ކަރަންޓު ކެނޑުމުގެ ސަބަނުން ޓިކެޓު ޚިދުމަތަށް ބުރޫއަރައިފި، ބަސް ދަތުރުތައް ހިލޭ!
        މާލޭ ސަރަހައްދުން ކަރަންޓު ކެނޑުމުގެ ސަބަބުން އާރްޓީއެލް ބަހުގެ ޓިކެޓު ސިސްޓަމަށް ބުރޫ އަރައި، ބަސް ދަތުރުތައް ހިލޭ ކުރެވޭނެ އިންތިޒާމު އެމްޓީސީސީން ހަމަޖައްސައިފިއެވެ.  އާރްޓީއެލް ފެރީ އަދި ބަހުގެ ޚިދުމަތް ވެސް ފޯރުކޮށްދެނީ އެމްޓީސީސީންނެވެ.  މިކަމާ ގުޅިގެން އެމްޓީސީސީން ކުރި އިއުލާނެއްގައި ވަނީ، މާލޭ ސަރަހައްދުން ކަރަންޓު ކެނޑުމާ ގުޅިގެން ބަސް އަދި ފެރީ ޚިދުމަތުގެ ޓިކެޓު ނެގުމުގެ ޚިދުމަތަށް ބުރޫ އަރައިފައި ވާކަމަށެވެ.  https://x.com/MTCCPlc/status/1929102617897996359  ނަމަވެސް، އާއްމު ދަތުރުފަތުރުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ދާނެކަމަށާއި ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖެހެންދެން ބަހުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީގެ ބަޔާނުގައި ވެއެވެ.  'ސަން'އަށް އެނގިފައިވާ ގޮތުގައި މާލޭ ސަރަހައްދުން ކަރަންޓު ކެނޑުނީ ހުޅުމާލޭ އިންޖީނު ގެއަށް ދިމާވި މައްސަލައެއްގައި މާލޭ އިންޖީނުތަކަށް ބާރުބޮޑުވެގެންނެވެ. މި ކަމާ ގުޅިގެން ސްޓެލްކޯއިން ރަސްމީކޮށް ބަހެއް ނުބުނި ނަމަވެސް ވީހާ ވެސް އަވަހަށް މައްސަލަ ހައްލުކުރަން މަސައްކަތްކުރާ ކަމަށް ވަނީ ބުނެފައެވެ.  މާލޭ ސަރަހައްދަށް އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ އިރެއް ނޭނގެއެވެ.  މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފައެވެ.  "އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން," ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެއެވެ.  މި މައްސަލަ ހިނގި ގޮތުގެ ތަހުގީގެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ވަނީ ފަށައިފައެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ