އަނިޔާވެރިކަމަކީ ޔަހޫދީންގެ ސިޔާސަތެއް، އަލްބެނޭޒޭގެ ވަރުގަދަ ބަހުގެ ޙަމަލާއެއް

ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލު ފޮހެލުމަށް ޔަހޫދީ ދައުލަތުން ނިޒާމީ ގޮތެއްގައި ލާއިންސާނީ ޖަރީމާތައް ހިންގަމުން ދަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުން ދޫކޮށްފައިވާ "ހުއްދައެއްގެ" ދަށުން ކަމަށް ތުހުމަތު ކުރައްވައި، ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކަށް އެކުވެރި ދައުލަތްތަކުން (އދ) ކަނޑައަޅާފައި ހުންނަވާ ޚާއްޞަ ރަޕޯޓަރ ފްރަންޗެސްކާ އަލްބެނޭޒޭ ބަހުގެ ޙަމަލާތަކެއް އަމާޒު ކުރައްވައިފިއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި ވަނީ، "ޓޯޗަރ އެންޑް ޖެނޮސައިޑް" ގެ ނަމުގައި އދގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހަށް ރިޕޯޓެއް ހުށަހަޅުއްވަމުންނެވެ. އެ ރިޕޯޓުގައި އަލްބެނޭޒޭ ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީން ދެމުންދާ އަނިޔާތަކަކީ ވަކިވަކި ހާދިސާތަކެއް ނޫން ކަމަށާއި، އެއީ ޔަހޫދީ ދައުލަތުގެ ސިޔާސަތެއްގެ ތެރެއިން ރޭވިގެން ހިންގާ "ނިޒާމީ އަނިޔާވެރިކަމެއް" ކަމުގައެވެ.
2023 އޮކްޓޫބަރު 7 އިން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގައި މިހާތަނަށް 72,263 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް، 171,944 މީހުން ވަނީ ޒަޚަމުކޮށްލާފައެވެ. އަދި، ޔަހޫދީންގެ އިސްތިޢުމާރީ ބާރުން އަތްގަދަކޮށްފައިވާ ހުޅަނގު އައްސޭރިން 18,500 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި 1,500 ކުޑަކުދިން ހިމެނެއެވެ. މިހާރުވެސް 9,000 މީހުން ޔަހޫދީންގެ ޖަލުތަކުގެ ކަނު އަނދިރީގައި ތިބިއިރު، 4,000 އަށްވުރެ ގިނަ މީހުން ވަނީ ވަގަށް ނަގައި ގެއްލުވައިލާފައެވެ.
އަލްބެނޭޒޭ ސިފަކުރެއްވި ގޮތުގައި، ޖިންސީ ގޯނާއާއި، ރޭޕްކުރުމާއި، އަދި ނިޒާމީ ގޮތެއްގައި ބަނޑަށް ޖެއްސުމަކީ ފަލަސްޠީނުގެ އިންސާނީ ވަންތަކަން ފޮހެލުމަށް ޔަހޫދީން ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުންދާ ލާއިންސާނީ ހަތިޔާރުތަކެކެވެ. އަދި، ޔަހޫދީ ދައުލަތުގެ ހައްދުފަހަނަ އެޅި ތިން ވަޒީރަކު ހައްޔަރު ކުރުމުގެ އަމުރު ނެރެދިނުމަށް ވެސް އޭނާ ވަނީ ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓަށް (އައިސީސީ) ގޮވައިލައްވާފައެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުން ޔަހޫދީންގެ ޖަރީމާތަކަށް ދެމުންދާ "ހިމޭން ރުހުމަކީ"، ޤާނޫނުތަކުގެ އަގު ވައްޓައިލައި، އިސްތިޢުމާރީ އަނިޔާވެރިކަން ދެމެހެއްޓުމަށް ހުޅުވައިދެވޭ ދޮރެއްގެ ގޮތުގައި ވެސް އަލްބެނޭޒޭ ސިފަކުރެއްވިއެވެ. އަދި، ޔަހޫދީންގެ އަނިޔާވެރިކަން ހުއްޓުވުމުގައި ލަސްވާ ކޮންމެ ވަގުތަކީ ފަލަސްޠީނުގެ ބިންތަކުން އިންސާނިއްޔަތުކަން ފޮހެވި، ބަދަލު ނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތައް ލިބިގެންދާ ވަގުތެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ