ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ފަރާތްޕުޅުން އޭނާގެ ވަކީލު އިބްރާހީމް ޝަމީލު މާ ގިނައިން ނޫސް ބަޔާން ނެރުއްވާތީ ވެސް ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ވީކިހިނެއް؟ - އަޒްމިރާލްދާގެ ވަކީލު ގެންދަވަނީ ތަހުގީގު ހިނގަމުންދާ ގުޅޭ ގޮތުން ތަފްސީލްކޮށް ނޫސް ބަޔާންތައް ނެރުއްވަމުންނެވެ. އަދި ނޫސްތަކުން ކުރާ ސުވާލުތަކަށް ވެސް ވަކީލު ޖަވާބު ދެއްވައި، ވަކީލާ ހަވާލާދީ މީޑިއާގައި ގިނަ ހަބަރުތަކެއް ގެނެސްފައިވެ އެވެ.
ބަންދު އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގުގެ ފުރަތަމަ ރިޕޯޓް ލިބުމުން، އެ ރިޕޯޓްގައި ހުރި ވާހަކަތަކާ ގުޅޭ ގޮތުން ވެސް މިއަދު ނޫސް ބަޔާނެއް ވަކީލު ނެރުއްވި އެވެ.
އެކަމާ ގުޅިގެން ޖޭއެސްސީން މައްސަލަ ބަލަން ނިންމީ މިއަދު މެންދުރުފަހު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމެއްގަ އެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި މައްސަލަ ބެލުމަށް ކޮމިޝަނުގައި ތިއްބަވާ ފަނޑިޔާރުން ދެކޮޅު ހެއްދެވި އެވެ. ނަމަވެސް އެހެން މެންބަރުންގެ ވޯޓުން އެގޮތަށް ފާސްކުރީ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ދެ މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެއީ:
އަޒްމިރާލްދާގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުގެ ބައެއް ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް
ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އޭނާއާ ހުތުރުކޮށް ވާހަކަ ދެއްކެވި ކަމަށް ބުނާ ތަނެއްގައި އަޒްމިރާލްދާ އާއި މަހާޒު ތިއްބެވި ކަމަށް ބުނާ މައްސަލަ
އެނގުން މުހިއްމު - އަޒްމިރާލްދާ އާއި މަހާޒު ތިއްބެވީ ސަސްޕެންޑްކޮށްފަ އެވެ. އެ ދެ ފަނޑިޔާރުންނާއި ސުއޫދު މިދިޔަ މަހު 26ގައި ސަސްޕެންޑްކުރީ އޭސީސީން ތަހުގީގެއް ހިންގާކަން ޖޭއެސްސީއަށް އެންގުމުން ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ. ސުއޫދު ވަނީ މި މަހުގެ 4 ވަނަ ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ.
ފާހަގަކުރެވޭ - ކުރިން އޮތް ޖޭއެސްސީއަށް ހުށަހެޅި މައްސަލަތަކެއް ވެސް ހިމެނޭ ގޮތަށް މި ފަނޑިޔާރުންގެ މައްސަލަތައް ބަލަން ނިންމައި ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ.
އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ކޯޓުން ނިންމާފައި ވަނިކޮށެވެ. ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން، އެ މައްސަލަ މި ވަގުތަށް ވަނީ ހުއްޓިފަ އެވެ. އެއީ:
ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރުން
ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް
ފަނޑިޔާރު އަޒްމިރާލްދާ ނޫސް ބަޔާން ނެރުއްވާތީ ވެސް ޖޭއެސްސީން މައްސަލަ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ