ގެއްލުމުން އަރައިގަތުމަށް އިންޑިއާއިން ލަންކާއަށް 450 މިލިއަން ޑޮލަރުގެ އެހީ ދެނީ

މިދިޔަ ނޮވެމްބަރު މަހު 28 ވަނަ ދުވަހު ސްރީ ލަންކާއަށް އެރި ބާރުގަދަ ތޫފާން 'ދިތްވާ' ގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް އިންޑިއާއިން 450 މިލިއަން ޑޮލަރުގެ އެހީ, އެ ގައުމަށް ދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ވިދާޅުވެއްޖެއެވެ. ސްރީ ލަންކާއަށް ދެ ދުވަހުގެ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ޖައިޝަންކަރު އެގޮތަށް ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ އެހީގައި ހިމެނެނީ 350 މިލިއަން ޑޮލަރުގެ "ކޮންސެޝަނަލް ލައިން އޮފް ކްރެޑިޓް" އާއި 100 މިލިއަން ޑޮލަރު ހިލޭ އެހީއެވެ. ޖައިޝަންކަރު ވަނީ އިންޑިއާއިން 1،100 ޓަނުގެ ރިލީފް ސަޕްލައި އާއި ބޭހާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާނެ ސާމާނު ވެސް ލަންކާއަށް ހަދިޔާކުރިކަން ފާހަގަކުރައްވާފައެވެ. ތޫފާންގެ ސަބަބުން ފެންބޮޑުވެފައިވާ ލަންކާގެ މަގެއް. ފޮޓޯ/ރޮއިޓާސް "އެ އެހީ އިން މަގުތަކާއި ރެއިލްވޭ ސްޓޭޝަންތަކާއި ބްރިޖްތައް އަލުން، ހެދުމާއި، ގެއްލުން ލިބިފައިވާ ގެތަކާއި އެއްކޮށް ހަލާކުވެފައިވާ ގެތައް އެޅުން، ތޫފާނުގެ އަސަރު ކުރި ސިއްހީ އަދި ތައުލީމީ ދާއިރާތަކަށް އެހީތެރިވުން، ދަނޑުވެރިކަމަށް އެހީތެރިވުން، އަދި ކާރިސާތަކަށް ތައްޔާރުވެތިބުމަށް ހަރުދަނާ ނިޒާމެއް ގާއިމު ކުރުމަށްވެސް އެހީ ލިބޭނެ." ޖައިޝަންކަރު ވިދާޅުވިއެވެ. އިންޑިއާގެ މި އިސްނެގުމަކީ ދެ ގައުމުގެ މެދުގައި އޮތް ހަރުދަނާ ގުޅުން ދައްކުވައިދޭ ކަމެއް ކަމަށްވެސް ޖައިޝަންކަރު ވިދާޅުވިއެވެ. ތޫފާން 'ދިތްވާ' ގެ ސަބަބުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ލަންކާއިން 643 މީހުން މަރުވެފައިވާއިރު، 183 މީހުން ވަނީ ވީނުވީއެއް ނޭގި ގެއްލިފައެވެ. އެ ކާރިސާގައި 5000 ގެ އެއްކޮށް ހަލާކުވެފައިވާއިރު، 86،882 ގެއަށް އެކިވަރުގެ ގެއްލުންވެފައިވެއެވެ. ދުއިސްތައް ސާޅީސް ހަތް ކިލޯ މީޓަރުގެ މަގު ހަލާކުވިއިރު، 40 އަށްވުރެ ގިނަ ބްރިޖް ހަލާކުވިއެވެ. އދ ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ދައްކާ ގޮތުގައި ތޫފާނުގެ ސަބަބުން 1.1 މިލިއަން ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވިއެވެ. ތޫފާންގެ ސަބަބުން އެ ގައުމަށް 7 ބިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް ކަމާބެހޭ އޮފިޝަލުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ