ފަނޑިޔާރުންގެ މިނިވަންކަން ނެތް ކަމަށް ބެލެވޭނަމަ، އިންވެސްޓްމެންޓް ވެސް ހުއްޓިދާނެ: އައިބީއޭއެޗްއާރްއައި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު މަގާމުން ވަކި ކުރީ ރާއްޖޭގެއާއި ބައިނަލްއަގުވާމީ އުސޫލަތަކާ ޚިލާފަށް ކަމަށްބުނެ، އެ ކަން އިންޓަނޭޝަނަލް ބާ އެސޯސިއޭޝަންގެ ހިއުމަން ރައިޓްސް އިންސްޓިޓިއުޓް (އައިބީއޭއެޗްއާރްއައި)އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ސުޕްރީމް ކޯޓުން ތިން ގޮނޑި ހުސްވީ، ސަސްޕެންޝަންގައި ހުންނެވި ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާދެއްވުމުންނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމުންނެވެ. މަޖިލީހުން އަޒްމިރަލްދާއާއި މަހާޒު ވަކިކުރީ، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރިމް ކޯޓަށް ވެއްދުމާ އެކު، ސުޕްރިމް ކޯޓުން އެ މައްސަލަ ބަލަނިކޮށެވެ. އެ މައްސަލަ ބަލަން ފަށައިފައި ވަނިކޮށް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އަޒްމިރަލްދާއާއި މަހާޒާއެކު ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑުކުރީ މިދިޔަ ފެބްރުވަރީ މަހެވެ. ސުއޫދާއި އަޒްމިރަލްދާ ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ އެއީ ސަރުކާރުން ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުމަށް، ފަނޑިޔާރުންނަށް ބިރު ދައްކައި، ކޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ. އެ މައްސަލައިގައި ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ފަޑިޔާރުންނަށް ފުރުސަތު ދީފައި ވެސް ނުވެއެވެ. މި މައްސަލައިގައި އައިބީއޭއެޗްއާރްއައިއިން ދިވެހި ސަރުކާރަށް ގޮވާލާފައިވަނީ ފަނޑިޔާރުން ވަކިކުރި ނިންމުން ބަދަލުކޮށް، ފަނޑިޔާރުގެއާ ގުޅޭ ހުރިހާ ނިންމުމެއްގައި ގާނޫނީ އިޖުރާއަތުތަކާއި ފަނޑިޔާރުގޭގެ މިނިވަންކަމުގެ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމަށެވެ. "ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ފަނޑިޔާރުންގެ ރައްކާތެރިކަން ހަރުދަނާކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅަންވާނެއެވެ." އެ ބަޔާނުގައި ބުންޏެވެ. އައިބީއޭއެޗްއާރްއައިގެ ކޯ ޗެއާ، މާކް ސްޓީފަންސް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން މަސައްކަތްކުރި ގޮތުން، ރާއްޖޭގެ ފަނޑިޔާރުގެއަށް ނުރައްކާވެފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި އަމަލުކުރި ގޮތުން، އަސާސީ ގާނޫނީ ހައްގުތައް ނިގުޅައިގެންފައިވާކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. މިހެން ފަނޑިޔާރުން ވަކިކުރުމުގެ ނަތީޖާ މާ ނުރައްކާވެދާނެ ކަމުގެ އިންޒާރު އޭނާވަނީ ދެއްވައިފައެވެ. ވޯލްޑް ބޭންކާއި އޮކްސްފޯޑް ޔުނިވަސިޓީގެ ދިރާސާތަކުން ދައްކާގޮތުގައި ގައުމަކަށް ލިބޭ އިންވެސްޓްމަންޓާއި ގާނޫނުގެ ހުކޫމަތަށް ބޯލަނބައި، އަމަލުކުރުމާ ދެމެދު ވަރުގަދަ ގުޅުމެއް އޮންނަކަން ސްޓީފަންސް ފާހަގަކުރެއްވިއެވެ. އެހެން ކަމުން ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ފަނޑިޔާރުގޭގެ މިނިވަންކަމާމެދު އިތުބާރު ގެއްލިއްޖެނަމަ، އެ ފަރާތްތަކުން ރާއްޖޭގެ އިޤްތިޞާދަށް އިންވެސްޓްކުރުން ހުއްޓާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އައިބީއޭއެޗްއާރްއައިގެ ކޯ ޗެއާ، ހީނާ ޖިލާނީ ވިދާޅުވީ މި މައްސަލައިގައި ގާނޫނީ އިޖުރާއަތްތަކުގެ ޔަގީންކަން ގެއްލިފައިވާ ކަމަށެވެެ. ފަނޑިޔާރުންގެ މިނިވަންކަމަކީ ގާނޫނު އަސާސީގެ ތަނބު ކަމާއި، އެއީ ޑިމޮކްރަސީގެ އެންމެ އަސާސީ ޝަރުތުކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ފަނޑިޔާރުގޭގެ މިނިވަން ކަމަށް އުނިކަން އަތުވެއްޖެނަމަ، ގާނޫނުގެ ބާރު ބަލިކަށިވެ، އޭގެ ސަބަބުން އިންސާނީ ހައްގުތަކުގެ ރައްކާތެރިކަން ގެއްލިދާނެ ކަމަށެވެ. "ދިވެހިރާއްޖޭގައި ފަނޑިޔާރުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އައިބީއޭއެޗްއާރްއައިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ޖިލާނީ ވިދާޅުވިއެވެ. މި މައްސަލައިގައި ބައިނަލްއަގުވާމީ އެތައް ޖަމިއްޔާއަކުން ވެސް ވަނީ ފަނޑިޔާރުން ވަކިކުރުމާ ދެކޮޅަށް ބަޔާންތައް ނެރެ، އަދި ސަރުކާރަށް ސިޓީ ވެސް ފޮނުވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ