ހިތުގައި ތިނަން ވާތީ... 25
"އަހަރެން ގަބޫލުކުރާ ކަހަލަ ކަންކަމެއް ނޫން ތީކީ..." ގެއާއި ހަމައަށް ގޮސްފައި، އާކިލް ބުނެލިއެވެ. "ދޯ..." އާކިލްއަށް ބަލައިލަމުން އިވްލީންވެސް ބުނެލިއެވެ. "އަހަރެމެން ރައްކާތެރިކޮށްދެއްވަނީ އެންމެ ފަރާތަކުން... އެއީ މާތްﷲ..." ******** ދުވަހުގެ އިރު އެރީ، އަންނަން އުޅޭ ތޫފާނުގެ ނުރައްކާތެރިކަން ހާމަކޮށްދެމުންނެވެ. ކަޅު ވިލާތަކުން އުދަރެސް ބައްދައިލިއިރު، ގުގުރާ ވިދަން ފެށިއެވެ. ވައިބާރުވެ، ކަނޑުގެ ލޮނުގަނޑު ކައްކުވައިލިއެވެ. ހެނދުނު ހަތްގަޑި ބައިވީއިރުވެސް މިރާހް ހުރީ އަތިރިމަތީގައެވެ. އަންނަން އުޅޭ ތޫފާނަށްވުރެ އޭނާގެ ހިތުތެރޭގައި އުފެދިފައިވާ ކޮޅިގަނޑު ވަރުގަދަވެފައި، ނުރައްކާތެރިއެވެ. މިރާހުގެ ނަޒަރު ހުއްޓިފައިވީ ކުރިމަތީގައި ހުރި ކެފޭއަށެވެ. އާދައިގެމަތިން ކޮންމެ ދުވަހަކު ފަތިސް ނަމާދަށްފަހު ހުޅުވާ ކެފޭ މިއަދު ހުރީ ބަންދުކޮށްފައެވެ. ތަނުގެ މަސައްކަތްތަކުގައި އަވަދިނެތި އުޅޭ އިވްލީނެއް މިއަދު ނެތެވެ. ހިދުމަތް ހޯދަން މީހަކު ނާދެއެވެ. ކޮންމެ ދުވަހަކުމެ ސިކުނޑި ތާޒާ ކުރުވާ ކޮފީގެ ވަހެއް ނުދުވައެވެ. ތަނުގެ ކޮންމެ ހަނދާނެއް މިރާހުގެ ހިތުގައި ހަރުލާފައިވީ ފިލައިގެންދާނޭ މިންވަރަކަށް ނޫނެވެ. "އައި އޭމް ސޮރީ އީވް... މިހުރިހާ ކަމެއް ދިމާވަނީ އަހަންނާ ހެދި... މީ އަހަރެންގެ މައްސަލަ..." އަމިއްލަ ނަފުސު ކުށްވެރިކުރާ ހާލު، މިރާހަށް ބުނެވުނެވެ. އޭރު އޭނާގެ ދެލޯ ފެންކަޅިވެއްޖެއެވެ. އެތައް އިންޒާރަކަށްފަހު ވާރޭ ވެހެންފެށިއެވެ. ތުނިކޮށް ވެހެމުންދިޔަ ވާރޭ ބޯކޮށްލަން ނެގީ ހިނދުކޮޅެކެވެ. އެ ވާރޭވެސް މިރާހުގެ ހިތާމައިގައި ބައިވެރިވާ ކަހަލައެވެ. ތެމިފޯވިއިރުވެސް މިރާހް ގުޑިވެސްނުލައި ހުއްޓެވެ. "އަހަރެން މިހުރިހާ ކަމެއް ހަމައަކަށް އަޅުވާނަން... އައި ޕްރޮމިސް..." މިރާހުގެ ދެއަތް މުށްކެވުނެވެ. ******** އޮފީސް ދޮރުމަތީގައި ހުރި ރިމްޝާ، ހުއްޓާނުލައި، އިވްލީންގެ ފޯނަށް ގުޅަމުން ދިޔައެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ ވާރޭ ތުނިކޮށްލާނެ ވަގުތަކަށެވެ. އިވްލީން ފޯނު ނުނަގާތީ ރިމްޝާ ހުރީ ކަންބޮޑުވެފައެވެ. ކެފޭ ބަންދުކޮށްފައި ހުރި ހަބަރު ލިބުނުފަހުން ރިމްޝާއަށް ހަމަޖެހުމެއް ނުލިބެއެވެ. ކެފޭއަކީ އިވްލީންގެ މުޅި ދިރިއުޅުމެވެ. ކެފޭގެ މަސައްކަތްތައް ކުރުމުން ނޫނީ އިވްލީނަށް ހަމަޖެހުމެއް ނުލިބެއެވެ. ކުއްލިއަކަށް ހުރިހާ ކަމެއް ދިމާވުމުން، އިވްލީން ދެރަވާނެވަރު އޭނާއަށް އެނގެއެވެ. "ހަލޯ އީވް..." އިވްލީން ފޯނު ނެގުމުން، ރިމްޝާ އަވަސް އަވަހަށް ބުނެލިއެވެ. "ތަނެއްގަ ރޯވީތަ؟..." ސަމާސާ ރާގަކަށް އިވްލީން ބުނެލިއެވެ. "ސަތޭކަ ބައްތިރީސް ފަހަރު ގުޅާފަ އެބައޮތް ވިއްޔަ..." "ކީއްކުރަނީ ތި؟.." އޯގާތެރި ރާގަކަށް ރިމްޝާ އަހައިލިއެވެ. "ގޭތެރެ ފޮޅާ ސާފުކޮށްލަނީނު.... ފައިނަލީ... ކޮން ދުވަހެއްތަ ގޭގަ ކަމެއް ނުކުރެވޭތާ... ބައްޕަވެސް އެކަނި އޮވެއޮވެ، ފޫހިވެގެން އަބަދު އުޅެނީ... އަހަރެން ހުރީމަ ބައްޕަ ފޫއްސެއްވެސް ނުވާނެ... ދެން އޮތީ މީރުކޮށް ކައްކައިގެން ކެއުން... ކުރިން ކާއެއްޗެއް ކާނެ ވަގުތެއްވެސް ނުވޭ..." އިވްލީން އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނައިލިއެވެ. "ޔޫ އޯކޭ؟..." ރިމްޝާގެ ދެލޯ ފެންކަޅިވިއެވެ. "ވަރަށް ބޭނުން އީވް ކައިރިއަށް ދާން..." ކިތަންމެ ފޮރުވަން އުޅުނަސް، އިވްލީންގެ އަޑުގައިވި ރިހުން ރިމްޝާއަށް ސިއްރެއް ނުވިއެވެ. އިވްލީން ސިއްރުން ރޮނީކަން އޭނާއަށް އެނގުނެވެ. "އަންނައްޗޭ އޮފީސް ނިންމާފަ... މީރު އެއްޗެއް ކައްކާނަން..." ރިމްޝާގެ ކުރިމަތީގައި ބަޑިފަޅައިގެން ހިނގައިދާނެތީ، އިވްލީން އަވަހަށް ފޯނު ބޭއްވިއެވެ. އެތެރެއަށް ވަންނަން އުޅުނު ރިމްޝާ ހުއްޓުނީ އޮފީސް ގޭޓުން ވަދެގެން އައި މިރާހް ފެނުމުންނެވެ. މިރާހް ހުރީ ތެމި ފޯވެފައެވެ. އަތުގައި ކޮތަޅެއް އޮތެވެ. ރިމްޝާ ކުޑަ ހިފައިގެން ދުވެލާފައި ކަހަލަ ގޮތަކަށް މިރާހުގެ ކައިރިއަށް ދިޔައެވެ. "ކީއްވެ ތެމިގެން ތިއައީ؟..." ޝަކުވާގެ ރާގަކަށް ރިމްޝާއަށް އަހައިލެވުނެވެ. "ބަލިވެދާނެއެއްނު..." މިރާހަށް ބަލައިލެވުނީ، ކަންބޮޑުވެފައިވާ ރިމްޝާގެ މޫނަށެވެ. އެ މޫނުން ފެންނަން ހުރީ، އަޅާލުމާއި އޯގާތެރިކަމެވެ. ރިމްޝާގެ ހިތުގައި މިރާހަށް ދީފައިވާ މަގާމު އެ މޫނުން ސާފުކޮށް ފެންނަން ހުއްޓެވެ. މިރާހް ހިނގައިގަތުމުން، ރިމްޝާ މިރާހްގެ އަތުގައި ހިފައި ހުއްޓުވިއެވެ. "އަހަންނަށް މި ހީވަނީ ރަނގަޅަށްތަ؟... މިރާހް ކުރަން ތިއުޅޭ ކަންތައް އަހަންނަށް އެބަ އެނގޭ..." މިރާހްގެ އަތުގައި އޮތް ކޮތަޅަށް އިޝާރާތް ކުރަމުން ރިމްޝާ ބުނެލިއެވެ. މިރާހް އެއްޗެއް ނުބުނެ އަނެއްކާވެސް ހިނގައިގަތެވެ. އެފަހަރު ރިމްޝާ އެރީ މިރާހްގެ ކުރިމައްޗަށެވެ. "އަހަންނަށް އެނގެޔޭ މިރާހް ކުރަން ތިއުޅޭ ކަންތައް..." ރިމްޝާ ބުނެލިއެވެ. "ތިކަމުގަ މިރާހް އެކަންޏެއް ނުވާނެ.... އަހަރެންވެސް ހެލްޕް ވާނަން... އީވްއަކީ އަހަރެންގެ ބެސްޓް ފްރެންޑް... އީވް ސަލާމަތްކުރަން އަހަރެންވެސް ޖެހޭނެ މަސައްކަތްކުރަން.... ޕްލީޒް ލެޓް މީ ބީ ވިތް ޔޫ..." ރިމްޝާގެ އެދުމަށް ދެކޮޅުހަދާނެ ހިތްވަރެއް މިރާހުގެ ގަޔަކު ނެތެވެ. އަނެއްކޮޅުން އަމިއްލަ އާއިލާ އާއި ދެކޮޅަށް ތެދުވާއިރު، ހިތްވަރުދޭނެ މީހަކު ކައިރީގައި ހުރުންވެސް އޭނާއަށް މުހިއްމެވެ. ފިނިވެގެން ގޮސް، މިރާހް ހުރީ އަނގައިން ބުނެވޭ ހާލަތެއްގައެއް ނޫނެވެ. ދެމީހުން އެކުގައި އޮފީސްތެރެއަށް ވަދެގެން ދިޔައިރު، އެންމެންގެ ނަޒަރު ހުއްޓެމުންދިޔައީ ތެމިފައިހުރި، މިރާހަށެވެ. މިރާހް ދިޔަ ބާރުމިނުގައި ގޮސް ވަނީ ޝައުކަތުގެ ކެބިންއަށެވެ. ފަހަތުން ރިމްޝާވެސް ވަނެވެ. ޝައުކަތު އިނީ ކޮންޕިއުޓަރުގެ ކައިރީގައި އެއްޗެއް ލިޔާށެވެ. މިރާހް ފެނުމުން އޭނާގެ މޫނުން މާބޮޑު އަސަރެއް ނުފެނުނެވެ. ކުރަން އިން މަސައްކަތް ހުއްޓައެއްވެސް ނުލައެވެ. ޝައުކަތުގެ މޫނުމަތީގެ އަސަރުތައް ބުނާ ކަހަލައެވެ. އޭނާ ބިރުގަންނާނެ ކަހަލަ ކަމެއް ކުރަން މިރާހަކަށް ނުކެރޭނެއެވެ. އޭނާ ފޮރުވައިގެން އުޅޭ ސިއްރުތައް އެކަކަށްވެސް ނޭނގޭނެއެވެ. އެނގުނަސް، ދެކޮޅަށް ތެދުވާނެ ހިތްވަރެއްވެސް ނުލިބޭނެއެވެ. "ހާދަ ޑްރާމާ ބައި ބޮޑޭ... ވާރޭތެމިގެން މިތާ ކޮން ސަކަރާތެއް؟... މީ ސަރުކާރުގެ އޮފީހެއް ކަމެއް ނޭނގޭތަ؟..." މިރާހް އެއްޗެއް ނުބުނެ ބަލަން ހުރުމުން، ޝައުކަތު ބުނެލިއެވެ. މިރާހް އޭނާގެ އަތުގައި އޮތް ކޮތަޅުން ފައިލެއް ނަގާފައި މޭޒުމަތީގައި ބޭއްވިއެވެ. "ބޭންކް ޓްރާންސްފާރސް... ފޮރިން އެގްރީމެންޓްސް... ބިމުގެ އެއްބަސްވުންތައް..." ޝައުކަތު ފައިލަށް ބަލައިލުމުން، މިރާހް ތަފްސީލް ދިނެވެ. "ވަޓް؟..." ޝައުކަތަށް ލިބުނު ސިހުމުގައި ފައިލު ނަގައި، ހުޅުވައިލިއެވެ. އެއާއިއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ލިބުނު ކުއްލި ސިހުމުގައި އޭނާއަށް މިރާހަށް އަވަސް ނަޒަރެއް ދެވުނެވެ. މިރާހުގެ އެތައް އިންޒާރަކަށް ފަހުގައިވެސް، ހަގީގަތާއި ހަމައަށް ވާސިލުވުމުގައި ކާމިޔާބު ހޯދަފާނެކަމަށް ޝައުކަތު ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. އެއީ އޭނާ ނުހަނު ފޮރުވައިގެން ގެންގުޅުނު ލިޔުންތަކެކެވެ. އެ ލިޔުންތައް މިރާހަށް ލިބުނީ ކިހިނެއް ހެއްޔެވެ؟ "ކިހިނެއް މި އެއްޗެހި..." ޝައުކަތަށް ބުނެވުނެވެ. "ޔޫ ޓުކް މަނީ..." މިރާހް ތަންކޮޅެއް މަޑުން ބުނެލިއެވެ. "އިންވެސްޓަރުން އަތުން އެތައް ލާރިއެއް ނަގައިގެން ތިހުރިހާ ކަމެއް ކުރާއިރު، މީ ސަރުކާރުގެ އޮފީހެއްކަން އެންމެ ރަނގަޅަށް އެނގެންޖެހޭ މީހާއަށް ނޭނގުން އެއީ މާ ބޮޑު މައްސަލައެއް..." ޝައުކަތުގެ ދެބުމަ ގޮށްޖެހުނެވެ. ފުންމައިގެން ގޮނޑިން ތެދުވިއެވެ. ރިމްޝާއަށް މިރާހުގެ އަތުގައި އަތް ޖައްސައިލެވުނެވެ. ޝައުކަތުގެ ފަރާތުން އައިސްދާނެ ހަމަލާއަކަށް ރިމްޝާ ހުރީ ތައްޔާރުވެގެންނެވެ. އަނެއްކޮޅުން މިރާހުގެ ޖެހިލުންކުޑަކަން ފެނި، ރިމްޝާއަށް މިރާހް އިތުރަށް ހާއްސަވިއެވެ. ހިތާއިހިތުން ތައުރީފު ކުރެވުނެވެ. "ސަބާސްޓިއަން އަތުން ލައްކައިން ފައިސާ ނަގައިގެން ބޭބެ މަސައްކަތްކުރީ އޭނަ ބޭނުންވި ބިން ހޯދަދޭން... އެކަން ނުވީ އީވްގެ ކެފޭ އެތަނުގަ ހުރީމަ... ބޭބެ މަސައްކަތްކުރީ އެތަން ދުއްވާލަން... އެކަންކުރަން އުނދަގޫވީ އެ ބިން އަމިއްލަކޮށްފަ އޮތީމަ.... ސަބާސްޓިއަންއަށްވެސް ބޭބެ ތިހުރީ އޮޅުވާލައިގެން..." އެ ހުރިހާ ވާހަކައެއް ދައްކަން މިރާހަށް ހިތްވަރު ލިބުނީ ރިމްޝާ ކައިރީގައި ހުރުމުންނެވެ. މާހައުލަށް ވެރިވީ ހިމޭންކަމެވެ. އޭސީގެ އަޑު ފިޔަވައި އިތުރު އަޑެއް ނީވި ހިނދުކޮޅެއް ފާއިތުވެގެން ދިޔައެވެ. "އެ ޑީލް ކެންސަލްވެއްޖެއްޔާ ބޭބެއަށް ލައްކައިން ގެއްލުންވާނެ... ބޭބެގެ ވަޒީފާވެސް ގެއްލޭނެ، ކޯޓު ކޭސްއަކަށް މިކަންތައް ދާނެ... ސަބާސްޓިއަން ހުރީ ދޫކުރާ ގޮތަކަށް ނޫން.... އަހަރެން މިހުރިހާ ޑޮކިޔުމަންޓެއް ހޯދީ އޭނަގެ އަތުން..." މިރާހް ބުނެލިއެވެ. ޝައުކަތުގެ ހަށިގަނޑުން ބާރު ދޫވިހެން އޭނާއަށް ހީވިއެވެ. އެންމެ ހީނުކުރާ މީހާ، މިއަދު އޭނާ ބަލިކަށި މީހަކަށް ހަދާލައިފިއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި، އާރާއި، ބާރާއި، ނުފޫޒުގެ ބޭނުންކޮށްގެން ޝައުކަތު ދިޔައީ މެދު އުޑުގައި ފިޔަޖަހަމުންނެވެ. "އަހަރެން މި ހުރިހާ ކަމެއް ކުރީ، އަހަރެންގެ އަމިއްލަ އުފަލަށް އެކަންޏެއް ނޫނޭ..." ޝައުކަތުގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. "އެކަމުން މިރާހަށްވެސް، އަހަރެމެންގެ މުޅި އާއިލާއަށްވެސް ފައިދާ..." "ބޭބެ ހުރިހާ ކަމެއް ކުރީ ހަމަ އަމިއްލަ ފައިދާއަށް..." ޝައުކަތުގެ ޖުމުލަ ފުރިހަމަކުރަންދެން މިރާހަކަށް ނުހުރެވުނެވެ. "މިކަމުގެ ތެރެއަށް ސޮބާހު ވައްދައިގެން ބޭބެ އުޅުނީ އާކިލްއަށް ޕްރެޝަރކޮށްގެން އޭނަ މިތަނުން ފޮނުވާލާކަށްނު... މަގާމުގެ ބޭނުންކޮށްގެން ބޭބެ ގެއްލުން ދިނީ އީވް އެކަންޏަކަށް ނޫނޭ.... ކުށެއްނެތް އެތައް ބަޔަކަށް ބޭބެ ގެއްލުންދީފި..." ޝައުކަތު އެއްޗެއް ނުބުނެ ހިމޭނުން ހުރީއެވެ. މިރާހަށް ދޭނެ ޖަވާބެއް އޭނާގެ އަތަކު ނެތެވެ. މިރާހް އައީ ހުރިހާ ހެއްކެއް ހިފައިގެންނެވެ. ޝައުކަތަށް އަނގަ ހުޅުވައިލެވޭކަށްވެސް ނެތެވެ. އިތުރު ވާހަކަ ދައްކަން ހަދައިގެން އިތުރަށް ބޭޒާރުވުން ނޫންކަމެއް ނުވާނެކަން ޝައުކަތަށް ގަބޫލުކުރެވުނެވެ. މިރާހް ކުރިއަށް ޖެހިލިއެވެ. ޝައުކަތުގެ އަތުން ފައިލު އަތުލައިގެން ހިނގައިގަތެވެ. ******** އިވްލީން ދޮރު ހުޅުވައިލީ ރިމްޝާ ޓަކި ޖަހާތާ އިރުކޮޅެއްވީ ފަހުންނެވެ. ހުޅުވިގެންދިޔަ ދޮރާއިއެކީ ދުވީ، މީރު ކާއެއްޗެއްގެ ވަހެވެ. ރިމްޝާއަށް އިވްލީން ފެނުމުން، ބައްދައިލިއެވެ. "ހާދަ ވަސް ރަނގަޅޭ..." ހަމަޖެހިލަން މަސައްކަތް ކުރަމުން ރިމްޝާ ބުނެލިއެވެ. "މިއުޅެނީ އާކްގެ މަންމަމެން ކާން އަންނަ ވާހަކަ ބުނެގެން މީރު އެއްޗެއް ހަދާލެވޭތޯ... އައި އޭމް ސޯ ނާވަސް..." އިވްލީން ސިއްރުން ބުނެލިއެވެ. "ވާއު..." ރިމްޝާގެ މޫނު އުޖާލާވިއެވެ. "ހެޕީ ފޯރ ޔޫ ޑާލިންގް... ކެއްކުމަށް އީވްއަށްވުރެ ކުޅަދާނަ މީހަކު މިރަށަކު ނުހުންނާނެ..." "ތޭންކްސް ރިމޫ އައީމަ... ކޮބާ މިރާހް؟... ނާދޭދޯ؟..." އިވްލީން ދޮރުން ބޭރު ބަލައިލިއެވެ. އޭނާ އުއްމީދުކުރިގޮތަށް މިރާހެއް ނައެވެ. "އޭނަ ހުރީ ވަރަށް ލަދުން.... އީވް ކުރިމައްޗަށް އަރަން ނުކެރިފަ..." ރިމްޝާ ތަފްސީލް ދިނެވެ. "ޝައުކަތު ކުރި ކަމެއްގެ ޒިންމާ މިރާހް ނަގާކަށް ނުޖެހޭނެ... އަހަރެންގެ ހިތް ސާފު... އަމިއްލަ އާއިލާގެ މީހަކު އެކަހަލަ ކަމެއް ކުރިނަމަ، އަހަންނަށްވެސް ސިއްރު ކުރެވޭނެ ކަންނޭނގެ..... ޔަގީނުންވެސް އެވާހަކަ ދައްކަން ފަސޭހައެއް ނުވާނެ... މިރާހް ކިހާ ބްރޭވް... އަމިއްލަ ބޭބެއާ ދެކޮޅަށް ހެކި ހޯދައިގެން ތެދުވަން ކެރޭނީ ވަރަށް ހިތްވަރުގަދަވީމަ... މިރާހް އެކަން ކުރީ، އެގޭ މީހުންނާވެސް ދެކޮޅަށް... އެގޭ މީހުން މިރާހް އެގެއިންވެސް ބޭރުކޮށްނުލާނެކަމެއް ނޭނގޭ..." "މިރާހް ހަމަޖެހިލަން ޓައިމް ދެމާ އިހަށް..." ރިމްޝާ އެދުނެވެ. "އަހަނ، އާކިލްވެސް އެބައިން ދޯ..." އެތެރެއަށް ވަން ރިމްޝާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އާކިލްގެ ކައިރީގައި އިށީނެވެ. އިވްލީން ދިޔައީ އުނދުން ކައިރިއަށެވެ. "މިހާރު މިގޭން ދުރަށްވެސް ނުދަންދޯ..." ރިމްޝާ އާކިލްއަށް ދިމާކުރިއެވެ. "ބައެއް ކުދިން ޖެލަސްވިޔަސް އަހަރެން މިގެއަށް އަންނާނަން... ބެސްޓީއެއް ހުއްޓަސް، އީވްވެސް އަމިއްލަ ކުރާނަން..." އާކިލް އެއްލޯ މަރައިލިއެވެ. "އަހަރެން ނޫޅެން އިނގޭ ޖެލަސްވެގެނެއް..." ރިމްޝާ ތުންފިއްތައިލިއެވެ. "އީވްއަށް އަބަދުވެސް އެންމެ ސްޕެޝަލްވާނީ އަހަރެންކަން އެނގޭ..." އާކިލް އެއްޗެއް ބުނަން އުޅެނިކޮށް، ދޮރުގައި ޓަކި ޖަހައިލި އަޑު އިވުނެވެ. ރިމްޝާ އާއި އިވްލީނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. ދެމީހުންގެ މޫނުންވެސް ބުނެދިނީ އެކަކުގެ ނަމެވެ. ދޮރު ހުޅުވީ ރިމްޝާއެވެ. ދޮރުމަތީގައި ހުރީ ރިމްޝާ އުއްމީދުކުރި ސޫރައެއް ނޫނެވެ. "ކީއްކުރަން ތިއައީ؟..." ރިމްޝާގެ ދެބުމަ ގޮށްޖެހުނެވެ. "ކޮބާ އީވް؟.." ގޭތެރެއަށް ނަޒަރު ހިންގައިލަމުން، ސޮބާހު އަހައިލިއެވެ. "ކީއްކުރަން އީވް ހޯދަނީ؟..." ދޮރުމަތިން ދުރަށްވެސް ޖެހިނުލައި ރިމްޝާ ސުވާލުކުރިއެވެ. "އަދިވެސް ކުރެވުނުވަރު ކުޑައީތަ؟..." "އަހަރެން..." ސޮބާހު އެއްޗެއް ބުނަން އުޅުނެވެ. "އެއީތަ އީވްގެ މަންމަ އެހާ ލޯބިދީގެން ބަލާ ބޮޑުކުރީމަ އޭނަގެ ދަރިއަކަށް ދޭން އެނގުނު ހަދިޔާއަކީ؟... އަމިއްލަ އެދުމުން ފޯވެފަ ހުރި މީހެއް ތީ..." ރިމްޝާގެ ރުޅި އިތުރަށް ގަދަވުން ނޫންކަމެއް ނުވިއެވެ. "ކާކު އައީ؟..." ދޮރު ކައިރިއަށް ދަމުން އިވްލީން އަހައިލިއެވެ. ސޮބާހަށް އިވްލީން ފެނުމުން، ރިމްޝާ ދުރުކޮށްފައި އެތެރެއަށް ވަނެވެ. ކުއްލިއަކަށް ސޮބާހު އެތެރެއަށް ވަންގޮތުން އިވްލީނަށް ސިހުމެއް ލިބުނެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ