ފިލްމު 'ޕަތީ ޕަތުނީ އޯރް ވޯ ދޯ'ގެ ޓްރެއިލާ ދައްކާލައިފި

ބޮލީވުޑްގެ އެކްޓަރު އަޔުޝްމާން ކުރާނާ ލީޑް ރޯލް ކުޅެފައިވާ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ ދޯ"ގެ ރަސްމީ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ. އާޔޫޝްމާންގެ އިތުރުން، ސާރާ އަލީ ޚާން، ރަކުލް ޕްރީތު ސިންގް އަދި ވަމީގާ ގައްބީ މުހިންމު ރޯލުތަކުން ފެންނާނެ މި ފިލްމުގެ ވާހަކަ ބިނާވެފައި ވަނީ، ރަހުމަތްތެރިއަކަށް އެހީވާން އުޅުމުގެ ތެރޭގައި ދިރިއުޅުން އޮޅުންބޮޅުންވެ، އެތައް ގުޅުންތަކެއްގެ މެދުގައި ތާށިވާ ފިރިހެނެއްގެ މައްޗަށެވެ. ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ އާޔޫޝްމާން ކުޅެފައި މި ފިލްމުގައި ކުޅެފައި ވަނީ "ޕްރަޖާޕަތީ ޕާންޑޭ" ކިޔާ ފޮރެސްޓް އޮފިސަރެއްގެ ރޯލުންނެވެ. އަންހެން ރަހުމަތްތެރިއަކަށް އެހީވާން އުޅުމުގެ ތެރޭގައި އޭނާގެ ދިރިއުޅުމަށް ހީނުކުރާ ފަދަ ބަދަލުތަކެއް އާދެއެވެ. އެގޮތުން ސާރާ، ވަމީގާ އަދި ރަކުލްގެ ކެރެކްޓާތަކާ އެކު، ދިރިއުޅުން ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ވެއްޓި ދިމާވާ ހެއްވާ މަޖާ ގިނަ ހާދިސާތަކެއް ފިލްމުން ދައްކުވައިދޭނެއެވެ. ގާތްގަނޑަކަށް ތިން މިނެޓުގެ ޓްރެއިލާގައި އާޔޫޝްމާން ފެންނަނީ ވަރަށް ހިތްވަރުގަދަ މީހެއްގެ ގޮތުގައެވެ. ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ ދޯ"ގެ މަންޒަރެއްގައި އަޔުޝްމާން ޑައިރެކްޓަރު މުދައްސަރު އަޒީޒްއާ އެކު--ފޮޓޯ/އިންޑިއާޓުޑޭ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ ދޯ" އަކީ 2019 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ"ގެ ސީކުއަލްއެކެވެ. ފުރަތަމަ ފިލްމުވެސް ޑައިރެކްޓްކުރި މުދައްސަރު އަޒީޒް މި ފިލްމުވެސް ޑައިރެކްޓް ކުރާއިރު، 2019ގެ ފިލްމުގެ ލީޑް ރޯލްތަކުން ފެނުނީ، ކާތިކް އާރްޔަން އަދި އަނަންޔާ ޕާންޑޭއެވެ. މި އަހަރުގެ ހޯލީ ފެސްޓިވަލްއާ ދިމާކޮށް ރިލީޒްކުރަން ކުރިން ނިންމި "ޕަތީ ޕަތުނީ އޯރް ވޯ ދޯ" ރިލީޒްކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ