މެމްބަރު ޒަރީރު މަރާލަން އުޅުމުގެ ތުހުމަތުގައި ހޯދާ އިބްރާހިމް އަބްދުﷲ އަދިވެސް ނުފެނޭ

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ދިން ހަމަލާއާ ގުޅިގެން، ގުރޫޕު ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ހޯދަން އިއުލާނުކޮށްފައިވާ އިބްރާހިމް އަބްދުﷲ (ގަައްބަރޭ) އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ފަސް މީހުންގެ ގްރޫޕަކުން ޒަރީރަށް ހަމަލާދީފައި ވަނީ، މި މަހުގެ 1 ވަނަ ދުވަހުގެ ފަތިހު ރައްޓެހިންތަކަކާ އެކު މާލޭގެ ކެފޭއެއްގެ ތެރޭގައި އިންދަ އެވެ. އޭނާއަށް ދިން އެ ހަމަލާގައި މަރުތޭލަކުން ބޮލުގައި ޖަހާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މީގެ ކުރިން ވެސް މާރާމާރީ އާއި މަރުގެ އަދި ފޭރުމުގެ ގިނަ މައްސަލަތަކެއްގައި ހައްޔަރުކުރި އިބްރާހިމް އަބްދުﷲ ހޯދަން ފުލުހުން މިދިޔަ ހޯމަ ދުވަހުގެ ރޭ އިއުލާން ކުރީ:
ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތުގައި
މީހަކު މަރާލަން އުޅުުނު ކަމުގެ ތުހުމަތު ވެސް އޭނާއަށް ކުރޭ
ބުނީ ކީކޭ؟ - ފުލުހުންގެ ތަރުޖަމާނަކު މިއަދު 'ދައުރު'އަށް ވިދާޅުވީ ޒަރީރަށް ހަމަލާދިން މައްސަލާގައި މިވަގުތު އިތުރަށް ދެވޭނެ މައުލޫމާތެއް ނެތް ކަމަށާއި، އިބްރާހިމް އަބްދުﷲ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ.
ފަސްމަންޒަރު - އިބްރާހިމް އަބްދުﷲ ވަނީ، 2007ގައި ތޫނު އެއްޗަކުން ހަމަލާދީ އަލީ އިޝާރު، ހ. ކުބްރާ، މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސްވެފަ އެވެ. އެ މައްސަލައިގައި، އޭރު 18 އަހަރު ނުވާ އިބްރާހިމްގެ މައްޗަށް ދައުވާކުރިޔަސް ކޯޓުން އޭނާ ދޫކޮށްލީ އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ.
ގުޅުން ހުރި ކަމެއް - ޒަރީރަށް ހަމަލާދިން މައްސަލައިގައި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވަނީ ދެ ދިވެހިން ހައްޔަރުކޮށްފަ އެވެ. އެއީ:
އުމުރުން 21 އަހަރުގެ މީހެއް
އުމުރުން 22 އަހަރުގެ މީހެއް
އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.
އެނގުން މުހިންމު - ޒަރީރަށް ހަމަލާދިނުމުގައި:
މަރުތޭލާއި ތޫނު އެއްޗެހި ބޭނުންކޮށްފައިވޭ 
ސީދާ އޭނާގެ ބޮލަށް އަމާޒުކޮށް ވެސް ހަމަލާދީފައިވޭ 
ހޮސްޕިޓަލުން ދޫކޮށްލިއިރު ހަދާފައިވާ ޓެސްޓުތަކުން، ހަށިގަނޑުގެ އެތެރެއަށް މާ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަކަށް ނުދައްކާ
މި ހަމަލާ ކުށްވެރިކޮށް، މިކަމުގައި ފުރިހަމަ ތަހުގީގެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ގޮވާލާފަ އެވެ.  
އިތުރަށް ކިޔާލަން -
އިބްރާހިމް އަބްދުﷲ ހޯދަނީ ޒަރީރު 'މަރާލަން އުޅުމުން'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ