އެމެރިކާއިން ސޫރިއާއަށް އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަނީ

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އެދިވަޑައިގަތުމުގެ މަތިން ސޫރިއާއަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލުމަށް އަމުރު ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް އެގޮތަށް އިއުލާނުކުރެއްވީ ގަލްފުގެ ހަތަރު ގައުމަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވުމަށް ފަހެވެ. "ސޫރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހުއްޓާލުމަށް އަމުރުކުރާނީ އެ ގައުމަށް ފުރުސަތު ދިނުމުގެ ގޮތުން،" ރިޔާދުގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމެއްގައި ޓްރަމްޕް ވިދާޅުވިއެވެ. އެ ކަމާ ގުޅިގެން ސޫރިއާގެ ޚާރިޖީ ވަޒީރު އަސަދު އަލް ޝައިބާނީ ވިދާޅުވީ، ޓްރަމްޕް ސޫރިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ނިންމެވުމަކީ އެ ގައުމަށް އަންނާނެ މުހިންމު ބަދަލެއް ކަމަށެވެ. ސޫރިއާގެ ދައުލަތުގެ ނޫސް އެޖެންސީ ސާނާއާ ވާހަކަދައްކަވަމުން ޝައިބާނީ ވިދާޅުވީ، ޓްރަމްޕްގެ އިއުލާނަށް މަރުހަބާ ކިޔާ ކަމަށާއި އެއީ އަހަރުތަކެއް ވަންދެން ކުރި ހަނގުރާމައަކަށް ފަހު ހަމަޖެހުން ލިބި، އަމިއްލައަށް ދިރިއުޅެވޭނެ މުސްތަގުބަލެއް ހޯދުމަށް ކުރިއަށްދާ ސޫރިއާގެ ރައްޔިތުންނަށް މުހިންމު ކަމެއް ކަމަށެވެ. ވައިޓް ހައުސްގެ އޮފިޝަލަކު އަލް އަރަބިޔާ އިންގްލިޝްއަށް ވިދާޅުވީ، ސޫރިއާގެ ރައީސް އަލް ޝަރްޢާއާއި ޓްރަމްޕް ބައްދަލުކުރައްވާނެ ކަމަށެވެ. އަދި، ސޫރިއާގެ ރިޔާސަތުން ވަނީ ޓްރަމްޕާ ބައްދަލުކުރުމަށް ޝަރްޢާ ރިޔާދަށް ވަޑައިގަންނަވާނެ ކަމަށް ވެސް ބުނެފައެވެ. ބައްޝާރުލް އަސަދުގެ ވެރިކަމުގައި އެމެރިކާއިން ސޫރިއާއަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު، 13 އަހަރަށް ވުރެ ގިނަ ދުވަހުގެ ހަނގުރާމައަށް ފަހު ޑިސެމްބަރު މަހު އަސަދު ވެރިކަމުން ވައްޓާލި ފަހުން ވެސް އެމެރިކާއިން އެ ފިޔަވަޅުތައް އުވާލާފައެއްނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ