އެމެރިކާގެ އިންޒާރުތަކާ ހެދި ސަރަހައްދީ ހަމަޖެހުން ގެއްލިދާނެ: އީރާނުގެ ރައީސް

އެމެރިކާގެ އިންޒާރުތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުން ގެއްލިދާނެކަމުގެ އިންޒާރު އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝް ކިޔާން ދެއްވައިފިއެވެ. އީރާނުގެ ރައީސް މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމް.ބީ.އެސް) އަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ފޯނު ކޯލަކީ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު "ޔޫ.އެސް.އެސް އަބްރަހަމް ލިންކަން" ސަރަހައްދަށް އައުމާ ގުޅިގެން، އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި ކުރެވުނު ކޯލެކެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން ދެމުންދާ އިންޒާރުތަކަކީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ނަގާލުމަށް ދެވޭ އިންޒާރުތަކެއް ކަމަށް އީރާނުގެ ރައީސް ވިދާޅުވެފައިވާއިރު، އެމެރިކާގެ ހަނގުރާމަ މަތީ އުޅަނދުތައް ގެންދަނީ މެދުއިރުމައްޗަށް ޖަމާކުރަމުނެންވެ. ތެހެރާންގެ ފަލަސްތީން ސްކޮޔަރގައި ހުރި އިމާރާތެއްގައި އެމެރިކާ އާއި އިޒްރޭލާ ދެކޮޅު ބެނާއެއް ހަރުކޮށްފައި -- ފޮޓޯ: އޭއެފްޕީ އީރާނުގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ އިގްތިސާދީ ފިއްތުންތަކާއި ބޭރުގެ ނުފޫޒުތަކުން އީރާނުގެ ރައްޔިތުންގެ އަޒުމެއް ގުޑުވާނުލެވޭނެ ކަމަށެވެ. އަދި އެމެރިކާގެ މި އަމަލުތަކުގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުން ނޫން އެއްޗެއް ހާސިލްނުވާނެ ކަމަށް އީރާންގެ ރައީސް ވިދާޅުވިއެވެ. މި ކޯލުގައި ސައުދީ ވަލީއަހުދު ވަނީ އީރާނުގެ އިސްތިގުލާލަށް އިހުތިރާމްކުރައްވާ ކަމަށް ވިދާޅުވެފައެވެ. ސައުދީ ޕްރެސް އެޖެންސީ (އެސް.ޕީ.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނާ ދެކޮޅަށް ކުރެވޭ އެއްވެސް އަސްކަރީ ހަމަލާއެއްގައި ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދު ނުވަތަ ބިން ބޭނުންކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމުގެ ޔަގީންކަން އެމް.ބީ.އެސް ދެއްވިއެވެ. އަދި އިސްލާމީ ގައުމުތަކުގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަމުގެ މުހިންމުކަން ފާހަގަކުރައްވައި، މަޝްވަރާގެ މަތިން މައްސަލަތައް ހައްލުކުރުމަށް ސައުދީން ތާއީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ނުތަނަވަސްކަން އުފެދިފައިވަނީ އީރާނުގައި ކުރިއަށްދާ މުޒާހަރާތައް ހުއްޓުވުމަށް އެގައުމުގެ ސަރުކާރުން ބާރުގެ ބޭނުންކުރަމުންދާ ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ދެއްވުމާ ގުޅިގެންނެވެ. ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ބޮޑު "އަރުމާދާ" އެއް ނުވަތަ އަސްކަރީ ފައުޖެއް ދަތުރުކުރަމުންދާ ކަމަށް ވިދާޅުވެ، އީރާނުން އެމެރިކާގެ ޝަރުތުތަކަށް ބޯލަނބަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން 2025 ވަނަ އަހަރުގެ ޖޫން މަހު އިސްރާއީލާއި އެމެރިކާއިން ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކަށްފަހު އީރާނުގެ ނިއުކްލިއާ މަސައްކަތްތައް ހުއްޓާލުމަށް ޓްރަމްޕް ގެންދަވަނީ ބާރުއަޅުއްވަމުންނެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) އިން ވެސް ވަނީ އަވަށްޓެރި ގައުމުތަކަށް އިންޒާރެއް ދީފައެވެ. އެ ގައުމުގެ އޮފިޝަލަކު ވިދާޅުވީ، އަވައްޓެރި ގައުމެއްގެ ބިން ނުވަތަ ވައިގެ ސަރަހައްދު އީރާނާ ދެކޮޅަށް ބޭނުންކޮށްފިނަމަ، އެ ގައުމަކީ ދުޝްމަނެއްގެ ގޮތުގައި ބަލާނެ ކަމަށެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނިގޮތުގައި ސަރަހައްދުގެ އެއްވެސް ހިސާބެއްގައި ސަލާމަތީ ނުރައްކަލެއް އުފެދިއްޖެނަމަ، އޭގެ އަސަރު މުޅި ސަރަހައްދަށް ކުރާނެއެވެ. ސިޔާސީ ދިރާސާވެރިން ބުނާގޮތުގައި، އެމެރިކާގެ ފިއްތުންތަކަށް އީރާނުން ބޯލެނބުމުގެ ފުރުސަތު ވަރަށް ކުޑައެވެ. އެއީ ފިއްތުންތަކުގެ ކުރިމަތީގައި ދޫދިނުމަކީ އިތުރު ފިއްތުންތަކަށް މަގުފަހިވާނެ ކަމެއް ކަމަށް އީރާނުގެ ލީޑަރުން ގަބޫލުކުރާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ