ކެރީގެ އަސަރު ކުރި ނަމަވެސް މޫސުން ރަނގަޅުވާނެ، ވައި އަންނަނީ ސާފުވަމުން: މެޓް

މި ހަފުތާގައި އެކި ސަރަހައްދުތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް، އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ލަފާކޮށްފިއެވެ. މެޓުން މިއަދު 'ސަން'އަށް ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި، އާންމުގޮތެއްގައި މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްރަށަށް މޫސުން ރަނގަޅުވާނެ ކަމަށެވެ. އެއާއެކު، އިރު އުތުރާއި އިރުން މެދުރާއްޖެތެރެއާއި އުތުރަށް ގަޑިއަކު ހަތް މޭލާއި ސަތާރަ މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އަދި ދެކުނަށް ގަޑިއަކު ފަސް މޭލާއި ފަނަރަ މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ ކަމަށާއި އެކަމަކު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަންގާރަ ދުވަހުގެ ފަހުން އުތުރާއި މެދުރާއްޖެތެރެއަށް ކެރީގެ އަސަރު ކުރިޔަސް، ބޮޑު ވިއްސާރައެއް އޮތް ކަމަށް ނުދައްކާ ކަމަށް މެޓުން ބުންޏެވެ. އެކަމަކު ހަފުތާ ބަންދުގައި ރާއްޖޭގެ އެކި ހިސާބަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކޮށް، މެޓުން ބުނީ، ބައެއް ސަރަހައްދުތަކަށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު އައިކިއުއެއާއިން ދެއްކި ގޮތުގައި މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ އެ ދުވަހު އުޅުނީ 84 ގައެވެ. އަދި މާލޭގެ ވައިގައި ހިރަފުހާއި ދުމާއި ކުނޑި އެ ދުވަހު އުޅުނީ ކޮންމެ ކިއުބިކް މީޓަރަކަށް 27 މައިކްރޯގްރާމުގައެވެ. އެ ދުވަހު ދުރު ފެންނަ ދުރުމިން ހުރީ ދެ ކިލޯމީޓަރަށެވެ. https://sun.mv/216522 މިއަދު އައިކިއުއެއާއިން ދައްކާ ގޮތުގައި މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ އުޅެނީ 52 ގައެވެ. އަދި މާލޭގެ ވައިގައި ހިރަފުހާއި ދުމާއި ކުނޑި އުޅެނީ ކޮންމެ ކިއުބިކް މީޓަރަކަށް 9.4 މައިކްރޯގްރާމުގައެވެ. މިއީ އެހެން ދުވަސް ދުވަހާ ޚިލާފަށް ވަރަށް ބޮޑު ދަށްވުމެކެވެ. މެޓުން މިއަދު ބުނީ، ދުރު ފެންނަ ދުރުމިން މިއަދު ހުރީ މާލެ ސަރަހައްދުގައި ދިހަ ކިލޯމީޓަރު، އުތުރުގައި ނުވަ ކިލޯމީޓަރު، އަދި ދެކުނުގައި އަށް ކިލޯމީޓަރުގައި ކަމަށެވެ. މިހާރު ވައި ސާފު ކަމަށް ދައްކާ ކަމަށާއި، ކުރިއަށް ހުރި ދުވަސްތަކުގައި ވައި ސާފުވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. މި ދުވަސްވަރަކީ ސްކޫލު ޗުއްޓީ ދުވަސްވަރު ކަމަށް ވާތީ، އާންމު ގޮތެއްގައި އާއިލާތަކުން އެކި ސަރަހައްދުތަކަށް ދަތުރުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ