މޭރީގެ މެޑިކަލް ޗާޓު ލަމްހާއަށް ދިނުމަށް ކޯޓުން އަންގައިފި
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް އޮނެޑް ޕިނެޑާ އެ ހޮސްޕިޓަލަށް ގެނައި ހިސާބުން ފެށިގެން އަމަލުކުރި ގޮތް އެނގޭނެ މެޑިޖަލް ޗާޓް ދިވެހި ނަރުސް ހަލީމަތު ލަމްހާއަށް ދިނުމަށް ކްރިމިނަލް ކޯޓުން ދައުލަތަށް އަންގައިފިއެވެ. ދަންޖެހިގެން ހަބަރު ހުސްވެފައިކަމަށް ބުނެ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން ހައްޔަރު ކުރީ އެ މަހު 27ގައެވެ. އަދި މާވިންގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މޭރީގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވިންއަށް ވަނީ މަރުގެ ދައުވާ ކޮށްފައެވެ. އަދި ލަމްހާއަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން ދެ ދައުވާއެއް އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. އެ މައްސަލައިގެ މިއަދު އޮތް އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ ޝަރީއަތް ފެށުމުގެ ކުރިން ދެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމެވެ. އެގޮތުން ހުށަހެޅުމެއްގެ ގޮތުގައި ދިފާއުން ލަމްހާގެ ފަރާތުން އޮތީ މޭރީގެ މެޑިކަލް ޗާޓްސް ދިނުމަށް އެދިފައެވެ. މޭރީ ގްރޭސް އައިޖީއެމްއެޗަށް ގެންދިޔުމަށް ފަހު އަމަލުކޮށްފައިވާ ގޮތް އޭނާގެ ޑެތު ސްމަރީ ރިޕޯޓުން އެނގެން އޮންނާނެކަމަށް ދައުލަތުން ބުނި ނަމަވެސް ދިފާއުން ހޯދުމަށް އެދިފައިވާ މެޑިކަލް ޗާޓްތަކަކީ ނެތް ލިޔެކިޔުންތަކެއް ކަމަށް ދައުލަތުން ބުނެފައެއް ނުވާ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވިއެވެ. "މި ހާލަތުގައި އެ ލިޔުމަކީ ދިފާއު ތައްޔާރުކުރުމުގައި މުހިންމު ލިޔުމެއް ކަމަށް ދެކިގެން ދިފާއުން ހުށަހަޅައިފި ނަމަ ހަގީގަތުގައި ވެސް އޮތް ލިޔުމެއްތޯ ބަލައި އެ ލިޔުމަކީ ހަގީގަތުގައިވެސް އޮތް ލިޔުމަކަށްވާ ނަމަ ދިފާއަށް ފޯރުކޮށްދޭން ޖެހޭނެ," ގާޒީ ވިދާޅުވިއެވެ. އެހެންކަމުން ދިފާއުން ހާމަކޮށްދިނުމަށް އެދިފައިވާ މޭރީގެ މެޑިކަލް ޗާޓު, އައިޖީއެމްއެޗުން ތައްޔާރުކުރި ނަމަ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް ޝަރީއަތުން ދައުލަތަށް ވަނީ އަންގާފައެވެ. ދިފާއުގެ ދެ ހެކިން ބަލައި ނުގަތް އެ ހުށަހެޅުން ފިޔަވައި ދިފާއުން ހުށަހެޅި އެއްވެސް ހުށަހެޅުމަށް ބަލައިގެންފައެއް ނުވެއެވެ. ދައުލަތުގެ ހުށަހެޅުންތަކުގެ ތެރެއިން ދެ ހުށަހެޅުމަށް ބަލައިގަތުމަށް ގާޒީ ނިންމެވިއެވެ. އެގޮތުން ދިފާއުން ހުށަހަޅާފައިވާ ދެ ހެއްކެއް ހާޒިރު ކުރަން ނުޖެހޭނެ ކަމަށް ދައުލަތުން ބުނެފައިވަނީ ރަނގަޅަށް ކަމަށް ގާޒީ ވަނީ ނިންމަވާފައެވެ. އެ ދެ ހެކިންނަކީ ޑރ. ޔޫސުފް ޝާން އާއި ސަން އޮންލައިންގެ ނޫސްވެރިޔާ އަހްމަދު ސާއިލް އަލީއެވެ. އެއީ ޑރ. ޝާން އަކީ މޭރީއަށް އެއްވެސް ފަރުވާއެއް ދީފައިވާ މީހެއްކަން އެނގެން ނެތުމުންނެވެ. ސާއިލް ހާޒިރު ކުރުމަށް ދިފާއުން އެދުނީ ސަން އޮންލައިނަށް ލަމްހާ ދިން އިންޓަވިއުއަކާ ގުޅިގެންނެވެ. ނަމަވެސް އެ އިންޓަވިއުއިން ލަމްހާ ސާފުކުރަން ބޭނުންވަނީ ކޮންކަމެއް ކަން އެނގެން ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ. ލަމްހާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން ހަ އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ. ދިވެހި ނަރުސް ހަލީމަތު ލަމްހާ މީގެ ކުރިން "ސަން"އަށް ދިން އިންޓަވިއުއެއްގައި ވަނީ އޭނާ އާއި މާވިންއާ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެފައެވެ. މޭރީ ގްރޭސް މަރުވުމުގެ އެއް ދުވަސް ކުރިން އެ ދެ މީހުންގެ ގުޅުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވެސް ލަމްހާ ކިޔައިދިނެވެ. މޭރީގެ މަރަށް ފަހު އެ ދެ މީހުން ލޯބީގެ ގޮތުން އަލުން ގުޅެން އޮތީ ނިންމާފައެވެ. މޭރީ ދަންޖެހިގެން މަރުވީކަމަށް ބުނެ ހޮސްޕިޓަލަށް ހަށިގަނޑު ގެންދިޔައީ އޭނާގެ ފިރިމީހާ މާވިންއެވެ. އެއީ އޭނާ ހޮސްޕިޓަލުގައި ޑިއުޓީގައި ހުރެފައި ބްރޭކަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ