މެދުއިރުމައްޗަށް އެމެރިކާގެ އެތައް ހާސް ސިފައިންނެއް ފޮނުވަނީ

އިރާނާ އެކު ކުރަމުންދާ ހަނގުރާމަ ވަރުގަދަވަމުންދާ ދަނޑިވަޅެއްގައި، މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރު އިތުރުކުރުމުގެ ގޮތުން 82 ވަނަ އެއާބޯން ޑިވިޝަންގެ 3،000 އާއި 4،000އާ ދެމެދުގެ އަދަދަކަށް ސިފައިން އެ ސަރަހައްދަށް ފޮނުވުމަށް އެމެރިކާއިން ނިންމައިފި އެވެ.
އަސްކަރީ ދެ މަސްއޫލުވެރިއަކު ހާމަކުރެއްވި ގޮތުގައި، މި ސިފައިން ފޮނުވުމުން އެ ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންގެ ޖުމްލަ އަދަދު 50،000އަށް އަރާނެ އެވެ. މީގެ ކުރިން ވެސް އެމެރިކާއިން ވަނީ މެރިން ސިފައިންނާއި ޔޫއެސްއެސް ބޮކްސާ ހިމެނޭހެން ކަނޑުގެ އަސްކަރީ މަނަވަރުތައް އެ ސަރަހައްދަށް ފޮނުވުމަށް ނިންމާފަ އެވެ.
ވައިޓް ހައުސްއިން ހާމަކުރި ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަތްޕުޅުގައި އަސްކަރީ ހުރިހާ އިހްތިޔާރެއް އެބައޮތެވެ. ނަމަވެސް، އިރާނުގެ ބިމަށް އެއްގަމު ސިފައިން ފޮނުވުމަށް އަދި މިހާތަނަށް އެއްވެސް ނިންމުމެއް ނިންމަވާފައި ނުވާ ކަމަށް ވައިޓް ހައުސްއިން ބުނެ އެވެ.
މި ނިންމުން ނިންމާފައި މިވަނީ، އިރާނާ އެކު ނަތީޖާ ނެރެވޭނެ ވާހަކަތަކެއް ދެކެވި، މައްސަލައަށް ހައްލެއް ލިބިދާނެ ކަމަށް ޓްރަމްޕް ދާދި ފަހުން ވިދާޅުވެފައި ވަނިކޮށެވެ. ނަމަވެސް، އެއްވެސް މަޝްވަރާއެއް ކުރިއަށްނުދާ ކަމަށް ތެހެރާނުން ވަނީ ބުނެފަ އެވެ.
މިދިޔަ މަހުގެ 28ގައި މި ހަނގުރާމަ ފެށުނު ފަހުން، އެމެރިކާގެ ސިފައިން ވަނީ އިރާނުގެ 9،000އަށް ވުރެ ގިނަ އަމާޒުތަކަށް ހަމަލާދީފަ އެވެ. މި ހަނގުރާމައިގައި އެމެރިކާގެ 13 ސިފައިން މަރުވެ، ގާތްގަނޑަކަށް 300 މީހުން ވަނީ ޒަހަމްވެފަ އެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އިތުރަށް ފޮނުވާ ސިފައިންގެ ސަބަބުން އަސްކަރީ ހަރަކާތްތައް ހިންގުމުގެ ގާބިލުކަން އިތުރުވެ، ހޮރްމޫޒް ކަނޑުއޮޅީގެ ރައްކާތެރިކަން ބެލެހެއްޓުމަށާއި އިރާނުގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ހިންގަންޖެހޭ އޮޕަރޭޝަންތަކަށް މަގުފަހިވެގެންދާނެ އެވެ.
ނަމަވެސް، މި ހަނގުރާމައަށް އޮތް އާންމުންގެ ތާއީދު ކުޑަވަމުންދާތީ، މިއީ ސިޔާސީ ގޮތުން ނުރައްކާތެރި ނިންމުމެއްގެ ގޮތުގައި ބެލެވެ އެވެ. ދާދި ފަހުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި، އެމެރިކާގެ ރައްޔިތުންގެ ތެރެއިން މި ހަމަލާތަކަށް ތާއީދުކުރަނީ އެންމެ %35 މީހުންނެވެ. އަދި %61 މީހުން މިކަމާ ދެކޮޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ