މީޑިއާގެ މިނިވަންކަން ރާއްޖެއިން ފޮހެނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު މުއިއްޒު ކައިވެނީގެ ބޭރުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް 'އަދަދު' ނޫހުން ހެދި ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ރޭ ވަނީ އެ ނޫސް ހިންގާ އޮފީސް ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފަ އެވެ. އަދި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ.
އެމްޑީޕީން ރޭ މާލޭގައި ބޭއްވި އިހުތިޖާޖުގައި ވާހަކަދައްކަމުން މީކާއިލް ވިދާޅުވީ ފުލުހުން "އަދަދު" ނޫސް ރެއިޑްކޮށް އަދި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވާ ނޫސްވެރިންނަށް އަބުރުގެ ދައުވާކުރާނެ ކަމުގެ އިންޒާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވަމުން ގެންދަވާ ކަމަށާއި ނަމަވެސް މިހާތަނަށް އަބުރުގެ ދައުވާކޮށްގެން މީހަކު ހުއްޓުވިފައި ނެތް ކަމަށެވެ.
"މީޑިއާގެ މިނިވަންކަން މި ރާއްޖެއަކުން ދެން ފޮހެނުލެވޭނެ. އެމްޑީޕީ މިތަނުގައި އޮތްހާ ހިނދަކު ނުފޮހެވޭނެ،" މީކާއިލް ވިދާޅުވި އެވެ.
ފުލުހުން "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކޮށްފައިވާއިރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންހެން މީހާ ކުރި ތުހުމަތުތަކާ ގުޅޭ ގޮތުން "އަދަދު" ނޫހުގެ ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް މުއިއްޒު ވަނީ އެ ތުހުމަތުކުރި މީހާ އާއި ޑޮކިއުމަންޓަރީ ހެދި 'އަދަދު' އަށް ވެސް ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ އޭގައި ހުރީ ދޮގު ވާހަކަތަކެއް ކަމަށެވެ.
'އަދަދު' އިން ބުނެފައިވާ ގޮތުގައި ރައީސަށް ތުހުމަތުތަކެއް ކުރި މި މީހާއަކީ، މިދިޔަ އަހަރުގެ ކުރީކޮޅު ރައީސް އޮފީހުގެ ވަޒީފާއެއްގައި ހުރި މުވައްޒަފެކެވެ. އަދި އޭނާ އެ އޮފީހުގައި ވަޒީފާ އަދާކުރީ ހަފުތާއެއްހާ ދުވަހަށް ކަމަށް ވެސް ބުނެފައިވެ އެވެ.
ޖެނުއަރީ 13، 2025، ގައި އޭނަ ރައީސް އޮފީހުގެ ވަޒީފާއިން ވަކިކޮށް، ޖެންޑާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ ވަޒީފާއަށް ބަދަލުކޮށް، ފަހުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް ވެސް ބަދަލުކުރި ކަމަށް 'އަދަދު' އިން ބުނެފައިވެ އެވެ.
މީޑިއާގެ މިނިވަންކަން ރާއްޖެއިން ފޮހެނުލެވޭނެ: މީކާއިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ