ދިވެހިރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މިދިޔަ އަހަރަކީ މި ފަހުގެ ތާރީހެއްގައި އެންމެބޮޑު ކުރިއެރުމެއް ލިބުނު އަހަރެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް ވަނީ 2,246,516 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 9.8 އިންސައްތަ އިތުރުވުމެކެވެ. އެއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 2,046,615 އެވެ. އަދި އޭގެ ކުރީ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިްނގެ އަދަދަކީ 1,878,543 އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ފާހަގަކޮށްލެވުނު އެއް ކުރިއެރުމަކީ 2024 ވަނަ އަހަަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މާކެޓްތައް މިދިޔަ އަހަރު ހިފެހެއްޓި، އެ މާކެޓްތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ. އެގޮތުން ޗައިނާ، ރަޝިއާ، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް އިޓަލީ، ފްރާންސް، އެމެރިކާ ފަދަ މާކެޓްތައް ހިފެހެއްޓި އެ ޤައުމުތަކުން ރައްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށްބޮޑުތަން އިތުރުވެފައެވެ.
ހާއްސަ ގޮތެއްގައި ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި މިންވަރަށް ކުރިއެރުން އައިސްފައިމިވަނީ ވިލާތުގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކާއެކުގައިކަން ފާހަގަކޮށްލެވެެވެ. މީގެ ތެރޭގައި ޔުކްރެއިން/ރަޝިއާ މައްސަލަ ފާހަގަކޮށްލެވެއެވެ.
މިދިޔަ ދެ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 10 މާކެޓް... މައުލޫމާތު: ޓޫރިޒަމް
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ އަހަރު ޖުމްލަގޮތެއްގައި ކޮންމެ ދުވަހަކު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތްވެސް ވަނީ 2024 ވަނަ އަހަރާ އަޅާބަލާއިރު އެދެވޭފަދަ ކުރިއެރުމެއް ލިބިފައެވެ. އެގޮތުން 2024 ވަނަ އަހަރު ކޮންމެ ދުވަހަކު ޖުމްލަގޮތެއްގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 5,593 ގައި ހުރިއިރު މިދިޔަ އަހަރު މިއަދަދު ހުރީ 6,155 ގައެވެ.
އަންނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވަނީ މިދިޔަ އަހަރާއި މިއަހަރު ރާއްޖޭގެ އިގްތިސާދަށް 5 އިންސައްތައިގެ ކުރިއެރުމެއް ލިބޭނޭކަން ފާހަގަކުރައްވާފައެވެ. އޭގެ އެންމެބޮޑު އެއް ސަބަބަކީ ފަތުރުވެރިކަމަށް ލިބޭނޭކަމަށް ލަފާކުރާ ކުރިއެރުމެވެ. މިދިޔަ އަހަރުގެ ޓޫރިޒަމް ޖީއެސްޓީއަށް އެކަނި ބެލިނަމަވެސް އާމްދަނީގެ ގޮތުގައި ދައުލަތުގެ ބައިތުލްމާލަށް ވަނީ 9 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައެވެ. ނޮވެމްބަރު އަދި ޑިސެމްބަރުގެ އާމްދަނީ ރިޕޯޓް ލިބުމުން މިއަދަދު އަދި މިއަށްވުރެ ބޮޑުތަން އިތުރުވާނޭކަމަށް ދައުލަތުގެ ޓެކްސް އިދާރާއިން ބުނެއެވެ.
މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ