ވެރިކަމަށް 576 ދުވަސް ވީއިރު ވެރިންގެ މާލީ ބަޔާންތައް އަދިވެސް ހާމަނުކުރޭ ވެރިކަމަށް 576 ދުވަސް ވީއިރު ވެރިންގެ މާލީ ބަޔާންތައް އަދިވެސް ހާމަނުކުރޭ

މައުލޫމާތަށް އެދި ހުށަހަޅަން ވެސް ނުޖެހޭނެހެން އެއްވެސް ކަމެއް ސިއްރުނުކޮށް ހިންގާނެ ކަމަށް ބުނި މި ސަރުކާރަށް 576 ދުވަސް ވީއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނު ސަރުކާރުގެ އިސްވެރިންގެ މާލީ ބަޔާންތައް ހާމަނުކޮށް ސިއްރުކޮށްފި އެވެ.
ސަރުކާރުގެ ދެވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވަނީ ވެރިންގެ މާލީ ބަޔާންތައް ހާމަކުރުމަކީ ރައީސް މުއިއްޒުގެ ވިސްނުން ކަަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ސަރުކާރަށް ދޮޅު އަހަރެއްހާ ދުވަސް ވީއިރު ވެސް ރައީސް އޮފީހުން އެއްވެސް ވެރިއެއްގެ މާލީ ބަޔާން ހާމަކޮށްފައެއް ނުވެ އެވެ. އެކަން ކުރާނެ ތާރީހެއް ވެސް އެ އޮފީހުން ބުނެފައެއް ނުވެ އެވެ. މިކަމާ ގުޅިގެން މި ނޫހުން ވާނީ ރައީސް އޮފީހާ ތަކަރުކާރުކޮށް ސުވާލުކޮށްފަ އެވެ.
މިކަމުގެ އިތުރު ތަފުސީލު ހޯދުމަށް މި ނޫހުން ސުވާލުކުރުމުން އޮޑިޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ބައެއް ވެރިންގެ މާލީ ބަޔާންތައް އެ އޮފީހާ ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ ބަޔާންތައް އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމު ނުކުރާނެ ކަމަށާއި އާންމު ކުރާނީ ބަޔާން ހުށަހެޅި މީހުންގެ ތަފުސީލު ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
މި ސަރުކާރުގެ ވެރިންގެ މާލީ ބަޔާންތައް ހާމަނުކޮށް ލަސްކޮށްފައިވާއިރު، ރައީސް މުއިއްޒު ހިމެނޭހެން އެކި މަގާމުތަކުގައި ތިބި ވެރިންނަށް ވައްކަމާއި ކޮރަޕްޝަނުގެ ތުހުމަތުތައް އާންމުން ދަނީ ކުރަމުންނެވެ. މިފަދަ އެތައް މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށްވެސް ހުށަހަޅާފައިވެ އެވެ.
ނަމަވެސް، ރިޔާސީ ކެމްޕޭނުގައި ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވީ އެމަނިކުފާނުގެ ސަރުކާރުގައި އެއްވެސް ކަމެއް ނުފޮރުވާނެ ކަމަށެވެ. ރައްޔިތުންނަށް ފޮރުވައިގެން ކަމެއް ކުރަން ވެއްޖެނަމަ ގައުމަށް ހަމަޖެހުން ނާންނާނެ ކަމަށް ވެސް އެމަނިކުފާނު އޭރު ވިދާޅުވި އެވެ.
"ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެ ކަމެއް ނުބާއްވާނަން. ރައްޔިތުންނަށް ނޫސްވެރިންނަށް ކަމެއް ނޭނގިގެން އުޅެން ޖެހުނަކަ ނުދޭނަން. ރައްޔިތުންނަށް ފޮރުވައިގެން ކަމެއް ކުރަން ވެއްޖެއްޔާ ގައުމަކަށް ހަމަޖެހުމެއް ނާންނާނެ،" ސެޕްޓެމްބަރު 26، 2023 ގައި ލ. ގަމުގައި ހުންނަވާ ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމަނިކުފާނާއި, ނައިބު ރައީސް ފައިސަލް ނަސީމާއި, ވަޒީރުންނާއި, ރައީސް އޮފީހުގެ އެންމެ އިސްވެރިންގެ މާލީ ބަޔާންތައް ހާމަކުރީ ވެރިކަމަށް 55 ވަނައަށް ވީ ދުވަހު ޖެނުއަރީ 10, 2019 ގަ އެވެ. އެ އޮފީހުގެ ރެކޯޑުތަކުން މި ބަޔާންތައް އެ ދުވަހު ހާމަކޮށްފައި ހުރިކަން އެނގެ އެވެ.
އޭގެ މަސްތަކަކަށް ފަހު, އެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނާއި, ޑެޕިއުޓީ މިނިސްޓަރުންގެ މާލީ ބަޔާންތައް ވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއު ކުރި އެވެ. އަދި, އަހަރަކު އެއްފަހަރު މާލީ ބަޔާންތައް އާންމުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ