މިއަދަކީ އައްޑޫގައި ބާއްވާ އުރީދޫ ފަންރަންގައި ބައިވެރިވުމުގެ ފަހު ދުވަސް!

އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަން 2025އަށް ރެޖިސްޓާ ވުމުގެ އެންމެ ފަހު ދުވަހަކީ މިއަދު ކަމަށް އުރީދޫން ބުނެފިއެވެ. އުރީދޫ ފަން ރަން މި އަހަރު ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 27ގައި އައްޑޫ ސިޓީ މަރަދޫގައެވެ. އުރީދޫން ބުނީ އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިރޭގެ 23:59ކަަމަށެވެ. މި ދުވުމުގައި ބައިވެރިވެވޭނީ މޫލީ މެދުވެރިކޮށެވެ. މި ހަރަކާތަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ހިތްގައިމު މަޖާ އަދި އާއިލާއާއި ރައްޓެހިންނާއެކު ބައިވެރިވެ ގުޅުން ބަދަހި ކުރެވޭނެ ދުވުމެއެއްކަން އުރީދޫން ފާހަގަކުރެއެވެ. އުރީދޫން ބުނީ މި ހަރަކާތަކީ އައްޑޫސިޓީގެ މަގުތަކަށް ކުލައާއި އުފާވެރިކަމާއި ހަކަތަ ގެނެސްދޭނެ "އީދެއް" ކަމަށާއި އުރީދޫ ފަން ރަން އަކީ ކަސްރަތާއި މަޖާކުރުން އެއް މާހައުލެއްގައި ތަޖުރިބާކުރެވޭނެ ފަސް ކިލޯމީޓަރުގެ ދުވުމެއް ކަމަށެވެ. މި ދުވުމުގައި ބައިވެރިވާ ދުވުންތެރިންނަށް ޚާއްސަކޮށް މަގުމަތީގައި ކުލަ ޖެހިމާއި މިއުޒިކް އަދި އިންފްލެޓޭބަލް ސްޓޭޝަންތަކަށް ފަރުމާކޮށްފައި ވެއެވެ. މިއީ އާއިލާތަކާއި ރައްޓެހިން ގުޅާލައި، އެކުގައި އުޅެވޭނެ ކާނިވަލެއް ފަދަ މާހައުލެއް ކަމަށް އުރީދޫން ސިފަކުރެއެވެ. އެހެންކަމުން މި އިވެންޓުގެ ޖާގަ ކަށަވަރު ކުރުމަށް މިރޭ 23:59 ކުރިން ބައިވެރިން ރަޖިސްޓްރީވުމަށް އުރީދޫން ވަނީ ހަނދާންކޮށްދީފައެވެ. މި ދުވުމުގައި ބައިވެރިވާ ދުވުންތެރިން ބޭނުންކުރާނީ ސްޓޭންޑަޑް ކިޓާއި ފަން ކިޓެވެ. އެ ކިޓުތަކުގައި ހިމެނެނީ: ސްޓޭންޑަޑް ކިޓް: 110 ރުފިޔާ (ފަން ރަން ޓީޝާޓާއި ވްރިސްޓްބޭންޑް) ފަން ކިޓް: 210 ރުފިޔާ (ފަން ރަން ޓީޝާޓް، ވްރިސްޓްބޭންޑް، ދަބަސް، އަވި އައިނު އަދި ބޮލުގައި އައްސާ ފޮތިކޮޅެއް) އުރީދޫ ފަން ރަންއަކީ ކޮންމެ އަހަރަކު އެ ކުންފުނިން ބާއްވާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ވަރަށް ފޯރިގަދަކޮށް ބޭއްވި މި ހަރަކާތްތަކުގެ ބައިވެރިންގެ އަދަދު 6500 އަށްވުރެ އިތުރުކަން އުރީދޫން ފާހަގަކޮށްފައިވެއެވެ. ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމޭއިރު ހުންނަ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން ފެނާއި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ