ކެނެޑީ އަވަހާރަކޮށްލުމާގުޅޭ 80 ހާސް ސަފްހާގެ ލިޔުން އާންމުކުރަނީ
އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީ އަވަހާރަކޮށްލުމުގެ މައްސަލައާގުޅޭ 80،000 ސަފްހާގެ ލިޔުން އާންމުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ހޯމަ ދުވަހު ކެނެޑީ ސެންޓަރުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ކެނެޑީ އަވަހާރަކޮށްލި މައްސަލައާ ބެހޭ ގޮތުން ކިޔަންޖެހޭ ގިނަ ލިޔުންތަކެއް ހުރި ކަމަށެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ޓްރަމްޕް ވަނީ ކެނެޑީ އަވަހާރަކޮށްލި މައްސަލައިގެ ހުރިހާ ލިޔުންތައް ހާމަކުރުމަށް އަމުރު ނެރުއްވާފައެވެ. އެ އަމުރުގެ ދަށުން ޓްރަމްޕް ވަނީ ކެނެޑީ އަވަހާރަކޮށްލުމާ ގުޅޭ ލިޔުންތައް އާންމުކުރުމަށް 15 ދުވަހުގެ ތެރޭގައި ޕްލޭނެއް ހުށަހެޅުމަށް ނޭޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރު ޓޫލްސީ ގަބާޑްއަށް އަންގަވާފައެވެ. މިދިޔަ މަހު އެފްބީއައިއިން ބުނީ އެ އަމުރަށް އަމަލުކުރުމަށް ކުރި މަސައްކަތުން އަވަހާރަކޮށްލުމާ ގުޅުން ހުރި ގާތްގަނޑަކަށް 2،400 އާ ފައިލް ފެނިފައިވާ ކަމަށެވެ. ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ވެސް ކެނެޑީ އަވަހާރަކޮށްލުމާ ގުޅޭ ހުރިހާ ރެކޯޑެއް ހާމަކުރާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ. ނަމަވެސް އެ ފަހަރު އާންމުކުރީ ގާތްގަނޑަކަށް 2،800 ލިޔުމެވެ. ޓްރަމްޕްގެ ކުރިން ވެރިކަންކުރެއްވި އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި އިތުރު ގާތްގަނޑަކަށް 17،000 ލިޔުން އާންމުކޮށްފައިވެއެވެ. އެމެރިކާގެ ރައީސް ކަމުގައި ހުންނަވަނިކޮށް ކެނެޑީ އަވަހާރަކޮށްލާފައިވަނީ 22 ނޮވެންބަރު 1963 ގައެވެ. ކެނެޑީގެ ހަށިކޮޅަށް ބަޑިޖަހައި އަވަހާރަކޮށްލީ ލީ އާވޭ އޮޒްވޯލްޑް ނަމަކަށް ކިޔާ އެމެރިކާ މީހެކެވެ. އޭގެ ދެ ދުވަސްފަހުން އޮޒްވޯލްޑްވަނީ ބަޑިޖަހައި މަރާލާފައެވެ. އޮޒްވޯލްޑް މަރާލާފައިވަނީ އޭނާ ހައްޔަރުކުރުމަށްފަހު އެމެރިކާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ޖެކްރުބީ ނަމަކަށް ކިޔާ މީހެކެވެ. ކެނެޑީ އަވަހާރަކޮށްލުމުގެ ފަހަތުގައިވާ އެއްވެސް ހަގީގަތެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ