ބައެއް ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ބަހައްޓައި ނިންމައި، ޓެސްޓު ކުރަން ފަށައިފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި ލިފްޓު އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ބައެއް ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިންމައި، މިއަދު ޓެސްޓު ކުރަން ފަށައިފިއެވެ. އެކަމާ ގުޅިގެން ސުވާލުކުރުމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މީޑިއާ އޮފިޝަލް ވިދާޅުވީ، ލިފްޓު ޓެސްޓު ކުރަން ފެށީ ޓަވަރު އެކަކާއި ދޭއްގެ އިތުރަށް ތިނެއްގައި ކަމަށެވެ. މި ޓަވަރުތަކުގެ އިތުރަށް ދެން ހުރި ޓަވަރުތަކުގައި ވެސް ލިފްޓު ހަރުކުރުމުގެ މަސައްކަތްތައް ތާވާލާ އެއްގޮތަށް ނިމޭނެ ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ. ކޮންމެ ހިޔާ ޓަވަރެއްގައި އިތުރު ދެ ލިފްޓު ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޭޕްރީލް މަހުގެ 18ގައެވެ. އެގޮތުން، އެމަޝްރޫއުގެ ދަށުން ހަރުކުރާ 32 ލިފްޓު ގަތުމަށް 18 މިލިއަން ޑޮލަރު ހޭދަވި ކަމަށް އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވަނީ ވިދާޅުވެފައެވެ. https://sun.mv/199840 އެޗްޑީސީން ބުނީ، 15 މީހުންގެ ޖާގައިގެ މި ލިފްޓުތަކުގެ ޖާގަ ތަނަވަސްވާނެ ކަމަށެވެ. އެ ގޮތުން، މި ލިފްޓުތަކުގައި ބަލި މީހުންގެ ސްޓްރެޗާ އެރުވޭނެ ޖާގަ ވެސް ލިބޭނެ ކަމަށް ބުނެފައިވެއެވެ. އަލަށް ބަހައްޓާ ލިފްޓުތަކުގެ ފްލޯ ނަންބަރުތައް ބްރެއިލްއިން އެންގްރޭވް ކޮށްފައި ހުންނައިރު. އެއީ ލޮލަށް ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ވެސް އިތުރު ފަރާތެއްގެ އެހީތެރިކަމާ ނުލައި، ފަސޭހަ ކަމާ އެކު ބޭނުން ކުރެވޭނެ ލިފްޓުތަކަށް ވާނެ ކަމަށް އެޗްޑީސީން ބުނެއެވެ. ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. ހިޔާ ފުލެޓުތަކަށް އިތުރު ލިފްޓު ހަރުކުރަން ފެބްރުއަރީ 2024ގައި ހަވާލުކުރީ ޗަައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ