މިއޮތީ އުނދަގޫ ގުރޫޕެއްގައި، ތިބީ ފެންވަރު ރަނގަޅު ކޯޗުން: ބަންގްލަދޭޝް

މާލޭގައި ހޯމަ ދުވަހު ފަށާ، 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އޮތީ އުނދަގޫ ގުރޫޕެއްގައި ކަމަށާއި، އެގުރޫޕްގައި ދެން އޮތް ދެ ޓީމުގެ އޮތީ ބަނގްލަދޭޝް އާއި ދެކޮޅަށް ނިކުތުމަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ބަންގްލަދޭޝްގެ ހެޑް ކޯޗު، މާކް އެޑްވާޑް ކޮޒް ބުނެފިއެވެ.
އިނގިރޭސިވިލާތުގެ ފުޓްބޯޅަ އިދާރާގައި މަސައްކަތް ކޮށްފައިވާ، އަޔަލޭންޑަށް ނިސްބަތްވާ ކޯޗު ކޮޒް މި ފަހަރު މި ނިކުންނަނީ އެންމެ ފަހުން ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމާއެކުގައެވެ.
މުބާރާތް ފެށުމުގެ ކުރިން ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮޒް ބުނީ ހުރިހާ ޓީމެއްގައިވެސް ތިބީ ވަރަށް ފެންވަރު ރަނގަޅު ކޯޗުން ކަމަށާއި، ބަނގްލަދޭޝްއިން މުބާރާތާއި މި ކުރިމަތިލަނީ ވާދަކުރަން ޖެހެނީ ވަރުގަދަ ޓީމުތަކާކަން ދެނެގެން ކަމަށެވެ.
މިއަހަރުވެސް މުބާރާތުގެ ޗެމްޕިއަންކަން ދިފާއުކުރުމުގެ ވަރުގަދަ އަޒުމާއެކު ނިކުންނަ ބަންގްލަދޭޝް ޓީމުގެ ކޯޗު ބުނީ އިދިކޮޅުން ވާދަކުރާ ޓީމުތަކަކީ ވަރަށް އިތުބާރު ހުރި ޓީމުތަކެއް ކަމަށާއި، އެހެންކަމުން އެ ގައުމުން ވަރަށް ރަނގަޅަށް މެޗުތަކަށް ތައްޔާރުވާން ޖެހޭނެ ކަމަށެވެ.
އަދި ހުރިހާ ކޯޗުންވެސް މި މުބާރާތުގައި މަސައްކަތް ކުރަނީ އޭޝިއާގެ މި އުމުރުފުރާގެ ފުޓްބޯޅަ ކުރިއަރުވައިދޭން ކަމަށް ބަންގްލަދޭޝް ކޯޗު ފާހަގަ ކުރިއެވެ.
"އަހަރުމެން މި އޮތީ ވަރަށް އުނދަގޫ ގުރޫޕެއްގައި އިންޑިއާއާއި ޕާކިސްތާނާއެކު. އެ ދެ ޓީމުވެސް އޮތީ ވަރަށް ރަނގަޅަށް ބަންގްލަދޭޝް އާއި ދެކޮޅަށް ނިކުންނަން ތައްޔާރަށް. ދެން އެންމެންނަށްވެސް އެނގޭނެ އަހަރުމެން އެންމެންވެސް މި މަސައްކަތް ކުރަނީ މި އުމުރުފުރާގައި އޭޝިއާގެ ފުޓްބޯޅަ ކުރިއަރުވަން" ކޮޒް ބުންޏެވެ.
އޭނާ ބުނީ މި މުބާރާތުގައި ބަންގްލަދޭޝްގެ ޒުވާން ޓީމަށް ދެއްކުނު އެންމެ މޮޅު ކުޅުމެއް ދައްކާނެ ކަމަށާއި، ކޮންމެ މެޗަކީވެސް މުހިންމު މެޗެއްކަމަށެވެ. އަދި ފުރަތަމަ މެޗުން މޮޅުވެއްޖެނަމަ ޓީމު އޮންނާނީ ރަނގަޅު މަގާމެއްގައި ކަމަށެވެ. ގުރޫޕް ސްޓޭޖުގައި ދުރާލާ މޮޅު ހޯދުން މުހިންމުކަމަށާއި ޕާކިސްތާނާއި އިންޑިއާއާއި ދެކޮޅަށް ކުޅޭ މެޗަށްވެސް ނިކުންނާނީ މޮޅުވުމުގެ އަޒުމުގައި ކަމަށް ކޯޗު ބުންޏެވެ.
މުބާރާތުގައި ބަންގްލަދޭޝް ހިމެނެނީ އިންޑިއާ އަދި ޕާކިސްތާނާއެކު ގުރޫޕް ބީގައެވެ. އިންޑިއާ އާއި ޕާކިސްތާނަކީވެސް އެ ގައުމުތަކުގެ ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު މި އުމުރު ފުރައިގެ މޮޅު ކުޅުންތެރިތަކެއް ހިމެނޭ ދެ ޓީމެވެ.
އުނދަގޫ މެޗުތަކެއް ކުޅެން ޖެހޭނެކަން ދަނެގެން ބަންގްލަދޭޝްއިން މުބާރާތަށް ނިކުންނައިރު ފުރަތަމަ މެޗުގައި ވާދަކުރަން ޖެހޭނީ ޕާކިސްތާނާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންގާރަ ދުވަހު ހަވީރު 15:45 ގައެވެ. އެގައުމުގެ ދެވަނަ މެޗުގައި އިންޑިއާއާ ދެކޮޅަށް ނިކުންނާނީ މާޗް 28 ގައެވެ.
2024 ވަނަ އަހަރު ބޭއްވި މި އުމުރުފުރާގެ ޗެމްޕިއަންކަން ބަންގްލަދޭޝްއިން ކާމިޔާބުކުރީ 4-1 ން ނޭޕާލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ ފަހަރު މުބާރާތް ބޭއްވީ ނޭޕާލްގައެވެ. ބަންގްލަދޭޝްއަށް ފައިނަލްގެ ޖާގަ ލިބުނީ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިންޑިއާ ބަލިކުރުމަށްފަހުއެވެ. މުޅިން އަލަށް އެފަހަރު ބަންގްލަދޭޝްއިން ޗެމްޕިއަންކަން ހޯދި ނަމަވެސް އިންޑިއާއިން ވަނީ މީގެ ކުރިން ބޭއްވި 19 އަހަރުން ދަށާއި 20 އަހަރުން ދަށުގެ ސާފްގެ ތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި ނޭޕާލް ވަނީ 2 ފަހަރު ޗެމްޕިއަންކަން ހޯދާފައެވެ.
އޭޝިއާ ފުޓްބޯޅައިގައި މުސްތަގުބަލުގައި ފެނިގެންދާނެ އެންމެ ހުނަރުވެރި ޖީލުގެ މެދުގައި ކުޅޭ ސާފްގެ 20 އަހަރުން ދަށުގެ މުބާރާތް، ހުޅުވާ މެޗުގައި މިރޭ ބައްދަލުކުރާނީ ދިވެހިރާއްޖެ އާއި ސްރީލަންކާއެވެ. މުބާރާތް ކުރިޔަށްދާނީ މާޗް 23 ން 03 އޭޕްރީލްގެ ނިޔަލަށް ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ