ރައީސްގެ ދަރިކަލުން ނިއު ރޭޑިއަންޓަށް ރައީސްގެ ދަރިކަލުން ނިއު ރޭޑިއަންޓަށް

ނިމުނު ޓްރާންސްފާ މާކެޓްގެ ތެރޭގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ ފިރިހެން ދަރިކަލުން، އުމެއިރު މުހައްމަދު މުއިއްޒު ރަޖިސްޓްރީކޮށްފި އެވެ.
ނިއު އިން ވަނީ މިދިޔަ މަހު ނިމުނު ރާއްޖޭގެ ޓްރާންސްފާ މާކެޓްގައި ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފަ އެވެ. އަދި، އެ ޓީމުން ގެނައި ކުޅުންތެރިންގެ ތެރޭގައި ބިދޭސީ ކުޅުންތެރިން ވެސް ހިމެނެ އެވެ. އެ ގޮތުން، އެ ކްލަބުން އަލަށް ޓީމުގައި ރަޖިސްޓްރީ ކުރި ކުޅުންތެރިންގެ ތެރޭގައި، އުމެއިރު، 18، ހިމެނެ އެވެ.
އުމެއިރު އަންނަނީ މި ދިޔަ މަހުގެ ތެރެއިން ފެށިގެން ނިއުގެ ޕްރެކްޓިސްތަކުގައި ވެސް ބައިވެރިވަމުންނެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، މިދިޔަ ސެޕްޓެމްބަރު މަހު ގަލޮޅު ދަނޑުގައި، ކުޅުނު ހާއްސަ މެޗުގައި އުމެއިރު ވަނީ ރައީސް މުއިއްޒުގެ ޓީމަށް ކުޅެފަ އެވެ.
ނިއު އިން ދާދި ފަހުން، ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާ ކުޅުނު މެޗު ސްކޮޑުގައި ނެތް ނަމަވެސް ޓީމާ އެކު ދަނޑަށް ގޮސްފަ އެވެ. އަދި، އޭގެ ފަހުން އެ ކްލަބުން ވަނީ ރަސްމީކޮށް ޓީމުގެ ސްކޮޑުގައި އުމެއިރުގެ ނަން ހިމަނައިފަ އެވެ.
އުމެއިރު އަންނަނީ ގައުމީ ލެވަލްގެ ޓޭބަލް ޓެނިސް މުބާރާތްތަކުގައި ވާދަކޮށް ޖޫނިއާ ގައުމީ ޓީމަށް ވެސް ކުޅެމުންނެވެ. އެ ގޮތުން، ގައުމީ ލެވަލްގެ ގިނަ މުބާރާތްތަކުގައި އުމެއިރު ގިނަ ކާމިޔާބީތަކެއް ވަނީ ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ