3 މިނިސްޓްރީއެއްގެ މެންޑޭޓަށް އައި ބަދަލު މަޖިލީހުން ފާސްކޮށްފި

ދެ މިނިސްޓްރީއެއް އުވާލައްވައި ތިން މިނިސްޓްރީއެއްގެ މެންޑޭޓަށް ރައީސް މުހައްމަދު މުއިއްޒު ގެންނެވި ބަދަލު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު ވަނީ، ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީ އުވާލައްވައި އެ މިނިސްޓްރީން ކުރަމުން އައި ކަންކަން ކޮންސްޓްރަކްޝަން މިނިސްޓްރީއަށް އަދި ފިނޭންސް މިނިސްޓްރީއަށް ބަދަލުކުރައްވާފަ އެވެ.
އޭގެ އިތުރުން، ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓްރީ އުވާލައްވައި އެ ތަނު މެންޑޭޓު ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރެއްވި އެވެ.
ތަފްސީލު - ގާނޫނުއަސީގައިވާ ގޮތުން މިގޮތަށް މިނިސްޓްރީތަކަށް ގެންނަ ބަދަލުތައް މަޖިލީހަށް ހުށަހަޅައިގެން ފާސް ކުރަން ޖެހެ އެވެ. އެހެންވެ، ދެ ފަހަރެއްގެ މަތިން ރައީސް ގެންނެވި މި ބަދަލުތައް ފާސް ކުރުމަށް ރައީސް މުއިއްޒު އޮތީ މަޖިލީހަށް ފޮނުއްވާފަ އެވެ.
ރައީސް ފޮނުއްވި ގޮތަށް އެ ބަދަލުތައް ފާސް ކުރަން މި މައްސަލަ ދިރާސާ ކުރި ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން އޮތީ ފާސްކޮށްފަ އެވެ.
މި ބަދަލުތަކާ އެކު މިނިސްޓްރީތަކަށް ކިޔާނެ ނަންތައް:
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް
ކޮމިޓީން ނިންމި ގޮތަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބަދަލުތައް ފާސްކޮށްފައި ވަނީ 50 މެންބަރުންގެ ވޯޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ