އިންޑިއާގެ ފުޓްބޯޅަ ސަލާމަތްކުރަން ކުޅުންތެރިން ތެދުވެ ފީފާގެ އެހީ އަށް އެދެފި އިންޑިއާގެ ފުޓްބޯޅަ ސަލާމަތްކުރަން ކުޅުންތެރިން ތެދުވެ ފީފާގެ އެހީ އަށް އެދެފި

މުމްބައި، އިންޑިއާ (ޖެނުއަރީ 3) - އިންޑިއާގެ ފުޓްބޯޅައިގައި ކުރިމަގެއް ނުފެނި މައްސަލަތައް ދިގުލައިދާއިރު، ފުޓްބޯޅަ ސީޒަނާ މެދު ވާނެ ގޮތެއް ނޭނގޭތީވެ، މި ކަމުގެ ތެރެއަށް ފީފާ އިން ވަދެ، ހައްލެއް ހޯދައިދޭން އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ހިމެނޭހެން ގޮވާލައިފި އެވެ.
އިންޑިއާ ގައުމީ ޓީމުގެ ކެޕްޓަން، ސުނިލް ޗެތުރީ އާއި ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ ގޯލްކީޕަރު، ގުރްޕްރީތު ސިންގް ސާންދޫ އާއި ޑިފެންޑަރުން ކަމަށްވާ ސަންދޭޝް ޖިންގަން، ރާހޫލް ބޭކޭ، ޕްރިތަމް ކޯޓާލް އަދި އެޓޭކަރު، ލަލިއަންޒުއާލާ ޗަންގްޓޭ ހިމެނޭހެން ގުރްޕްރީތުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ޕޯސްޓްކުރި ވީޑިއޯ މެސެޖުގައި ވަނީ، ފީފާ އިން މި ކަމުގެ ތެރެއަށް ވަދެ، ހައްލެއް ހޯދައިދޭން އެދޭ ކަމަށް ބުނެފަ އެވެ.
މި ވީޑިއޯގައި ކުޅުންތެރިން ދީފައިވާ މެސެޖުގައި ބުނެފައިވަނީ، ޖެނުއަރީ މަސް ކުރިއަށްދާއިރު މިއީ އާންމު ގޮތެއްގައި އިންޑިއަން ސުޕަ ލީގުގެ މެޗުތައް ޓީވީން ފެންނަން ޖެހޭ ދުވަސްވަރު ކަމަށާއި އެކަމަކު، މި ވަގުތު މުޅި އިންޑިއާގެ ފުޓްބޯޅަ އޮތީ މާޔޫސްކަމެއްގެ ތެރޭގައި ކަމަށެވެ. ނުތަނަވަސްކަމެއްގެ ތެރޭގައި ތިބެ، އިންޑިއާ ފުޓްބޯޅައިގެ ކުރިމަގާ މެދު ބިރު ހީވެ ތިބި މި ހާލުގައި ޓީމުތަކާއި ކުޅުންތެރިންނަށް މުސްތަގުބަލުގައި ވާނެ ގޮތެއްގެ ސާފު މަންޒަރެއް ވެސް ނެތް ކަމަށް މެސެޖުގައި ބުނެފައިވެ އެެވެ.
އިންޑިއާގެ ފުޓްބޯޅަ ހިންގާ ފަރާތް، އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ކިބައިގައި އެ ގައުމުގެ ފުޓްބޯޅައިގެ ޒިންމާ އަދާކުރުމުގެ ގާބިލުކަން މި ވަގުތު ނެތް ކަމަށާއި އެ ސަބަބާ ހުރެ، މި ކަމަށް ސްވިޒަލެންޑުގެ ޒިއުރިކްގައި ގާއިމްވެފައިވާ ފީފާ އޮފީހުގެ އެހީ ބޭނުންވާ ކަމަށް ކުޅުންތެރިންގެ އެ ވީޑިއޯ މެސެޖުގައި ވަނީ ބުނެފަ އެވެ. މިއީ، ސިޔާސީ ކަމެއް ނޫން ކަަމަށާއި މިއީ ބަޔަކާ ކުރިމަތިލާން ވެސް ކުރި ކަމެއް ނޫން ކަމަށާއި މިއީ، އަމިއްލަ ހައްގުގައި ނެގި އިސްނެގުމެއް ކަމަށް ކުޅުންތެރިން ވަނީ ބުނެފަ އެވެ. އަދި، މި ކަންކަން މި ހިސާބަށް ދިއުމުން ދެން ތެދުވެ، ބަސް ބުނަން ޖެހުނީ، މިއީ އިންސާނީ ހައްގުތަކުގެ އިތުރުން ކުޅުންތެރިންގެ ދިރިއުޅުމާއި އާމްދަނީއާ ގުޅޭ ކަންކަން ކަމަށެވެ.
ހުއްޓިފައި އޮތް އިންޑިއާގެ މައި ފުޓްބޯޅަ ލީގު، އިންޑިއަން ސުޕަ ލީގުގެ މި ސީޒަން ކުރުކޮށްލައިގެން ބާއްވަން ނިންމައި، އެ ލީގުގައި ކުޅުމާ މެދު ގޮތެއް ނިންމަން، ކްލަބްތަކަށް އެއް ދުވަހުގެ މުހުލަތު އޭއައިއެފްއެފް އިން ކްލަބްތަކަށް ދިނެވެ. އެ އަށް ދިން ޖަވާބުގައި ހުރިހާ ކްލަބްތަކުން ވެސް ވަނީ ޝަރުތުތަކަކާ އެކު، ލީގުގައި ކުޅެވޭނެ ކަމަށް ބުނެފަ އެވެ. އެއީ، ލީގު އެޑްމިނިސްޓްރޭޝަން ފީތައް ކްލަބްތަކުން ނުދައްކާ ގޮތަށާއި ލީގުގެ އޮޕަރޭޝަނަލް ކޯސްޓް އެއްކޮށް އޭއައިއެފްއެފް އިން ހަމަޖައްސައިދޭ ގޮތަށެވެ.
މީގެ އިތުރުން، އޭއައިއެފްއެފްގެ ކިބައިން ދެން ކްލަބްތަކުން އެދުނީ، އެޑްމިނިސްޓްރޭޝަނާއި މާލީ ގޮތުން، ލީގު ކުރިއަށްދާނެ ގޮތުގެ އޮނިގަނޑެއް އަދި މުއްދަތެއް ކްލަބްތަކަށް ހިއްސާ ކުރުމަށެވެ. އަދި، އިންޑިއާ ސަރުކާރު މެދުވެރިކޮށް ލީގު ހިންގާނެ ފަންޑް ހޯދުމަށް ވެސް ކްލަބްތަކުން ވަނީ އޭއައިއެފްއެފްގައި އެދިފަ އެވެ. ސަބަަބަކީ، ލީގެއް ނެތި އަހަރެއްހާ ދުވަސް ވާން އުޅޭއިރު، ކްލަބްތަކުގެ މާލީ ހާލަތު ވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ އެވެ.
ފުޓްބޯޅަ ނެތި ކްލަބްތަކުން ގިނަ މަސްތަކެއްގައި ކުޅުންތެރިންނަށް މުސާރަ ދޭން ޖެހުނުއިރު، މިހާރު ޓީމުތަކުން ވަނީ ޕްރެކްޓިސް މެދުކަނޑާލައިފަ އެވެ. އަދި، ބައެއް ކްލަބްތަކުން ވަނީ 40 ޕަސެންޓް މަދުން ކުޅުންތެރިންނަށް މުސާރަ ދޭން ވެސް ނިންމައިފަ އެވެ. އަދި، އިންޑިއަން ސުޕަ ލީގުގައި ސިޓީ ފުޓްބޯލް ގްރޫޕްގެ މެޖޯރިޓީ ހިއްސާއާ އެކު ހިނގަމުންދިޔަ، މުމްބާއި ސިޓީގައި އޮތް ސިޓީ ފުޓްބޯލް ގްރޫޕްގެ 65 ޕަސެންޓް ހިއްސާ އެ ކުންފުނިން ވަނީ ވިއްކާލައިފަ އެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އޭއައިއެފްއެފް އަތުގައި އަމިއްލަ އަށް ލީގު ހިންގާނެ ފައިސާއެއް ނެތްއިރު، މިދިޔަ މަހު އަށް ވަނަ ދުވަހު ހަމަވި، މާކެޓިން/ސްޕޮންސަޝިޕް އެގްރީމަންޓް އާ ނުކުރެވޭތީ ލީގަށް ސްޕޮންސަރުން ނެގޭނެ ގޮތެއް ވެސް ނެތެވެ. އަދި، އިންޑިއާ ފުޓްބޯޅައިގެ އަސާސީ ގަވާއިދާ ގުޅޭ މައްސަލައެއް އެ ގައުމުގެ ސުޕްރީމް ކޯޓުގައި އޮތްއިރު، އޭއައިއެފްއެފްގެ ރައީސް ކަލްޔާން ޗޯބޭ މަގާމުން ވަކިކުރަން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އަދި، އިންޑިއާ ސަރުކާރުން މި އަހަރު އެއްވެސް ކުޅިވަރު އެސޯސިއޭޝަންގެ އިންތިހާބެއް ނުބާއްވައި، ކުޅިވަރު ގާނޫނާ އެއްގޮތަށް ކުރިއަށްދިއުމަށް އަންނަ އަހަރު އިންތިހާުބު ބާއްވަން ވަނީ ކުޅިވަރު އެސޯސިއޭޝަންތަކަށް އަންގައިފަ އެވެ. އެހެންވެ، ކަލްޔާން ޗޯބޭ އަށް އިންޑިއާ ފުޓްބޯޅަ ރައީސްކަމުގައި މި އަހަރު ވެސް ހުރެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުގެ މި ނިންމުމާ އެކު ވަނީ ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ