ކެންދޫ ދާއިރާގެ އެއްވެސް ރަށެއްގައި ނަރުދަމާގެ މަސައްކަތް ނުނިމޭ: އަލީ ހުސައިން

ކެންދޫ ދާއިރާގެ އެއްވެސް ރަށެއްގައި މި ސަރުކާރުން ނަރުދަމާގެ އެއްވެސް މަސައްކަތެއް ނުނިންމުނުކަމަށް ރައްޔިތުން މަޖިލީހުގެ އެ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިފަދައިން ވިދާޅުވީ ލ. ކުނަހަންދޫގެ ނަރުދަމާއާއި އެ ރަށުގެ އިންޖީނުގޭގެ މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހަޅުއްވާފައިވާ ގަރާރަށް ވާހަކަ ދައްކަވަމުންނެވެ.
"މިއީ ވަކި ރަށެއް ނޫން ހުރިހާ ރަށެއްގެވެސް ހާލަތު، ހަމަ ވެލާ ބިސް އަޅަން ކޮނެލާހެން ތަންތަން ކޮނެފަ އެތަނުގައި މަދިރި ފަނި ހެދުނީމާ އަނެއްކާ ފަސް ލާފަ ދަނީ، ދަރަވަންދޫގައި އެގޮތަށް، ކެންދޫގައި އެގޮތަށް ކަމަދޫގައި އެގޮތަށް ކިހާދޫ ދޮންފަނު ކުޑަރިކުލުގަވެސް ހަމަ އެގޮތަށް" އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ އިތުރަށް ވިދާޅުވީ ފެނާ ނަރުދަމާ އެޅުމަކީ މި ސަރުކާރުން މާގަދައަކަށް ކުރާ ކަމެއްގެ ގޮތުގައި ވާހަކަ ދައްކާއިރު ދަރަވަންދޫ ފިޔަވާ ކެންދޫ ދާއިރާގެ އެއްވެސް ރަށެއްގައި މި ސަރުކާރުން ފެނުގެ ނިޒާމް ފޯރުކޮށްދީފައި ނެތް ކަމަށެވެ.
"ދަރަވަންދޫ ފެނާ ނަރުދަމާގެ ނިޒާމަކީ މިދިޔަ ސަރުކާރުން ފައްޓާ ބޮޑުބައި ނިންމާފައި އޮތް ޕްރޮޖެކްޓެއް، އެހެންވީމާ ކަންނޭނގެ މި ސަރުކާރަށް އެ ނިންމާލެވުނީ" ދަރަވަންދޫ ފެނުގެ ނިޒާމް މަސައްކަތް މި ސަރުކާރަށް ނިންމާލެވުނު ސަބަބު ހާމަކުރައްވަމުން އަލީ ވިދާޅުވިއެވެ.
އަލީ ހުސައިންގެ މުޅި ވާހަކަފުޅުގައި ވަނީ މި ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށް ނުދާކަން ފާހަގަކުރައްވާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ