ވޭޕް ގެންގުޅުނު މީހަކު 2000 ރުފިޔާއިން ޖޫރިމަނާކޮށްފި

ގިނަ އަދަދެއްގެ ވޭޕް ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން މީހަކު ހުއްޓުވައި އޭނާ ބަލައިފާސްކޮށް، ޖޫރިމަނާކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އޭނާ ބަލައިފާސްކޮށްފައިވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައިކަމަށެވެ.
ކްރައިމް އިންޓެލިޖެންސާއި ހުޅުމާލެ ފޭސް 1 ގެ ސްޕެޝަލް އެންފޯސްމަންޓް ޓީމު ގުޅިގެން މި މާރިޗު މަހުގެ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 ގެ ޗަނބޭލީ މަގުން ދެމީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު އެތަނުން އެކަކު ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން 106 ވޭޕްއާއި 571 ވޭޕް ކާޓްރިޖު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ވޭޕް ގެންގުޅުނުކަމުގެ ތުހުމަތުގައި އޭނާވަނީ 2000 ރުފިޔާއިން ޖޫރިމަނާކޮށްފައިކަމަށެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.
ޤާނޫނާ ޚިލާފުވާ މީހުންނަށް މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމަނާފައި ފުލުހުން ފޮނުވާނެއެވެ. ފުލުހުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހަށް ހުރިހާ މީހުންވެސް ފުރިހަމައަށް ޢަމަލުކުރުމަށާއި ޤާނޫނު ތަންފީޒްކުރުމުގައި ފުލުހުންގެ ޚިދުމަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ