އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑް އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓަރ ޔުނައިޓެޑް އިން ޗެމްޕިއަންސް ލީގުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
މި މެޗުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 34 މެޗުން 61 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ހޯދާފަ އެވެ. ބްރެންޓްފޯޑް އަށް ލިބިފައިވާ 48 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ އަށްވަނައިގަ އެވެ. އެހެންކަމުން ލީގުގައި ބާކީ އޮތް ހަތަރު މެޗުން ޔުނައިޓެޑަށް ދެ ޕޮއިންޓް ލިބިއްޖެނަމަ އެ ޓީމަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުވެގެންދާނެ އެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ހަތްދިހަ ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 11 ވަނަ މިނިޓުގައި ހެރީ މެގުއާގެ އެސިސްޓަކުން ކަސެމީރޯ ވަނީ ލަނޑެއް ޖަހާ ޔުނައިޓެޑަށް ކުރި ހޯދަދީފަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ބެންޖަމިން ސެސްކޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގައި ސެސްކޯ ޖެހި ލަނޑަށް ފުރުސަތު ތަނަވަސްކޮށްދިން ބްރޫނޯ ފެނާންޑޭޒްގެ މި އެސިސްޓާއެކު މި ސީޒަނުގައި އޭނާވަނީ ޕްރިމިއާ ލީގުގައި ޖުމްލަ 19 ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމުން މިދިޔަ ޖެނުއަރީ މަހު ރުބެން އަމޮރިމް ވަކިކުރުމަށްފަހު ޓީމުގެ ކޯޗު ކަމާއި ވަގުތީ ގޮތުން މައިކަލް ކެރިކް ހަވާލުވުމަށްފަހު އެ ޓީމުގެ ޓެކްނިކަލް ޑައިރެކްޓަރ ދިން އަމާޒަކީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް އެ ޓީމަށް ކަށަވަރުކޮށްދިނުމެވެ.
ކޭތް އެންޑްރޫސްގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ބްރެންޓްފޯޑް އަށް މި މެޗުގައި ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް މި މެޗުގައި ވަނީ ލިބިގެންގޮސްފަ އެވެ. ނަމަވެސް އެ ޓީމަށް ޔުނައިޓެޑްގެ ގޯލު ހުޅުވާލެވޭ ގޮތް ވެފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް މެތިއަސް ޖެންސެން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ޔުނައިޓެޑް އިން އަންނަ އާދީއްތަ ދުވަހު ނިކުންނާނީ އަމިއްލަ ދަނޑުގައި ލިވަޕޫލް އާއި ދެކޮޅަށެވެ.
ބްރެންޓްފޯޑް ބަލިކޮށް ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ފުރުސަތު ބޮޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ