އެމެރިކާއިން އެންމެ ބޭނުންވަނީ އީރާނުގެ ތެޔޮ އަތުލަން: ޓްރަމްޕް

ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން، އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރާ އެންމެ މައި މަރުކަޒު ކަމަށްވާ ހާގް އައިލެންޑް ހިފުމުގެ ފުރުސަތު އޮތް ކަމަށް އިޝާރާތް ކުރައްވައި، އެމެރިކާއިން އެންމެ ބޭނުންވަނީ އީރާނުގެ ތެޔޮ އަތުލުމަށް ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެ އެވެ.
ފައިނޭންޝަލް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ތެދުތެދަށް ބުނާނަމަ އޭނާ އެންމެ ބޭނުންވާ ކަމަކީ އީރާނުގެ ތެޔޮ މިލްކުކުރުން ކަމަށާއި ވަރަށް ފަސޭހަކަމާ އެކު އެމެރިކާއަށް އެ ރަށް ހިފިދާނެ ކަމަށެވެ. އަދި މިފަދަ ފިޔަވަޅެއް އަޅައިފި ނަމަ، އެ ސަރަހައްދުގައި އެމެރިކާގެ ސިފައިން ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަން ޖެހިދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ، ގަލްފް ސަރަހައްދަށް އެމެރިކާގެ އެތައް ހާސް ސިފައިންނެއް ފޮނުވާފައިވާ ދަނޑިވަޅެއްގަ އެވެ. އަދި ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު މިހާރު ވަނީ ފީފާއެއް 115 ޑޮލަރަށް ވުރެ މައްޗަށް އަރާފަ އެވެ.
އީރާނުން ވަނީ އެ ގައުމުގެ ބިމަށް އަރައިގަންނަން ކުރާ ކޮންމެ މަސައްކަތަކަށް ރައްދު ދިނުމަށް ތައްޔާރަށް އޮތް ކަމަށް ބުނެ އިންޒާރު ދީފަ އެވެ. މީގެ ސަބަބުން މި ހަމަނުޖެހުން އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ