މިފަހަރުގެ ޓޫރިޒަމް ސީޒަން ފެށުނީ ރެކޯޑަކާއެކު

ހުސްވި ޑިސެމްބަރުމަހު ރާއްޖެއަށް ޒިޔާރަތްކުރި 224,455 ފަތުރުވެރިންނާއެކު މިފަހަރުގެ ޓޫރިޒަމްގެ ހައި ސީޒަން ރެކޯޑަކުން ފަށައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ޑިސެމްބަރުމަސް ފާހަގަކުރެވިފައިވަނީ ރާއްޖޭގެ ތާރީހުގައިވެސް މަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި މަހުގެ ގޮތުގައެވެ. ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހަކީ ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މަހެކެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޑިސެމްބަރުމަހު ރާއްޖެއަށް ވަނީ 208,980 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް ވަނީ 2.24 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ޑިސެމްބަރުމަސް ފިޔަވައި ދެން އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ އަދި ފެބުރުއަރީމަހުގެ ތެރޭގައެވެ. އެގޮތުން ޖެނުއަރީމަހު 214,863 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ފެބުރުއަރީމަހު ވަނީ، 214,091 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީ އަދި އެމްއޭސީއެލުން ބުނާގޮތުގައި މިފަހަރުގެ ޓޫރިޒަމް ސީޒަނުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ އިތުރުވެގެންދާނެއެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް ހުޅުވުމާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ގާބިލްކަންވަނީ އިތުރުވެގެން ގޮސްފައެވެ.
މިދިޔަ އަހަރުގެ މިނިވަންދުވަހާ ދިމާކޮށް އައު ޓާމިނަލް ހުޅުވިގެންދިޔައިރު، އެމްއޭސީއެލުން ވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ އެއާލައިނެއް އައު ޓާމިނަލަށް ބަދަލުކޮށްފައެވެ. 
ސައުދީގެ ބިންލާދިން ގްރޫއްޕާ ހަވާލުކޮށްގެން ތަރައްޤީކުރި އައު ޓާމިނަލަށް 5 ބިިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުގެ އަމާޒަކީ އައުޓާމިނަލާއެކު އަހަރެއްގެ ތެރޭގައި 7.5 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ