ފޯރިގަދަ ހިނގާލުމަކަށް ފަހު ކައުންސިލް އިންތިހާބުގެ ކެމްޕޭން ނިންމާލައިފި
ފޯރިގަދަ ހިނގާލުމަކަށް ފަހު، ޕީއެންސީ އަދި އެމްޑީޕީން ކައުންސިލް އިންތިހާބުގެ ކެމްޕޭނު ނިންމާލައިފި އެވެ.މާދަމާ ހެނދުނު 8:00 ގައި ވޯޓުލުން ފަށާއިރު ކެމްޕެއިނު ހަރަކާތްތައް މިއަދު 6:00 އަށް ނިންމާލަން ޖެހެ އެވެ.އިދިކޮޅު އެމްޑީޕީގެ "ހޭވައްލާ ތައްޔާރު" ކެމްޕެއިނު ނިންމުމުގެ ގޮތުން ވެސް މާލޭގައި ބޮޑު ހިނގާލުމެއް ހަވީރު ބޭއްވި އެވެ. އެ ހަރަކާތުގައި ކުރީގެ ރަައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެމްޑީޕީގެ އިސްވެރިންގެ އިތުރުން އެެ ޕާޓީއަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވި އެވެ. ރައީސް ނަޝީދާއި އިބޫ އެކުގައި މިފަދަ ހަރަކާތަކުން ފެނިފައި މި ވަނީ ގިނަ ދުވަސްތަކަކަށް ފަހުގަ އެވެ. އެ ޕާޓީގެ ހަރަކާތް ފަށައިގެން ކުރިއަށް ގެންދިޔައީ ބޭރު މަގުންނެވެ. ކެމްޕެއިން ނިންމާލުމުގެ ގޮތުން، ވެރިކަންކުރާ ޕީއެންސީން ވަނީ މާލޭގައި ބޮޑު ހިނގާލުމެއް ބާއްވައިފަ އެެވެ. ހެންވޭރުކޮޅުގައި ހުންނަ އެ ޕާޓީގެ މައި ޖަގަހަ ދޮރުމަތިން ފެށިގެން މަޖީދީމަގުން ކުރިއަށް ގެންދިޔަ އެ ހިނގާލުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުންނާއި އެ ޕާޓީއަށް ތާއީދުކުރާ އެތައް ބަޔަކު ބައިވެރިވި އެވެ.ރަސްފަންނާ ދިމާލުން ކެމްޕެއިނު ނިންމާލުމުގެ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ މާދަމާ ވޯޓު އޮންނައިރު މުޖުތަމައުން ފެންނަ ކަންކަމާއި އިވޭ އަޑުތަކުގެ މައްޗަށް ބިނާކޮށް ސިކުނޑީގެ ބޭނުންކޮށްގެން ރަނގަޅު ނިންމުމެއް ނިންމުމަށް އިލްތިމާސްކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ