ލިވަޕޫލް ދޫކޮށްލަން އާނޯލްޑް ނިންމައިފި ލިވަޕޫލް ދޫކޮށްލަން އާނޯލްޑް ނިންމައިފި

ލިވަޕޫލް (މެއި 5) - މި ސީޒަނުގެ ނިޔަލަށް އޮތް ކޮންޓްރެކްޓް ހަަމަވުމުން އިނގިރޭސި ފުލްބެކް، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް، ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާކަން އެ ކްލަބަށް އަންގައިފި އެވެ.
ލިވަޕޫލާއެކު އާނޯލްޑް، 26، ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އޭނާ ހޯދުމަށް ރެއާލް މެޑްރިޑުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ކުރިމަގާ ބެހޭގޮތުން، ރަސްމީކޮށް ނިންމި ނިންމުން އާނޯލްޑް ވަނީ ލިވަޕޫލާ ހިއްސާކޮށްފަ އެވެ.
"އެންމެ ފުރަތަމަ ކަމަކަށް މިއީ އަހަންނަށް ފަސޭހަ ނިންމުމެއް ނޫން، ވިހި އަހަރު ދުވަސް މި ކްލަބްގައި ހޭދަކުރިއިރު ކޮންމެ މިނިޓަކާ މެދު ވެސް ފަހުރުވެރިވޭ، އެކަމަކު، މިއީ، ކެރިއަރުގައި އާ ޗެލެންޖެއް ނަގަން ޖެހޭ ވަގުތު ކަމަށް ގަބޫލުކުރެވޭތީ، އަހަރެން ކްލަބް ދޫކޮށްލަން ނިންމީ،" އާނޯލްޑް ބުންޏެވެ.
ލިވަޕޫލްގެ އެކަޑަމީ ޓީމާ އުމުރުން ހަ އަހަރުގައި ގުޅުނު އާނޯލްޑް ވަނީ 2016 ވަނަ އަހަރު ސީނިއާ ޓީމަށް ފުރަތަމަ ފަހަރަށް މެޗެއް ކުޅެދީފަ އެވެ. އާނޯލްޑް ވަނީ މިހާތަނަށް ލިވަޕޫލަށް 352 މެޗުން 23 ގޯލު ޖަހައިފަ އެވެ. އަދި، ބޮޑެތި މުބާރާތްތަކުގެ ކާމިޔާބީ އަށް ބަލާއިރު، އަށް ތަށި އުފުލާލި އެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގު ދެ ފަހަރާއި ޗެމްޕިއަންސް ލީގު ހިމެނެ އެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ކޮންޓްރެކްޓް ހަމަވުމުގެ ކުރިން، ލިވަޕޫލަށް ސީޒަން ނިމުމުން، ވަކި ފީއެއް ދީފައި އާނޯލްޑް އަވަހަށް ރެއާލަށް ގެންދަން އެ ކްލަބުން ބޭނުންވެ އެވެ. އެއީ، އަންނަ މަހު ފަށާ ފީފާ ކްލަބް ވޯލްޑް ކަޕްގައި އާނޯލްޑް ޓީމުގައި ހިމަނައިގެން ރެއާލުން ކުޅެން ބޭނުންވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ