މަޖިލީހުން މަސައްކަތްނުކުރާތީ ކިޔާ ފާޑަށް އަބްދުއްރަހީމް ރައްދު ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގައި ކުރަންޖެހޭ މަސައްކަތްތައް ހުންނަނީ ހަމައެކަނި ތަޅުމުގައި ނޫން ކަމަށާއި މަޖިލީހުގެ މައިގަނޑު މަސައްކަތްތައް ކުރާ ތަނަކީ ކޮމިޓީތައް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފާޑުވިދާޅުވެއްޖެއެވެ. މަޖިލީހުގެ ޖަލްސާތައް ވަކި ސަބަބެއް ނާންގައި ކެންސަލްކޮށް، ބައެއް ޖަލްސާތައް ކުރުކޮށްލުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ޚާއްސަކޮށް އިދިކޮޅުގެ މެންބަރުން އެކަމުގެ ކަންބޮޑުވުން ފާހަގަކުރެއެވެ. ތަޅުމުގައި ރަނގަޅަށް ބަހުސްކޮށް، މެންބަރުންގެ ޚިޔާލު ފާޅުކުރުމަކީ ކޮމިޓީއަށް ބިލުތަކާއި ގަރާރުތައް ފޮނުވުމުގެ ކުރިން ކޮންމެހެން ވެސް ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް މެންބަރުން ވިދާޅުވެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މިއަދަށް އެޖެންޑާކޮށްފައި ހުރި ކޮމިޓީތައް އިއުލާނުކުރެއްވުމަށް ފަހު އަބްދުއްރަހީމް ވަނީ އެ ތުހުމަތުތަކަށް ރައްދު ދެއްވައިފައެވެ. "މި ވާހަކަތައް މިހެން ދަންނަވާލަން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތާ ދޭތެރޭ ބައެއް ފަރާތްތަކުން ސުވާލު އުފައްދައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބަދުނާމުވާ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަދައްކަމުން ދާތީ،" އަބްދުއްރަހީމް ވިދާޅުވިއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ޖަލްސާތައް ކުރުކޮށްލާކަމުގެ ކަންބޮޑުވުން ބޮޑު -- ފޮޓޯ/ މަޖިލިސް އެ މަނިކުފާނު ވިދާޅުވީ، ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރެވޭ ތަނަކީ ރައްޔިތުންގެ މަޖިލީހުގެ ތަޅުން ނޫން ކަމަށެވެ. ތަޅުމުގައި ކުރަން އޮންނަނީ ކޮމިޓީތަކުން ކުރާ މަސައްކަތުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ވެސް މަދު މަސައްކަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ މައިގަނޑު މަސައްކަތްތައް ކުރާ ތަނަކީ މަޖިލީހުގެ ކޮމިޓީތައް ކަމަށް ވެސް ވިދާޅުވިއެވެ. "އެހެންވީމާ މަޖިލީހުގެ ތަޅުމުން މެންބަރުން މަދުވުމަކުން، މަޖިލީހުގެ ޖަލްސާއެއް އަވަހަށް ނިންމާލުމަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސައްކަތެއް އެ ހިސާބުން ނިމުނީ ނޫންކަން މީޑިއާތަކަށާއި އަދި ރައްޔިތުންނަށް، މަޖިލީހުގެ ޖަލްސާތައް ބައްލަވާ ފަރާތްތަކަށާއި، ފާޑުވިދާޅުވާ ފަރާތްތަކަށް ވެސް އިތުރު ފަސޭހައެއް މިކަމުން ގެނެސްދިނުމުގެ މަގުސަދުގައި މިވާހަކަތައް މި ދަންނަވާލަނީ،" ރައްދުދެއްވަވައި އަބްދުއްރަހީމް ވިދާޅުވިއެވެ. ތުހުމަތުތަކަށް ޕީއެންސީގެ މެންބަރުން އެންމެ ބޮޑަށް ވިދާޅުވަނީ ވެސް އެ ވާހަކައެވެ. ކޮމިޓީތަކުގައި ވަރަށް ގިނަ މަސައްކަތްތައް ކުރާ ވާހަކައެވެ. ނަމަވެސް، އެޖެންޑާ ކުރާ ކޮމިޓީތައް ގިނަފަހަރަށް ކެންސަލްވެފައި ވެސް އެބަހުއްޓެވެ. https://sun.mv/205138 ރޯދަމަހުގެ ފަހު 10ގެ ޗުއްޓީ ނިންމައި އެނބުރި މަސައްކަތަށް މަޖިލިސް އައިސް ގިނަ ޖަލްސާތައް ނުބާއްވާ ކެންސަލްކޮށްފައިވެއެވެ. އެކަމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކަކާއި ތުހުމަތުތަކެއް ވަނީ މަޖިލީހުގެ ރިޔާސަތަށާއި ސަރުކާރަށް އަމާޒުވެފައެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ހަފުތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހެއެވެ. އާންމުކޮށް ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ. ޗުއްޓީން އެނބުރި އައިސް ފުރަތަމަ ހަފުތާ ވެސް މަޖިލީހުގައި ބޭއްވީ އެންމެ ޖަލްސާއެކެވެ. ހަމައެއާއެކު ގިނަ މެންބަރުންތަކެއް ބަހުސްކުރުމުގެ ފުރުސަތަށް އެދިއެދި ތިއްބައި ޖަލްސާ ކުރުކޮށްލައި، ނިންމާލާފައި ވެސް އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ