ހޮނު އަޅައި ބައެއް ގޭގެއިން ފެނާއި ކަރަންޓް ކެނޑިއްޖެ

ހޮނު އަޅައި މާލޭ ސަރަހައްދުގެ ބައެއް ގޭގެއިން ފެނާއި ކަރަންޓް ކެނޑިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މިރޭ ވާރޭވެހި ގުގުރިޖެހި ވަގުތު ހުޅުމާލޭ އުތުރު އަވަށުގައި ހުރި ހިޔާ ޓަވަރުތަކުން ފެނާއި ކަރަންޓް ކެނޑުނުކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެެއްލުން ލިބުނުކަމަށް ރިޕޯޓްކުރެވިފައި ނުވާ ކަމަށްވެސް އެ މުއައްސަސާ އިން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗް-2 އާއި އެޗް-08 އަދި އެޗް-12 އިން ކަރަންޓް ކެނޑުނެވެ.
މިކަމާއި ގުޅިގެން މާލޭ ސަރަހައްދުގައި ކަރަންޓްގެ ޚިދުމަތްދޭ ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިރޭ ގުގުރައި ހޮނުއެޅުމުގެ ސަބަބުން ބައެއް ގެގެއިން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. މިގޮތުން ކަރަންޓް ކެނޑިފައިވާ ގޭގޭގައި އަރތު ލީކޭޖް ސަރކިއުޓް ބްރޭކަރ (ޢީއެލްސީބީ) ވެއްޓިފައި ހުރުން އެކަށީގެންވާ ކަމަށާއި ޢީއެލްސީބީ ނެގުމުން ކަރަންޓް ލިބޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އިތުރު މައްސަލައެއް އުލޭ ނަމަ ލަސްނުކޮށް ސްޓެލްކޯއަށް ރިޕޯޓުކުރުމަށް ވެސް ވަނީ އެދިފައެވެ.
ފެން ކެނޑުނު މައްސަލައިގައި ފެންކުންފުނީގެ ބަހެއް ލިބޭ ގޮތް ނުވިއެވެ.
މާލޭ ސަރަހައްދަށް މޫސުން ގޯސްކޮށް އުޅޭއިރު، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މި ސަރަހައްދަށް ހުދު ސަމާލު ވެސް ނެރެފައެވެ.
ރާއްޖޭގެ ދެކުނަށް މިދިޔަ ހަފްތާ އިން ފެށިގެން ވިއްސާރަ ކުރުމަށް ފަހު އިއްޔެ އިން ފެށިގެން މިހާރު މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ.
މި ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓުން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ