ކުޑޫ އެ ހުންނެވީ މަޖިލިހުގައި، މާޔޫސްވުމެއް ނެތް

މީގެ އަހަރެއް ކުރިން އަޅުގަނޑު ލިއުނީ މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލައްވާ ވާހަކަ އެވެ. "އޭ ކުޑޫ! ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލީތަ؟" މިއީ އެ ދުވަހުގެ ސުރުހީ އެވެ.
އޭރު އެމްޑީޕީއަށް ރިޔާސީ އިންތިހާބުގައި ސަރުކާރު ގެއްލުނަސް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އޮތެވެ. އެހެންކަމުން އާ އާންމު އިންތިހާބުން ވެސް ރަނގަޅު ނަތީޖާއަކަށް އޭނާ އުއްމީދުކުރެއްވި އެވެ. ނަމަވެސް އެމްޑީޕީއަށް ކާމިޔާބުކުރެވުނީ އޭނާގެ ގަލޮޅު އުތުރު ދާއިރާގެ ގޮނޑިއާ އެކު އެންމެ 12 ގޮނޑި އެވެ.
ސުޕަ މެޖޯރިޓީން ކުޑަކުޑަ މައިނޯރިޓީއަކަށް ވެއްޓުނީ އެވެ. ނަމަވެސް މުހައްމަދު އިބްރާހިމްގެ މާ ބޮޑު ޝަކުވާއެއް ނެތެވެ. އޭނާ ވިދާޅުވީ އެއީ ރައްޔިތުންގެ ނިންމުން ކަމަށާއި އެ ނިންމުމައިގެން ކުރިއަށް ވަޑައިގަންނަވާނީ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ ދިވެހިންނަކީ ބަދަލު ގެންނަން ބޭނުންވާ ބައެއްހެން. ބޭނުންވަނީ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް،" އެ ނަތީޖާއާ މެދު އޭނާ ވިދާޅުވި އެވެ.
"ވަރަށް ހައިރާންވި. ކިހިނެއް ބާވައޭ މިވީ؟ އެކަމަކު ވެސް މި އޮތި [ސަރުކާރުން ސުޕަ މަޖޯރިޓީ] ނަގާފައިތާ."
ރައްޔިތުންގެ މަޖިލިހުގެ ތެރެއިން އެމްޑީޕީއަށް މިހާރު ނެރެވޭނެ މާ ބޮޑު ނަތީޖާއެއް ނެތެވެ. އެ ހަގީގަތް މުހައްމަދު އިބްރާހިމް އެ ހުންނެވީ ގަބޫލުކުރައްވައިގެންނެވެ. އެއާ އެކު އޭނާ އެ އަންނަނީ ސިޔާސީ ފުރަތަމަ އިންތިހާބީ މަގާމާ އެކު ތަޖުރިބާތައް ވެސް ކުރައްވަމުންނެވެ. ކަންކަން ދަސްކުރައްވަމުންނެވެ. ސިޔާސީ ވާދަވެރިކަމާއި އޭގެ ނުބައި ނަތީޖާ އާއި ނިންމުންތަކުގެ ފަހަތުގައި ހުރި ހައިރާންވާ ވަރުގެ ސަބަބުތައް، އެހެން މީހެއް މެދުވެރިނުކޮށް، އަމިއްލައަށް އެހެރަ އުނގެނިވަޑައިގަންނަވަނީ އެވެ.
އަޅުގަނޑުގެ ޕޮޑްކާސްޓް 'މޫސާ ލަތީފް'އަށް ދައުވަތު އެރުވީ އިންތިހާބުގެ ކުރިން ރައްޔިތުންގެ މަޖިލިހާ މެދު އޭނާ ދެކެވަޑައިގެންނެވި ގޮތާއި ނަތީޖާއެއް ނެރެވިދާނެ ފަދަ ބާރެއް ނެތް މެމްބަރެއްގެ ގޮތުގައި ކުރައްވާ މަސައްކަތްތަކާ މެދު ވާހަކަ ދައްކާލުމަށެވެ. އޭނާ ވެސް އެއްބަހެވެ. މައްސަލައެއް ނުވަތަ ގަރާރެއް ނޫން ނަމަ އިސްލާހެއް ހުށައެޅުއްވިޔަސް ގިނަ ފަހަރަށް ވަނީ ނާކާމިޔާބީ އެވެ.
އެކަމަކު އޭނާގެ ގޮތްދޫކުރެއްވުމެއް ނެތެވެ.
"ހަރުބަހެއްގައި އޮވޭ ފެންގަނޑު ކައިރިއަށް ޖަމަލު ގެންދެވިދާނޭ. އެކަމަކު ފެން ބޯކަށެއް ނުދެވޭނެއޭ. އަޅުގަނޑު އަބަދުވެސް ގަބުލުކުރާ އެއްޗެއް އަޅުގަނޑު ކުރަންވީ ކަންތައް އަޅުގަނޑު ކުރުން. އެކަމެއް ހިންގުމާއި ނުހިނގުން އެއީ [އެހެން ކަމެއް]،" އެންމެ ފަހުން އޭނާ ވެއްދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދިމާވާ މައްސަލަތަކާ ބެހޭ މައްސަލަ ބޭރުކޮށްލި ވާހަކައިގެ ތެރެއިން ވިދާޅުވި އެވެ.
"އަޅުގަނޑު ނުހުންނާނަން ލީ ނަމަ މިހެންނޭ އެހެންނޭ [ކިޔާކަށް]، ނޫން, އަޅުގަނޑު ލާނަން. ސިޓީ ވެސް ހުށައަޅާނަން. މައްސަލަ ވެސް ލާނަން. އިސްލާހު ވެސް ހުށައަޅާނަން. ނުވުން އެއީ އަޅުގަނޑާ ބެހޭ ކަމެއް ނޫން. އަޅުގަނޑުގެ ކަމަކީ އެކަން ހުށައެޅުން."
ސަރުކާރުގެ ޕާޓީ ޕީއެންސީއަށް މަޖިލިހުގެ ސުޕަ މެޖޯރިޓީ އޮތުމުން ވަރަށް ގިނަ ކަންކަން އަންނަނީ، ކުއްލި ކުއްލިއަަށް، އެހާމެ އަވަހަށް ހިނގަމުންނެވެ. ހީ ވެސް ނުކުރާ ކަހަލަ ބިލެއް އަތުވެދާނެ އެވެ. ހީ ވެސް ނުކުރާހާ އަވަހަށް ފާސް ވެސް ކޮށްފާނެ އެވެ. އެކަމަކު އެ ބާރުވެރިކަމުގެ ތެރެއިން ވެސް އޭނާއަށް މިހާތަނަށް އެންމެ ބޮޑު ހައިރާންކަމެއް ގެނެސްދިނީ، ސިޔާސީ ފިކުރުން އެއްކިބައިވެގެން ތިބެ ދެ ޕާޓީގެ މެމްބަރުން ވެސް ވާހަކަ ދައްކާލަން ޖެހޭނެ މައްސަލައެއް ނަގާ ބޭރުކޮށްލުމުންނެވެ. 
މިދިއަ ހަފުތާގައި އޭނާ ހުށައެޅުއްވި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ ބެހޭ ހުށައެޅުމަށް ވާހަކަ ދައްކާލަން ވެސް ފުރުސަތެއް ނުލިބުނެވެ. ޕީއެންސީގެ 44 މެމްބަރުންގެ ވޯޓުން ބޭރުކޮށްލީ އެވެ.
އެކަމަކު ޕީއެންސީގެ ތެރޭގައި ވެސް އެކަމާ ހިތާމަކުރެއްވި މެމްބަރުން ތިއްބެވި އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކު އެރޭ މުހައްމަދު އިބްރާހިމްއަށް ގުޅުއްވާފައި ކީރިތިކުރެއްވި ކަމަށްވެ އެވެ.
"ހަމަ ހަގީގަތުގައި ވެސް ރޮއިފައި އަޅުގަނޑު ގާތު އެވާހަކަ ދެއްކި. މިއީ ހަމަ ހައްގު ތެދު. މެމްބަރަކު ގުޅާފައި، ރޮއިފައި. އެކަމަކު [އެދުވަހު] ދެކޮޅަށް ވޯޓު ދެއްވީ. އެ ބޭފުޅާ [ވިދާޅުވީ] އެއްގޮތަކަށް ވެސް ބޭނުމެއް ނުވިއޭ މިހެން ވާކަށް [މައްސަލަ ބޭރުކޮށްލާކަށް]،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ "ބެލެނިވެރިން އެ ކުރަނީ ޖިހާދެއް. ނަފުސީ އަދި ފިކުރީ ޖިހާދެއް. މި ކުދިންނަށް [ސަރުކާރުގެ ތެރެއިން ދިމާވާ މައްސަލަތަކުގެ] ވާހަކަ ދައްކާލަން ފުރުސަތު ދޭނޭ އަޅުގަނޑު ހަމަ ހީކުރީ. ނުދިނީމާ ހިތަށްއެރީ މިއީ ދޯއޭ މިތަނުން ކުރާ ކަަމަކީ. އަޅުގަނޑުގެ ވަރަށް ރައްޓެހިން މަޖިލިހުގައި މިތިބީ. ކޮން ދިމާލަކުން އޯޑަރެއް އައިސްގެން ބާވައޭ [މައްސަލަ ބޭރުކޮށްލީ.]"
އޭނާއަށް ހައިރާންކަން ގެނެސްދިން އަނެއް ކަމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށައެޅި ބިލާއި އެ ބިލް ފާސްކުރަން ތެޅުނު އަވަސްކަމާއި ފާސްކޮށްފައި ދެން ވީ ގޮތެވެ: ތަސްދީގުނުކުރައްވާ ރައީސް މުހައްމަދު މުއިއްޒު އެ ބިލް އަނބުރާ ފޮނުވަލެއްވީ އެވެ.
އެވީ ކިހިނެއް ހެއްޔެވެ؟ މުހައްމަދު އިބްރާހިމަށް އޭގެ ފުރިހަމަ ޖަވާބެއް އެނގިވަޑައެއް ނުގަންނަވަ އެވެ. އެހެންކަމުން އޭނާއަށް އެކަން ނެންގެވެނީ ކުޅެލި ސިޔާސީ ޑްރާމާއެއްގެ ގޮތަށެވެ.
"ރައީސްގެ ވިސްނުންފުޅާއި ރައްޔިތުންގެ މަޖިލިހުގެ ވިސްނުމާ މިހާ ޑިޓޭޗުވެގެން [ނުގުޅި] ނުވާނެ ނޫންތޯ. ގުޅުމެއް ނެތީތޯ؟ ނޫނީ ރައްޔިތުންނަށް ދައްކާ ޑްރާމާއެއްތޯ މިއީ. ބޮޑަށް ގަބޫލުކުރެވެނީ ޑްރާމާއެކޭ،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
"އެހެނީ ރައީސްއަށް އެނގިވަޑައިނުގެން މިވަރުގެ ކަމެއް ނުކުރާނެ. އެކަމަކު ހާދަ ގިނަ ވަގުތެކޭ މި ގެއްލުނީ ރައްޔިތުންގެ މަޖިލިހުން. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ނޫން ކަމެއް ކުރަން. [އެކަމަކު] ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ނޫން ކަމެއް މި އޮތީ ކޮށްފައި."
އާ ރައްޔިތުންގެ މަޖިލިހަށް އަހަރެއް ވަނީ އެވެ. ބާކީ އަދި ހަތަރު އަހަރު އެބަ އޮތެވެ. އެކަމަކު މުހައްމަދު އިބްރާހިމް ވިދާޅުވާ ގޮތުގައި ސަރުކާރުގެ ފަރާތުން މަޖިލިހަށް ވައްދާނެ ކަންކަން އަދި ހުރީ އެވެ.
މަޖިލިހުގެ ސުޕަ މެޖޯރިޓީ އާއި މިނިވަން މުއައްސަސާތައް ކޮންޓްރޯލްކުރުން ފަދަ ކަންކަން އޭނާއަށް ގަބޫލުކުރެއްވެނީ ފައިސާވެރިން އަބަދުވެސް ފައިސާ ގިނަކޮށްގެން ބަހައްޓަން އުޅޭ މިޒާޖު ސިޔާސީވެރިންގެ ވެސް ހުރުން ކަމަށެވެ. ސިޔާސީ ވެރިން ގިނަކޮށް ޖަމާކުރަނީ ބާރެވެ.
މަޖިލިސް މެދުވެރިކޮށް "ބައިވަރު ކަންތައް އަދި ނުކުންނާނެ. އަޅުގަނޑަށް ހަމަ ޔަގީން. އެއީ މީގައި މިވަނީ އެހެން ނޫންތޯ. ބާރުތައް މުށަށް ލުން މިއީ، ހުރިހާ ބޭފުޅުން ކުރައްވާ ކަމެއް. މުޅި އެތި އަތަށް ލުން. ފައިސާވެރިންނަށް ވާހެން ލާރި އެއްކުރުންތާ. އެހެންވެ ބާރު އެއްކުރުމުގެ ބުރެއް ކަންނޭނގެ މި އުޅެނީ،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
އަޅުގަނޑު ސުވާލުކުރީ މަޖިލިހުގެ ފުރަތަމަ އަހަރު ސަރުކާރުން ބޭނުންވާ ގޮތަށް ޕީއެންސީގެ ސުޕަ މެޖޯރިޓީން އަމަލްކުރުމާއި ކުރިއަށް އޮތް ތަނުގައި މަޖިލިހުގެ ތެރެއިން ފެނިދާނެ ކަންކަމާ މެދުގަ އެވެ.
"ރައްޔިތުންގެ މަޖިލިސް މިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޖިލިހަށް. އެހާ ހިސާބަށް ކަންތައް ދަނީ. މިއީ އެންމެ އުނދަގޫ ކަންތައް ގަބޫލުކުރަން. މިހެން ވެގެން ނުވާނެ. ތިޔަ ސުވާލުގެ ކުރު ޖަވާބަކީ ވެސް، އަޅުގަނޑުމެން ގޮނޑިން ކެނޑޭ ކަހަލަ [މިސާލަކަށް ސިއްސައިގެން ގޮސް ވެއްޓުން ކަހަލަ] ކަންތައްތައް އަންނާނެ ކުރިއަށް މި އޮތް އަހަރު ތެރޭގައި ވެސް. ހަމަ ޔަގީން."
އޭނާ އެގޮތަށް ވިދާޅުވި ފަހުން ފެތުރުނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން ރައީސް މުއިއްޒު ގެންގުޅުއްވާ ވިސްނުންފުޅު ޕީއެންސީގެ މެމްބަރުންނާ ހިއްސާކުރެއްވި ހަބަރެވެ.  ގާނޫނުއަސާސީއަށް އެ ބަދަލު ގެންނަން މެމްބަރުންގެ އެހީތެރިކަމަށް އެދިވަޑައިގަތީ އެވެ. 
ރައްޔިތުންގެ މަޖިލިހުގައި އޭނާ ނަންގަވާ ޒިންމާތަކާ މެދު މުހައްމަދު އިބްރާހިމަށް އޮތީ ނަފުސުގެ ވެސް އަދި ހިތުގެ ވެސް ހަމަޖެހުމެކެވެ. އޭނާއަށް ހަމަ ޔަގީނެވެ. މުސާރަ ހަލާލުވާ ވަރަށް މަސައްކަތް އެބަ ކުރެއްވެ އެވެ.
"އަޅުގަނޑު މިހާރު ކުރާ މަސައްކަތަށް މުސާރަ ހަލާލުވާނެ. މީހަކު އަހައިފިއްޔާ އެ މަސައްކަތް ދަށްކަން ވެސް ދައްކާނަން،" އޭނާ ވިދާޅުވި އެވެ.
އެހެން މެމްބަރުންނަށް އެ ބޭފުޅުންގެ މުސާރަ ހަލާލުވާ ވަރަށް މަސައްކަތްކުރެއްވޭތޯ ސުވާލު ދެންނެވުމުން ވިދާޅުވީ "ތިއީ ހާދަ އެހެން ކަހަލަ ވާހަކައެކޭ،" ކަމަށެވެ. ދެން އެދިވަޑައިގަތީ އެ ސުވާލު އެ ބޭފުޅުންނާ ކުރުމަށެވެ. އެކަމަކު ކުޑަ ވާހަކަކޮޅެއް އިތުރުކޮށްލެއްވި އެވެ.
"އެބޭފުޅުން އެގޮތަށް ގަބޫލުކުރައްވާތީ ކަނނޭގެ ނޫންތޯ އެ ތިއްބަވަނީ. އެހެން ނޫނީ [މަޖިލިސް ދޫކޮށް ހިނގައިދާނެ]."
ދެން އޮތީ އެމްޑީޕީގެ ވާހަކަ އެވެ. މުހައްމަދު އިބްރާހިމް ވިދާޅުވާ ގޮތުގައި އެއީ އެތެރޭގެ ޑިމޮކްރަސީ އާދިޔާ ހިލާފަށް ބޮޑު ޕާޓީއެކެވެ. އެހެންކަމުން 2028ގެ ރިޔާސީ އިންތިހާބަށް ނުކުތުމުގެ ޝައުގުވެރިކަން މިހާރު ވެސް އެކި ބޭފުޅުން ފާޅުކުރައްވަމުން ގެންދަވަނީ އެވެ. އޭނާ ލަފާކުރައްވާ ގޮތުގައި މިހާތަނަށް ހައެއްކަ ބޭފުޅުން އެ ތިއްބެވީ އެ ނިިޔަތުގަ އެވެ.
އޭނާއަށް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ޕްރައިމަރީއަށް ކުރިމަތިލާ މީހުން އަދިވެސް ގިނަވާންވީ އެވެ. މިހާރު ވެސް އޮތް ޔަގީންކަމަކީ، މުޒާހަރާތަކަށް ނުކުންނަ މީހުން މަދުވިޔަސް (މުހައްމަދު އިބްރާހިމް ވިދާޅުވާ ގޮތުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ވައްޓަފާޅި މިހާރު ބަދަލުވެއްޖެ އެވެ.) އެމްޑީޕީގެ 'ވައިބް' އެބަ އޮތެވެ. ރޫހު ވެސް އެބަ އޮތެވެ.
އެ "އެންމެން އެއްކުރުމަކީ އަޅުގަނޑުމެން އެމްޑީޕީގެ ޒިންމާއެއް. އެކަން ކުރެވޭނެ. އެ ސަޕޯޓު ބޭސް އެބަ އޮތް،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
ކޮންމެ ނާކާމިޔާބީއެއްގެ ފަހަތުގައި ސަބަބުތަކެއް ހުންނާނެކަން އޭނާ ގަބޫލުކުރައްވަ އެވެ. އެހެންކަމުން އެމްޑީޕީއަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވީ ކީއްވެގެންކަން އެމްޑީޕީއަށް އެނގޭނެ އެވެ.
އެމްޑީޕީގެ ސިޔާސަތުތައް ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލުކުރާކަމާ މެދު އޭނާއަށް ޝައްކެއް ނެތެވެ. އޭނާ ވިދާޅުވާ ގޮތުގައި ކުރިއަށް އޮތީ ހިތްވަރު ނެރުމުގެ ދުވަސްތަކެކެވެ.
"އަޅުގަނޑުމެން އެމްޑީޕީން ދެން ނުކުންނާނީ އާ ޕޮލިސީތަކާއި އާ ހިޔާލުތަކާ އެކު އިތުރު ހިތްވަރަކާ އެކު. ދެން އަހަރެމެން ބޭރުނުކުރާނެ ގޮތަށް ވިސްނާނީ. އެ ވިސްނުމާއި ފިކުރު އެމްޑީޕީގައި ހުންނާނެ،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
"އެމްޑީީޕީން އިރާދަކުރެއްވިއްޔާ ކުރިއަށް ވުރެ ގަދަކޮށް ނުކުންނާނީ. އިރާދަކުރެއްވިއްޔާ 2028ގެ އިންތިހާބު ކާމިޔާބުކުރާނެ. އެމްޑިީޕީގެ ވަރަށް ބޮޑަށް އެބަ ހުރި އެ ވިސްނުން."
ދިވެހިން ދައްކަމުން އަންނަނީ އަބަދުވެސް ބަދަލެއް ބޭނުންވާ ކަމެވެ. އާ ބަދަލަކަށް ކުރާ އުއްމީދެވެ. ރައީސުން އަވަސް އަވަހަށް ބަދަލުކުރުމެވެ. އެކަމާ މެދު ވިސްނެވުމަށް ފަހު އޭނާ ވިދާޅުވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށްގެން އެ ފުރުސަތު ހޯދުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އެބަ އޮތް ކަމަށެވެ. ރާއްޖެއިން ބޭރުގައި އުޅޭ ގާބިލް ދިވެހިން ވެސް ހަމަ އަންނަންވީ އެވެ. އެމްޑީޕީގެ ތެރެއިން ވާދަކުރަންވީ އެވެ. މިއީ މުހައްމަދު އިބްރާހިމްގެ ވިސްނުމެވެ.
"މިއީ ވަރަށް ރަނގަޅު ފުރުސަތެއް. ރައްޔިތުންނަކީ އަބަދު [ވެރިން] ބަދަލުކުރާ ބައެއް. ދިވެހިންގެ އިނދޭ ޗޭންޖް، ޗޭންޖް، ޗޭންޖް. އާ ބޭފުޅުން ވެސް ކުރިމަތިލައިގެން ނުކުންނަންވީ. އެމްޑީޕީގައި އެބަ އޮތް އެ ފުރުސަތު،" އޭނާ ވިދާޅުވި އެވެ.
"މިހާރު ހައެއްކަ ބޭފުޅުން އެބަ އުޅުއްވާ މި ކަމުގައި. ރަނގަަޅެއް ނޫންތޯ. އެ ހަ ބޭފުޅުންނަކީ ހަމަ މި ކަމުގެ ތަޖުރިބާ ހުރި ބޭފުޅުން. ގައުމު ހިނގާ ގޮތާއި ވާނުވާ އެނގޭ ބޭފުޅުން.  ވަރަށް ރަނގަޅު. މިކަމާ އުޅެންވާނެ. މީހުން މަދީ އުޅޭލެއް."
އެއީ އޭނާ ވިދާޅުވި ގޮތުގައި އެއްގޮތަކަށް ވެސް މަޖަލަކަށް ދައްކަވާ ވާހަކައެއް ނޫނެވެ. ހަގީގަތުގައި ވެސް އޭނާ އެދިވަޑައިގަންނަވާ ގޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ