އެންމެ ގިނައިން ފަތުރުވެރިން އައި މަހަކަށް މިދިޔަ ޑިސެންބަރު މަސް
ރާއްޖޭގެ ތާރީޚުގައި، އެއް މަސް ތެރޭ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ މިދިޔަ ޑިސެންބަރު މަހު ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ ޑިސެންބަރު މަހު ރާއްޖެއަށް 224,455 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެއީ، އެއް މަސް ތެރޭ ފަތުރުވެރިން އެންމެ ގިނައިން އައި މަހުގެ ރެކޯޑު މީގެ ކުރިން ގާއިމު ކުރި މަސް ކަމަށްވާ، ފެބްރުވަރީ 2024އަށް ވުރެ 7،063 ފަތުރުވެރިން އިތުރު އަދަދެކެވެ. އެގޮތުން އެ މަގު އައިސްފައިވަނީ 217,392 ފަތުރުވެރިންނެވެ. ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަނަކީ އަހަރުގެ ފަހުކޮޅު ކަމަށްވާއިރު، ކޮންމެ އަހަރެއްގެ މި ދުވަސްވަރުގައި ވެސް އެއާލައިންތަކާއި ޕްރައިވެޓް ޖެޓުތަކުބް ކުރާ ދަތުރުތަކާއި ފަތުރުވެރިން އަންނަ މިންވަރު އިތުރުވެއެވެ. އޭގެ ސަބަބުން އެއާޕޯޓު މެދުވެރިކޮށް ވަންނަ އާމްދަނީ އިތުރުވުމަށް މަގުފަހިވެއެވެ. ތޮއްޑޫގެ ފަތުރުވެރިންތަކެއް: މިދިޔަ މަހު ރާއްޖެއަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން އައިސްފައިވޭ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް މިދިޔަ އަހަރު ޑިސެންބަރުގެ އިތުރުން، ދެ ލައްކަ ފަތުރުވެރިން ހަމަވީ ދެ މަހެއްގައެވެ. އެއީ ޖަނަވަރީ މަހާއި ފެބްރުވަރީ މަހުގައެވެ. ޖުމްލަ ގޮތެއްގައި މިދިޔަ އަހަރު އައި ފަތުރުވެރިންގެ އަދަދު ވަނީ، 2024އަށް ވުރެ 9.8 ޕަސެންޓް އިތުރުވެފައެވެ. މިދިޔަ އަހަރު ދުވާލަކަށް ރާއްޖެ އައީ އެވަރެޖުކޮށް 6،155 ފަތުރުވެރިން ކަމަށްވާއިރު، އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ ޗައިނާގެ މީހުންނެވެ. އެ ގައުމުން 329,428 ފަތުރުވެރިން އައިސްފައިވާއިރު، ރަޝިއާއިން 278,760 މީހުން އަދި އިނގިރޭސިވިލާތުން 202,171 މީހުން އައިސްފައިވެއެވެ. މުޅި އަހަރު އައި ފަތުރުވެރިންގެ ޖުމްލަ 2.25 މިލިއަނަށް އަރައެވެ. އެހެންކަމުން، މި އަހަރަށް ސަރުކާރުން ކަނޑައެޅި އަމާޒު ކަމަށްވާ 2.3 މިލިއަން ހާސިލުކުރެވިފައިނުވެއެވެ. ނަމަވެސް ސަރުކާރުން ވަނީ، އަންނަ އަހަރު 2.4 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވޭނެ ކަމަށް ލަފާކޮށްފައެވެ. https://sun.mv/216168 މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ކާމިޔާބީތައް ފާހަގަކޮށް، ވިޒިޓް މޯލްޑިވްސްއިން ވަނީ އެއަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިން ކޮށްފައިވާ ހޭދައިގެ މިންވަރު ރެކޯޑު އަދަދަކަށް އިތުރުވެ، 5.4 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފައިވާ ކަމަށް، މަރުކަޒީ ބޭންކު އެމްއެމްއޭއާ ހަވާލާދީ ބުނެފައެވެ. އެމްއެމްއޭއިން ނޮވެމްބަރު މަހު އާންމުކޮށްފައިވާ އިގުތިސާދީ ހާލަތުގެ ރިޕޯޓާ ހަވާލާދީ، ވިޒިޓް މޯލްޑިވްސްއިން ބުނީ، މިދިޔަ އަހަރުގެ އެ މުއްދަތާ ހަމައަށް ފަތުރުވެރިން ކޮށްފައިވާ ހޭދައިގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ މިންވަރު 2024ގެ އެ މުއްދަތާ އަޅާ ބަލާއިރު 15.8 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އެއީ މިދިޔަ އަހަރު ދުނިޔެއަށް އަދި ސަރަހައްދީ ގައުމުތަކަށް ކުރިމަތިވި އިގުތިސާދީ ލޮޅުންތަކާ އެކު ވެސް، ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ކުންފުނިން ސިފަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ