅަށް ނިސްބަތްވާ 13 ސްކޫލަލުންނެވެ އަދި ށ. އަތޮޅުން 5 ސްކޫލަކާއި ހއ. އަތޮޅުގެ 1 ސްކޫލަކުން މި މުބާރާތުގައި ވާދަކުރާނެއެވެ.
މި މުބާރާތަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި މުބާރާތް އިންތިޒާމްކުރާ ޖަމްޢިއްޔާއާއި ގުޅިގެން ބާއްވާ މުބާރާތެކެވެ. 2023 ވަނަ އަހަރު އޮކްޓޯބަރ މަހު ކުޅުދުއްފުށި ސިޓީގައި ކުލަގަދަ ކޮށް ބޭއްވި ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕަށް ފަހު މާދަމާ ބާއްވާ މުބާރާތް ރަސްމީކޮށް ފެށުމަށް ދަނީ ތައްޔާރީތަށް ވަމުންނެވެ.
އެގޮތުން މިއަހަރު ސިޓީ ކައުންސިލުން މި މުބާރާތުގެ ތީމަކަށް ނަގާފައި ވަނީ ކުޅުދުއްފުށި ސިޓީ ރަމްޒުކޮށް ފާހަގަކޮށް ދިން ގުޑުގުޑާ ދޫންޏެވެ. މި މުބާރަތް ކުރިއަށް ގެންދިއުމަށް ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ޖަރީކުރުމަށް އަމަލީ މަސައްކަތްތައްތައް ހަވާލުކުރި ޖަމްޢިއްޔާއިން ވަނީ ގުޑުގުޑާ ދޫނިން ގޭޓާއި ބޯޑު ފަރުމާކޮށްފައެވެ.
މީގެ އިތުރުން ސިޓީ ކައުންސިލުން އިސްނަގައިގެން މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތަށާއި ނިންމުމުގެ ރަސްމިއްޔާތު މިއަހަރުވެސް ކުލަގަދަކޮށް ފާހަގަކުރުމުގެ މަސައްކަތުގެ ތެރެއިން ސިޓީގެ ސަރުކާރު 3 ސްކޫލުގެ ދަރިވަރުން ޝާމިލްކޮށްގެން ސަޤާފީ ނެށުމާއި ހަރަކާތްތަކުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ މި އަހަރުގެ މެއި މަހު 24 އިން 28 ގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގައި ބޭއްވި އިންޓަރ ސްކޫލް ފެތުމުގެ މުބާރާތް ހިމަނައިގެން އުތުރުގެ ގިނަ ރަށްތަކުން ބައިވެރިވާ މި ފަދަ ދެވަނަ މުބާރަތް ކަމަށް ފާހަގަކޮށްލެވެއެވެ. އެގޮތުން ނިމިދިޔަ ފެތުމުގެ މުބާރާތުގައި ރާއްޖޭގެ 16 ސްކޫލަކުން ޖުމްލަ 309 ފެތުންތެރިން ވަނީ ބައިވެރިވެފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ