ރާއްޖެއިން ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމަށް ނިންމާފައިވާ ނިންމުން އަނބުރާ ގެންނަން ނިންމާފައިވާކަމަށް ސާބިއާގެ ރައީސް އެލެކްސެންޑަރ ވުޖިކް ވިދާޅުވާ ވިދާޅުވުން ދިވެހި ސަރުކާރުން ކުށްވެރިނުކުރުމަކީ ލަދުވެތިކަމެއް ކަމުގައި ކުރީގެ ޚާރިޖީވަޒީރު ޑރ.އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ކޮސޯވޯގެ މިނިވަންކަން ރާއްޖެއިން ބަލައިގަތުމަށް ނިންމިއިރު ޚާރިޖީވަޒީރަކީ ޝަހީދެވެ. އެ މައްސަލާގައި އެއިރުގެ އިދިކޮޅު ފަރާތްތަކުން ޑރ.ޝަހީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް ވެއްދިއެވެ. ނަމަވެސް އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު ފާހެއްނުވިއެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން މުހައްމަދު މިއުވާނު ވިދާޅުވެފައިވަނީ ކޮސޯވޯގެ މިނިވަންކަން ބަލައިގަތުން އަނބުރާ ގެނައުމަށް ރާއްޖެއިން ނިންމާފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއްކަމަށެވެ. މިއުވާނު މިފަދައިން ވިދާޅުވި ނަމަވެސް ސާބިއާގެ ރައީސްގެ ވާހަކައަށް ރައްދުދީ ސަރުކާރުން އަދި ޚާރިޖީވުޒާރާއިން އެއްވެސް ވާހަކައެއް ބައިނަލްއަޤުވާމީ މުޖުތަމައަށް ސާފުވާނެ ފަދައިން ބުނެފައިނުވެއެވެ.
މިކަމާ ގުޅިގެން ޑރ.ޝަހީދު ވިދާޅުވީ ދިވެހި ސަރުކާރުން ބައިނަލްއަޤުވާމީ ޤާނޫނާ ސީދާ ޚިލާފުވެއްޖެކަމުގެ ބޮޑު އިލްޒާމު ބޭރު ޤައުމެއްގެ ވެރިޔަކު އަޑުހަރުކޮށް އަޅުއްވަމުން ދާއިރު، އެކަން ކުށްވެރިނުކުރެވުމަކީ ލަދުވެތި ކަމެއް ކަމަށެވެ.
އަދި ޤައުމުތަކުގެ މިނިވަންކަން ބަލައިގަތުމާއި، މިނިވަންކަން ބަލައިގަތުމަށްފަހު މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގަތުން ރުޖޫއަކުރުމުގައި އަމަލުކުރާ އުސޫލުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުގައި ވަރަށް ސާފުކޮށް ބަޔާންވެފައިވާ ކަންކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.
ސާބިއާގެ ރައީސްގެ ވާހަކަ ސަރުކާރުން ކުށްވެރިނުކުރުމަކީ ލަދުވެތިކަމެއް: ޑރ.ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ