ހައިސްކައި އެއާލައިނުން ވީއައިއޭ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

ބަޖެޓް އެއާލައިނެއްކަމަށްވާ ހައިސްކައި އެއާލައިނުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް ބޭނުނުން ކުރަން ފަށައިފިއެވެ.
މިކަމަށްޓަކައި އެމްއޭސީއެލުން ވަނީ ވީއައިއޭ ޓާމިނަލް އެކެއްގައި ރަސްމިއްޔާތެއް ބާއްވާފައެވެ. ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގެ ގްރޫޕް ޖެނެރަލް މެނޭޖަރު އަލީ ޝާކިރެވެ.
މި ރަސްމިއްޔާތުގައި ވޮޔޭޖަސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިގްނާޒް މަންސޫރާއި، ހައިސްކައިގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވިއެވެ.
ހައިސްކައި އެއާލައިނުން އައު ޓާމިނަލް ބޭނުންކުރަން ފެށުން.. ފޮޓޯ؛ އެމްއޭސީއެލް
ހައިސްކައި އިން ޓާމިނަލް އެކެއް ބޭނުންކުރުން ފެށުމުގެ ގޮތުން މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވަނީ، އެ ފްލައިޓުން ރާއްޖެ އައި 222 ފަތުރުވެރިންނަށް ސަގާފީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ހައިސްކައި އެއާލައިނުން އައު ޓާމިނަލް ބޭނުންކުރަން ފެށުން.. ފޮޓޯ؛ އެމްއޭސީއެލް
ހައިސްކައި އެއާލައިނާއެކު އައު ޓާމިނަލް ބޭނުންކުރާ އެއާލައިންތަކުގެ އަދަދު ވަނީ 38 އަށް އަރާފައެވެ.
ވީއައިއޭގެ އައު ޓާމިނަލްގެ ހިދުމަތް ފަށާފައިވަނީ މިއަހަރުގެ މިނިވަންދުވަހާ ދިމާކޮށް ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ. ސައުދީގެ ބިންލާދިން ގްރޫއްޕާ ހަވާލުކޮށްގެން ތަރައްޤީކުރި އައު ޓާމިނަލަށް 5 ބިިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުގެ އަމާޒަކީ އައުޓާމިނަލާއެކު އަހަރެއްގެ ތެރޭގައި 7.5 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ